މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ށ. ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
ފުނަދޫގައި ތަރައްޤީ ކުރެވޭ މި ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށާއި
މިފަދަ ޕްރޮޖެކްޓަކާއެކު ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

17,500 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލައަށް ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމް ކުރާ މި ސެންޓަރުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުރެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތަޢުލީމީ މަރުކަޒަކަށް ބޭނުންވާނެ އެންމެހާ މުހިއްމު ވަޞީލަތްތައް މިތަނުގައި ޤާއިމުކުރެވޭނެ ކަމަށް މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫ، ރ. އަލިފުށި، ނ. ވެލިދޫ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައި މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި މުހިއްމު މަޝްރޫއުގެ އިތުރުން، ހަމަ މިރަށުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފެށުމަށް މިވަނީ ހަމަޖެހިފައެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މި މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުސަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމުގައެވެ. އަދި މި ސެންޓަރުގެ ސަބަބުން މި ސަރަޙައްދުގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައެވެ.
މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑުން ކުރަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
advertisment
ހިޔާލު