ރަޖިސްޓަރީކޮށްފިންތަ! އެމްއެންޔޫ މެރަތަންގައި ބައިވެރިވުމުގެ ސުންގަޑި މި ރެއަށް ހަމަވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެރަތަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިރޭ 23.59 އަށް ހަމަވާނެއެވެ.

އެމްއެންޔޫ މެރަތަން ބާއްވަނީ އަންނަ ފެބުރުއަރީ 13 ވާ ހުކުރު ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި މެރެތަންގައި ޕްރޮފެޝަނަލް ދުވުންތެރިން ފެށިގެން އާއިލާ އަދި ކުޑަކުދިންނާ ހަމައަށް ހުރިހާ އުމުރުފުރައެއްގެ އަދި ފިޓްނަސް ލެވެލްގެ ބައިވެރިންނަށް ހާއްސަ ކެޓަގަރީތަކެއް ހިމެނޭނެއެވެ. މި އަހަރުގެ މެރެތަން ވެގެންދާނީ އުމުރުން 65 އަހަރުން މަތީގެ ބައިވެރިންނަށް ހާއްސަ މުބާރާތްތަކެއް ތައާރަފްކޮށް، ޖީލުތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެމްއެންޔޫ އިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ މެރެތަން އަކަށެވެ.

އެމްއެންޔޫ މެރަތަންގައި ހިމެނޭ ފުލް މެރަތަން ފަށާނީ ދަންވަރު 2:00 ގައެވެ. ފަތިހު 4:00 ގައި 21 ކިލޯމީޓަރުގެ ހާފް މެރެތަން، އަދި ފަތިހު 5:30 ގައި 10 ކިލޯމީޓަރު އަދި ހެނދުނު 6:00 ގައި ފަސް ކިލޯމީޓަރުގެ ރޭސް ފަށާނެއެވެ. ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ކިޑްސް ޑޭޝް" ފަށާނީ ހެނދުނު 7:00 ގަ އެވެ. އަދި ކިޑްސް ޑޭޝްގައި ބައިވެރިވުމަށް ބެލެނިވެރިންނަށް ވެސް ދައުވަތު އަރުވަމެވެ.

ރޭސް ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރސް މެޑެއްޔަކާއި ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު އަންހެން ދުވުންތެރިންނަށް ފައިސާގެ އިނާމު ދެއެވެ. ކޮންމެ ރޭހެއްގެ ކެޓަގަރީއަކުން ވެސް އެންމެ މަތީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރުން މަތީގެ އެންމެ މޮޅު އަންހެން ދުވުންތެރިންނަށް އެވެ. ހުރިހާ ރޭހެއް ވެސް ކުރިއަށް ގެންދާނީ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ ފަސް ކިލޯމީޓަރުގެ ލޫޕެއްގައި ކަމަށާއި މި އިވެންޓުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މެޑިކަލް އަދި އިމަޖެންސީ ޓީމުތައް ތިބޭނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ރަސްމީ މެރެތަން ވެބްސައިޓް މެދުވެރިކޮށް  ރަޖިސްޓްރީ ކުރާ ކޮންމެ ބައިވެރިއަކަށް ވެސް ޓީޝާޓަކާއި ރޭސް ބިބް ހިމެނޭ ރޭސް ކިޓެއް ލިބޭނެ އެވެ. ރޭސް ކިޓް ޑިސްޓްރިބިއުޝަން އެކްސްޕޯ އޮންނާނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 އަދި 12 ވަނަ ދުވަހު މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށް އެމްއެންޔޫ އޭ-ބްލޮކް އޮޑިޓޯރިއަމްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *