ދިރާސާ ކުރުމަށްޓަކައި ގެންގުޅޭނެ ދިވެހި ހަވާލައިދިނުމުގެ ޤައުމީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓ (އެމްކިޔުއޭ)އިން ނެރެފިއެވެ.
ދިވެހި ހަވާލާދިނުމުގެ އުސްލޫބުގެ ނަމުގައި 47 ސަފުޙާގެ މައްޗަށް އެކުލެވޭ މި މި އުޞޫލު އެކުލަވާލީ، އެމްކިޔުއޭގެ ސީއީއޯގެ އިތުރުން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ.
މި ފޮތުގައި، އެމްކިޔުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރު ކުރުމުގެ އުސޫލުތައް ހަދައި ހިންގުން ހިމެނޭއިރު، ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގައި ހިންގާ ދިވެހިބަހުގެ ކޯސްތަކުގައި ދިރާސާ ކުރުމަށްޓަކައި ގެންގުޅޭނެ ދިވެހި ހަވާލައިދިނުމުގެ ޤައުމީ ފެންވަރުގެ އުސްލޫބެއް މީގެ ކުރިން ނެތް ކަމަށާއި ޤައުމީ ފެންވަރުގެ ރިފަރެންސިންގ އުސޫލެއް އޮތުން މުހިންމުވާ މައިގަނޑު ސަބަބުތަކެއް އެބަހުރި ކަމަވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ،
- ޢިލްމީ އަމާނާތްތެރިކަން ދެމެހެއްޓުމާއި ޢިލްމީ ވައްކަން ހުއްޓުވުން.
- އެއްގޮތްކަމާއި މިންގަނޑުތައް ހިފެހެއްޓުން.
- ޢިލްމީ ފުންމިނާއި ދިރާސާގެ ފެންވަރު ހާމަކޮށްދިނުން.
- ޢިލްމު ފެތުރުމާއި އިތުބާރު ހިފެހެއްޓުން.
- މަޢުލޫމާތު ހޯދުމަށް ސާފު މަގެއް ދައްކައިދިނުން.
- ހެކީގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަށް އެހީތެރިވުން.
ފިޒާނާވިދާޅުވެފައި ވަނީ، އެ މިންގަނޑު އެކުލަވައިލުމުގެ ސަބަބުން ތަޢުލީމީ އަދި ފަންނީ މުޢާމަލާތްތަކުގެ އިތުބާރާއި ފެންވަރާއި އަދި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އުޞޫލުގެ ސަބަބުން ދިވެހި ޢިލްމީ ދިރާސާވެރިންނަށާއި ކިޔަވާ ދަރިވަރުންނަށާއި ލިޔުންތެރިންނަށް ފެންވަރު ރަނގަޅު ދިވެހި ލިޔެކިޔުންތައް ޝާޢިއުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި އެ ފޮތަކީ ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ކުރެވިގެން ދިޔަ އަގުހުރި މަސައްކަތެއް ކަމަށެވެ.
އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި، ދިވެހި ހަވާލާދިނުމުގެ އުސްލޫބު އެކުލަވައިލީ ރާއްޖޭގައި މިވަގުތު ހުރި މަތީ ތަޢުލީމުގެ މައި މަރުކަޒުތަކުން ބައިވެރިވުމަށް ދައުވަތު ދެވިގެން އެ ތަންތަނުން އައްޔަނުކުރެއްވި މުވައްޒަފުން ހިމެނޭގޮތަށް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހަވާލާދިނުމުގެ މިންގަނޑު ދެލިކަރުދާސްކުރެވި، އަދި އެ ހުރިހައި މަރުކަޒުތަކުގެ އިދާރާތަކަށް އެ ދެލިކަރުދާސް ލަފަޔަށް އެދި ފޮނުވައިގެން ލިބުނު ޚިޔާލުތަކަށް ރިއާޔަތްކޮށްގެންނެވެ.
ދިވެހި ހަވާލާ ދިނުމުގެ އުސްލޫބަކީ ދިވެހިރާއްޖޭން އުފައްދާ ޢިލްމީ ލިޔުންތަކަށް ޚާއްސަ ކޮށްގެން ތައާރަފުކުރެވޭ އުސްލޫބެކެވެ. ދިވެހި ހަވާލާ ދިނުމުގެ އުސްލޫބަކީ، ނައްސުހަވާލާގެ ގޮތުގައި، 'މުސައްނިފު-އަހަރު ' ހަވާލާ އުސޫލެކެވެ. މި އުސޫލުގައި ކިތާބީ މައުލޫމާތު ތަފުސީލުކުރާނީ ހަވާލާ ލިސްޓުގައެވެ. މިގޮތުން ނައްސުހަވާލާގައި ބޭނުންކުރާނީ އާންމު އުސޫލުން މުސައްނިފުގެ ފަހުނަމާއި އަހަރެވެ. އަދި ބޭނުން ޖެހިއްޖެ ހިނދެއްގައި މުސައްނިފުގެ ފުރިހަމަ ނަން ވެސް ނައްސުހަވާލާގައި ބޭނުންކުރެވިދާނެއެވެ. ހަވާލާ ލިސްޓުގެ ފުރަތަމައަށް އޮންނާނީ ފުރަތަމަ މުސައްނިފުގެ ފަހުނަން އިސްފަސްކޮށްގެން ލިޔެ ހުރިހައި ހަވާލަތައް ހށ ތަރުތީބުންނެވެ. އިތުރު ތަފުސީލުތައް މި ފުރޭފުގައި ހިމަނާފައި ހުންނާނެއެވެ.
މި ހަވާލާދިނުމުގެ އުސްލޫބު، ދިވެހި ހަވާލާދިނުމުގެ އުސްލޫބު (އިނގިރޭސި ނަމުން ނަމަ Style Referencing Dhivehi ) ބިނާކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒުތަކުގައި އާންމުކޮށް ބޭނުންކުރާ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ހަވާލާދިނުމުގެ އުސްލޫބު (APA Style Referencing ) އަދި އެއާ ވަރަށް އެއްގޮތް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން ހަވާލާދިނުމުގެ އުސްލޫބު ( Referencing ASA Style ) އަސްލަކަށް ބަލައިގެންނެވެ. ނައްސު ހަވާލާގެ އުސޫލުތަކާއި ހަވާލާ ލިސްޓުގައި ހިމާނާ ކިތާބީ މައުލޫމާތުތަކުގެ އުސޫލުތައް ކަނޑައެޅުމުގައި ބޮޑަށް ބުރަވީ އޭޕީއޭ އުސްލޫބަށެވެ. އޭއެސްއޭ އުސްލޫބަށް ބޮޑަށް ބުރަވީ ހަވާލާ ލިސްޓުގައި މުސައްނިފުންގެ ނަން ލިޔުމުގައި ދިވެހިވަންތަ ގޮތް ބޮޑަށް ގުޅެނީ އެ އުސްލޫބުގައި ބޭނުންކުރާ ގޮތަށް މުސައްނިފުންގެ ނަންތައް އެބްރިވިއޭޓްކުރަން ނުޖެހޭތީ އެގޮތަށް ބޮޑަށް ބުރަވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު