މިހާރު ކުރިއަށް ގެންދާ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީއެޗްއެސްއީ މާލެ ހޯދައިފިއެވެ.
ސީއެޗްއެސްއީ މާލެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ، ފުރަތަމަ މެޗްގައި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް 2-1 އިން މޮޅުވެ ދެވަނަ މެޗް ސީއެޗްއެސްއީ ހުޅުމާލޭގެ މައްޗަށް ހޯދި މޮޅާއެކުގައެވެ. އިއްޔެ ހަވީރު ކުޅުނު މެޗްގައި ސީއެޗްއެސްއީ މާލެ މޮޅުވީ 1-7 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ސީއެޗްއެސްއީ މާލޭ ސްކޫލްގެ އަހުމަދު މިކްޔާލް މުއީނެވެ.
އަޙްމަދިއްޔާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ 6-0 ގެ ތަފާތަކުން ސީއެޗްއެސްއީ ހުޅުމާލެ އަތުންނެއެވެ. ދެވަނަ މެޗްގައި އަޙްމަދިއްޔާ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްވީ 1-1 އިން އެއްވަރެވެ.
ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާނީ އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެ ދުވަހު ހަވީރު 4 ޖަހާއިރު ކުޅޭނީ ސީއެޗްއެސްއީ ހުޅުމާލެ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއެވެ. އެ ރޭ 9 ޖަހާއިރު ކުޅޭނީ އަހުމަދިއްޔާ އާއި ސީއެޗްއެސްއީ މާލެއެވެ.
ފައިނަލުގެ ފަހުޖާގައަށް ވާދަކުރަނީ ވިލާއާއި އަޙްމަދިއްޔާއެވެ. އަޙްމަދިއްޔާއަށް ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު ވިލާއަށް ލިބިފައިވަނީ ދެ މެޗުން އެއް ޕޮއިންޓެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް (75 އަހަރު ފުރުން) ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި ހަތަރު ސްކޫލް ބައިވެރިވިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ.
advertisment
ހިޔާލު