ކ. ހިންމަފުށި ސްކޫލަށް ބޭނުންވި 130 ޑެސްކް އައްސޭރި ޖަލުގެ ގައިދީން ޖަހައިދީފިއެވެ. ގައިދީންނާއެކު އެ މަސައްކަތުގައި ޖަލު ބަލަހައްޓާ އޮފިސަރުން ވެސް ބައިވެރިވިއެވެ.
މި މަސައްކަތް ގައިދީން ކުރީ ދިރާސީ އައު އަހަރަށް އަމާޒުކޮށް ޖެނުވަރީ މަހުގެ ފަހުކޮޅުއެވެ.
ޑެސްކް ޖެހުމުގެ މަސައްކަތް ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުން ކުރި ނަމަވެސް އ މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ހިންމަފުށީ ސްކޫލުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނީ، މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭސާބަހަށް ކަމަށެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީން ލައްވާ ދުވަހު މުސާރަ ލިބޭ ގޮތަށް ޖަލުގެ ތެރޭގެ އެކިއެކި މަސައްކަތް މިހާރުވެސް ކުރެއެވެ. އާންމު ގޮތެއްގައި ކުރަނީ ވަޑާން ކުރުމާއި ދަނޑުހެއްދުންފަދަ މަސައްކަތްތަކެވެ.
advertisment
ހިޔާލު