މާދަމާއަކީ ރަސްމީ ދުވަހެއް ނަމަވެސް ސްކޫލްތަކުގައި ކިޔެވުމެއް ނޯންނާނެ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފެބުރުވަރީ މަހުގެ 18 ވަނަ ދުވަސް ކަނޑައެޅުމާއެކު އެއީ ރަސްމީ ބަންދު ދުވަހެކެވެ. މާދަމާއަކީ ސަރުކާރުގެ ރަސްމީ ދުވަހެއް ނަމަވެސް ސްކޫލުތަކުގެ ކިޔެވުމެއް ނޯންނާނެއެވެ. މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން މާދަމާއަކީ ކިޔެވުން ނޯންނަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެކަމަކު މުދައްރިސުން ސްކޫލްތަކަށް ނުކުންނާނެއެވެ.

19 ވަނަ ދުވަހަކީ ކިޔެވުން ނޯންނަ ދުވަހެއްކަން ސްކޫލްތަކުން އެކުލަވާލައި ބެލެނިވެރިންނާ ހިއްސާކުރި ތާވަލުގައި ވެސް ހިމަނާފައިވެއެވެ.

ރަމަޟާން މަހުގެ ކިޔެވުން ކުރިއަށް ގެންދާނީ 22 ފެބުރުވަރީން 26 ފެބުރުވަރީ އަށެވެ. މާރޗް މަހުގެ 1ން 8އަށް ކުރިއަށް ދާނީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޑް މަސައްކަތްތަކެވެ. ރަމަޟާން މަހަށްފަހު ސްކޫލްތައް ހުޅުވޭނީ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.

ދިރާސީ އަހަރުގައި ސްކޫލް ދުވަހުގެ ގޮތުގައި 199 ދުވަސް ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން ކިޔަވައިދޭ ދުވަހުގެ އަދަދަކީ 160 ދުވަހެއެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވައިދޭ 84.5 ދުވަހާއި ދެވަނަ ޓާމުގައ ކިޔަވައިދޭ 75.5 ދުވަހެވެ. ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި ދިރާސީ ކަލަންޑަރުގައި 6 ދުވަސް ކަނޑައަޅާފައިވެއެވެ. އެއީ ފުރަތަމަ ޓާމުގައި 3.5 ދުވަހާއި ދެވަނަ ޓާމުގައި 2.5 ދުވަހެވެ. ދެން ހިމެނެނީ އިމްތިޙާނުތަކަށް ޚާއްޞަކޮށްފައިވާ 16 ދުވަހާއި ރިޕޯޓް ފޯމް ތައްޔާރު ކުރަން 10 ދުވަހާއި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ 7 ދުވަހެވެ.

ދިރާސީ ކަލަންޑަރު ފަސޭހައިން ބެލޭނެ ގޮތަށް ޑިޖިޓަލް ފޯމެޓްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *