އަބްދުﷲ ނަސީމް ޢަބްދުލްމަތީން
1951 ވަނަ އަހަރު އިންޑިއާގެ ޗިނަކުރްލީ އަވަށަށް އުފަންވި އަންކޭ ގައުޑާއަކީ ދަނޑުވެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކޮށްފައިވާ، އާދައިގެ ދިރިއުޅުމެއް އުޅުނު މާރީގައުޑާ އާއި ނިންގައްމާއަށް ލިބުނު އުންމީދުގެ ހުޅުކޮޅެވެ. ކެތްތެރިކަމާއި މަޑުމައިތިރި މިޒާޖުގެވެރި އަންކޭގެ ތަޢުލީމީ ޙަޔާތުގެ އެންމެ ފުރަތަމަ އުސްތާޒުންނަކީ ދަނޑުބިންތަކާއި ޤުދުރަތީ މާޙައުލެވެ. ތައުލީމުގެ ވިދުވަރު ފަނޑު އެޒަމާނުގައި، މަދުންނޫނީ ނުފެންނަ ފޮތްތަކަކީ އޭނާގެ ހިތުގައި އުފެދުނު އުންމީދުގެ އަލިކަމެވެ.

ޙަޔާތުގެ މިސްރާބު ބަދަލުކުރީ ޓީޗަރު
އަންކޭގެ ޙަޔާތުގެ މިސްރާބު އެކީއެކައްޗަށް ބަދަލުވެގެންދިޔައީ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރު، އޭނާގެ އުސްތާޒު އަނަންތަރާމޫ ދެއްވި އަގުހުރި ނަސޭހަތަކުންނެވެ.
އުސްތާޒު އިރުޝާދު ދެއްވިއެވެ. "ކިޔަވާށެވެ، ފޮތްތައް އެއްކުރާށެވެ، އަދި އެހެން މީހުންނާ އެ މަޢުލޫމާތުތައް ހިއްސާކުރާށެވެ"
މި ބަސްތައް ވެގެންދިޔައީ އަންކޭގެ ޙަޔާތުގެ މަޤްޞަދަށެވެ. ތަޢުލީމުގެ ފުން ކަނޑު ހުރަސްކޮށް އަދަބިއްޔާތުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކޮށް އަންކޭ ގައުޑާގެ މަސައްކަތުގެ މައިގަނޑު އަމާޒަކަށް ވެގެންދިޔައީ އަމިއްލަ މަންފާއަށްވުރެ ބޮޑަށް، އިލްމަށް ފެންބޮވައިގެންފައިވާ ކޮންމެ މީހަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އޭނާގެ ހިތުގައި އުނގެނުމުގެ މާނައަކީ މަޢުލޫމާތު އެއްކުރުމެއް ނޫނެވެ. އެއީ އިންސާނާއަށް ލިބޭ ހިތްހަމަޖެހުމެވެ. އަދި އެއީ އިންސާނާގެ މުޅި އުމުރު އެކަމަށް ދެމިގެންދާ މަތިވެރި ގޮވައިލުމެކެވެ.
އުމުރުން 20 އަހަރުގައި އަންކޭ އަދާކުރަމުން ދިޔައީ ބަސް ކޮންޑަކްޓަރެއްގެ ވަޒީފާއެކެވެ. އެއީ ބުރަ މަސައްކަތެކެވެ. ލިބެމުންދިޔައީ ވަޒީފާއާއި އެކަށޭނަ އުޖޫރައެއް ނޫނެވެ. ނަމަވެސް، އެ ވަޒީފާ ވެގެންދިޔައީ އޭނާގެ މަޤްޞަދު ޙާޞިލުކުރުމަށް އެޅުނު ވަރުގަދަ ބިންގަލަކަށެވެ. ވަޒީފާގެ މާޙައުލުގެ އަޑުގަދަކަމާއި ބުރަކަމުގެ ތެރޭގައިވެސް، އޭނާގެ ފިކުރު ހުސްވީ ފޮތްތަކުގެ ޢިލްމީ ދުނިޔެއަށެވެ. މަސައްކަތުން ހުސްވާ ކޮންމެ ވަގުތެއް އޭނާ ހޭދަކުރީ ފޮތްތައް އެއްކުރުމުގައެވެ.

އަހަރުތަކެއް ފަހެވެ. މިހާރު އަންކޭ މަސައްކަތް ކުރަމުންދަނީ ހަކުރު ފެކްޓްރީއެއްގައެވެ. ތިރީހަކަށް އަހަރު ވަންދެން އެ ބުރަ މަސައްކަތުގައި އޭނާ ދެމިހުރިއިރު ވެސް އަންކޭއާއި ފޮތާއި ދެމެދުގައި އުފެދިފައިވާ ޒަމާނީ ގާތް ގުޅުމަކަށް ބަދަލެއް ނާދެއެވެ. ކޮންމެ މަހަކު ލިބޭ މަދު އާމްދަނީ ހޭދަކުރުމުގައި އަންކޭގެ ކުރިމަތީގައި ވަނީ ދެ އިޚްތިޔާރެކެވެ. އަމިއްލަ މަންފާއަށް ހޭދަކުރުމެވެ. ނުވަތަ ލިބިފައިވާ މުސާރާގެ މަދަދާއިއެކު ޢިލްމީ ޚަޒާނާ އިތުރަށް ތަރައްޤީކުރުމެވެ. މިއީ މިއަދުގެ ޖުވާން ޒީލަށް މުހިއްމު އިބުރަތެކެވެ. އަންކޭގެ އެންމެ އިސް ވާޖިބަކީ ޢިލްމީ މުއްސަނދިކަން ހޯދުމެވެ. އެގޮތުން އޭނާގެ އާމްދަނީގެ އައްޑިހަ އިންސައްތަ ހޭދަކުރީ ފޮތް ގަތުމަށެވެ. މިއީ އޭނާ ބިނާކުރަމުންދިޔަ ފިކުރީ ގަނޑުވަރު އުފެދުމުގެ އަސްލެވެ.
ގެދޮރުވިއްކާލީ އިލްމް ފެތުރުމުގެ ބޭނުމުގައި ކުތުބުޚާނާ ފުޅާކުރަން
ފޮތްތަކުގެ ޢަދަދު ގިނަވެ، މައިސޫރުގައި ހުރި އޭނާގެ އަމިއްލަ ގޭގައި އެ ތަކެތި ރައްކާކުރާނެ ޖާގައެއް ނެތެއެވެ. އެވަގުތަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަންޖެހޭނެ ނިންމުމެއް ނިންމަން ޖެހުނު ވަގުތެވެ. އަމިއްލަ ބޯހިޔާވަހިކަމަށް އިސްކަންދޭނީތޯއެވެ. ނުވަތަ މުޖުތަމަޢުގެ ލާބައަށްޓަކައި އެ ކުތުބުޚާނާ ފުޅާކުރާނީތޯއެވެ. އޭނާ އިޚްތިޔާރު ކުރީ އަމިއްލަ މަޞްލަޙަތަށްވުރެ ބޮޑަށް، ޢާންމު މަންފާއަށްޓަކައި އެ ޢިލްމީ ޚަޒާނާ ފުޅާކުރުމުގެ މަތިވެރި ނިންމުމެވެ. އަމިއްލަ ގެ ވިއްކާލުމަށްފަހު، އަމިއްލަ އަރާމާއި ރައްކާތެރިކަމުގެ ބަދަލުގައި، ޢާންމު މަޞްލަޙަތާއި އިލްމީ މުސްތަޤްބަލަކަށްޓަކައި އޭނާގެ ހުރިހާ އެއްޗެއް ޤުރްބާންކުރިއެވެ.

މި ޤުރްބާނީގެ ރަހަ ކިހާ ފޮނިތޯއެވެ. "ޕުސްތަކަ މަނޭ" ނުވަތަ "ފޮތްތަކުގެ ގެ" މިއަދު މިވަނީ ވުޖޫދަށް އައިސްފައެވެ. މިއީ ވިހި ބަހަކަށްވުރެ ގިނަ ބަހުން ލިޔެފައިވާ، ދެ މިލިއަނަށްވުރެ ގިނަ ފޮތް ހިމެނޭ އިލްމީ ގޮތުން މުއްސަނދި ބިނާއެކެވެ. މި ކުތުބުޚާނާގެ ހަރުތަށް ފުރިފައިވަނީ ތާރީޚުގެ ސަފުޙާތަކުންނެވެ. ފުން ފަލްސަފާތަކާއި ފުލޯކް ވާހަކަތަކުންނެވެ. ޚިޔާލީ ދުނިޔޭގެ ރީތި ތަޞްވީރުތައް އެކުލެވޭ ފޮތްތަކުންނެވެ. ބަސްފޮތްތަކާއި، އަތުން ލިޔެފައިވާ އަގުބޮޑު ލިޔުންތަކާއި، މަޖައްލާތަކުން ފުރިގެންވާ މި ބިނާއަކީ ދިރިހުރި އިލްމީ ޚަޒާނާއެކެވެ. އިލްމު ހޯދުމުގެ މަގުގައި އެންމެންނަކީވެސް ހަމަހަމަ ބައެކެވެ. އެއްވެސް ފީއެއް ދެއްކުމެއްނެތި، އެއްވެސް ތަފާތުކުރުމެއްނެތި، އިލްމަށް އެދޭ ކޮންމެ މީހަކަށް އެ ކުތުބުޚާނާގެ ދޮރުތައް ވަނީ ހުޅުވާލެވިފައެވެ.
މިއަދު އަންކޭ ދިރިއުޅެމުންދަނީ އޭނާގެ އަނބިކަނބަލުން ވިޖަޔަލަކްޝްމީ އާއި ދަރިފުޅު ސާގަރްއާއެކު މި ކުތުބުޚާނާގެ ތެރޭގައެވެ. ކައިބޮއި އުޅެނީ ކުތުބުޚާނާގެ ކަނެއްގައެވެ. ނިދަނީ ތަޅުންގަނޑުމަތީގައެވެ. މިއާއިއެކުވެސް ކޮންމެ ދުވަހަކު އެތައް ހާސް ފޮތްތަކެއް ތަރުތީބުކޮށް ބެލެހެއްޓުމުގައި އޭނާ އަގުހުރި ވަގުތު ހޭދަކުރެއެވެ. އަދިވެސް ޖަމާނުކުރެވި ގިނަ އަދަދެއްގެ ފޮތްތަކެއް އެބަހުއްޓެވެ.
މިއަދު އެ ކުތުބުޚާނާއަކީ އިލްމީ މާހިރަކަށް ވުމަށް އެދޭ ކޮންމެ މީހަކަށް އުންމީދު އާކޮށްދޭ، އިލްމީ ރޫޙުން ފުރިފައިވާ މަރުކަޒެކެވެ.

ޚިދުމަތުގެ އަގުވަޒަންކޮށް "ޕަދުމާ ޝްރީ" އެވޯޑް
އަންކޭގެ މި މަތިވެރި ޚިދުމަތުގެ އަގުވަޒަންކޮށް، 2024 ވަނަ އަހަރު އިންޑިއާ ސަރުކާރުން "ޕަދުމާ ޝްރީ" އެވޯޑް އޭނާއަށް އެރުވިއެވެ. މިއީ އެތައް އަހަރެއްގެ ހިމޭން މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ލިބިގެންދިޔަ ބޮޑު ޝަރަފެކެވެ. މި ޝަރަފާއެކު ވެސް، އަންކޭގެ ދިރިއުޅުމަކަށް ބަދަލެއް ނާދެއެވެ. އަންކޭއަށް ލިބޭ އެންމެ ބޮޑު އުފަލަކީ އޭނާ އަމިއްލަ އަތުން ފަރުމާކޮށް ތަރައްޤީކޮށްފައިވާ އިލްމީ ބިނާއަށް، އުމުރެއް ބެލުމެއްނެތި، މީހުން ޒިޔާރަތްކުރާ އަދަދު ގިނަވުމެވެ.
އަންކޭގެ ހަޔާތުން ދަސްވި އެންމެ އަގުބޮޑު ފިލާވަޅަކީ އިލްމު ފެތުރުމުގެ މުހިއްމުކަމެވެ. މިއާއިއެކު ތިމާ ހާސިލްކުރަން ބޭނުންވާ ލަނޑުގަޑިއަށް ވާސިލްވުމުގައި ކެތްތެރިކަމާއި ހިންމަތްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަމެވެ.
ހިރަފުސް ބޯ އަވަށެއްގައި ފެށި އެ ދަތުރުން ޖީލުތަކަށް ދެމިގެންދާނެ މުއްސަނދި ތަރިކައެއް އަންކޭ ވަނީ ބިނާކޮށްފައެވެ. ދަތިކަމުން އަމާންކަމަށް، އެކަނިވެރިކަމުން އެކުވެރިކަމަށް ބަދަލުކޮށްފައެވެ. "ޕުސްތަކަ މާނޭ" އަކީ ދިރުމުން ފުރިގެންވާ ތަނެކެވެ. ކުތުބުޚާނާގެ ތެރޭގައި އަތުރާފައިވާ ކޮންމެ ސަފުޙާއަކީ ހިތަށް ލިބިގެންދާ ފިނިކަމެވެ. ކުތުބުޚާނާއަށް ޒިޔާރަތްކުރާ ކޮންމެ ކިޔުންތެރިއަކީ އުންމީދުގެ އަލިކަމެވެ. ހަރުތަކުގައި އެތުރާފައިވާ ކޮންމެ ފޮތަކީވެސް އުންމީދު އާލާކޮށްދޭ ވިދާ ތަރިއެކެވެ. މިއަދު އިންޑިއާގެ ރަށްވެހިންގެ ދޫދޫމަތިން ތަކުރާރުވަމުން އެދަނީ، ފޮތް މަދު ޒަމާނެއްގައި އާދައިގެ ދިރިއުޅުމެއް އުޅުނު ދަނޑުވެރި އާއިލާއަކަށް އުފަންވި އަންކޭ ގައުޑާގެ ވާހަކައެވެ.
advertisment
ހިޔާލު