އިންޑިއާގެ ގާޒިއާބާދުގެ އެއް އާއިލާއެއްގެ ތިން އަންހެންކުދިންގެ މަރު: މުޅި މުޖުތަމައަށް އޮތް ފުން އިބުރަތެއް

ޑރ. އާސިޔަތު މުޙައްމަދު ދީދީ

ތެރެއަށް ގެއްލިފައި ތިބޭ ކުދިން ތިބި ކޮންމެ ގެއަކަށް ދެވޭ އިންޒާރުގެ ރަނގަބީލެކެވެ. އުފާވެރި އެއް އާއިލާއަކަށް ނިސްބަތްވާ ތިން އަންހެން ކޮއްކޮއިންނެވެ. އާދައިގެ ރޭގަނޑެއްގެ ނިމުން އައީ ހިތަށްވެސް ނުގެނެވޭ ފަދަ ބިރުވެރި ހެނދުނަކަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އޮންލައިންކޮށް ކުޅޭ "ޓާސްކް" ތަކެއް ފުރިހަމަކުރަންޖެހޭ ގޭމެއްގެ ނުފޫޒުންތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކުދިންގެ ބައްޕަ ބުނާ ގޮތުގައި، އެކުދިން އާންމުކޮށް ކޮރެއާގެ ގޭމެއް ކުޅެއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ހާދިސާ ހިނގި ތަނުގެ ޕޮލިހުންނަށް ފެނުނު ކަންކަމަށް ބަލައި ޕޮލިހުން ލަފާކުރަނީ، މިއީ ކުއްލިއަކަށް ކުރި ކަމެއް ނޫން ކަމާއި، މިއީ ދުރާލާ ރާވައިގެން އެކުދިން ކޮށްފައިވާ ކަމެއްކަމެވެ. ގިނަބަޔަކު ލަފާކުރާ ގޮތުގައި މިއަމަލަކީ ގޭމްގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކަށް އެކުދިންނަށް ކޮންމެވެސް ފަރާތަކުން ދީފައިވާ އިރުޝާދުތަކަކަށް ތަބާވުމަށް އެކުދިން ކޮށްފައިވާ ކަމެކެވެ.

ހަގީގީ ބިރުވެރިކަން އޮތީ މިހިސާބުގައެވެ. އާންމުކޮށް އަޅުގަނޑުމެން ގަބޫލުކުރަނީ ނުރައްކާ އަންނާނީ ގޭގެ ބޭރުން ކަމަށެވެ. ނަމަވެސް، މިއަދު ނުރައްކާ މިވަނީ ގޭގެ އެތެރޭގައި، ކުޑަކުއްޖާގެ އަތްތިލަ މަތީގައި އޮތް ފޯނުގެ ތެރޭގައެވެ. ގޭމެއް ނުވަތަ "ޗެލެންޖެއް" ގެ ސިފައިގައި ފެންނަ މިފަދަ ކަންކަން ފެށެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުޑަކުދިންގެ ޝައުގުވެރިކަމާއި ސިއްރުވެރިކަމުގެ ބޭނުން ހިފައި، ނަފްސާނީ ގޮތުން އެކުދިން މަޅީގައި ޖައްސައެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްގޮސް، އާއިލާއާ އެކުދިން ދުރުކުރުވައި، ހަގީގީ ދުނިޔެއަށްވުރެ އެ ގޭމްގެ ދުނިޔެ ބޮޑުވެ ވާރތުއަލް ދުނިޔެއެއީ އެކުދިންގެ ހަގީގީ ދުނިޔެކަމަށް ގަބޫލު ކުރާ ހިސާބަށް ކަންކަން ގެންދެއެވެ.

މިފަދަ ކަންކަން ކުދިން ކުރާއިރު ގިނަފަހަރަށް ބެލެނިވެރިންނަށް އެއްވެސް ކަމެއްރޭކާވެސް ނުލައެވެ. ސަބަބަކީ މިފަދަ ގޭމްތަކާ ބެހޭގޮތުން ނުވަތަ އޮންލައިން ކޮށް ކުރެވޭ އެއްވެސް ސިއްރު މިފަދަ މުޢަމާލަތަކާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށް އެކުދިންނަށް ހަރުކަށިކޮށް އިރުޝާދު ދެވެއެވެ. އެކުދިންނަށް އިހުސާސްކޮށްދެވެނީ މިއީ ވަރަށް "ޚާއްސަ" އަދި ސިއްރު މިޝަނެއްގެ ބައެއްގެ ގޮތުގައެވެ. ސިއްރު ނުހިފެހެއްޓިއްޖެނަމަ އެކުދިން ޓާސްކުން ނުވަތަ ގޭމުން ބޭރުވާނެ ކަމެވެ. މި ބުނާ ސިއްރުވެރިކަމަކީ އެކުދިން މަޅީގައި ޖައްސަން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ.

މި ހާދިސާ ނުވަތަ މިފަދަ ކޮންމެ ހާދިސާއެއްވެސް ދެތިން ދުވަސް ފަހުން ހަނދާން ނައްތާލުމުގަ ބދަލުގައި އިބުރަތް ހާސިލްކޮށް އަބަދުވެސް ޖަވާބު ހޯދަން ޖެހޭ ސުވާލުތަކަކާ ދޭތެރޭ ވިސްނާލަން ޖެހެއެވެ. އެހެނީ މިއީ އަޅުގަނޑުމެނަށް އިހުސާސް ކުރެވޭ މިންވަރަށް ވުރެ މާބިރުވެރި ކަމާއެކު ފުޅާކޮށް ފެތުރިފައިވާ ކަމެކެވެ.

  • އަޅުގަނޑުމެންގެ ދަރިން އޮންލައިން ކޮށްކުޅެނީ ކޮންކަހަލަ ގޭމެއްކަން އަޅުގަނޑުމެންނަށް އެނގޭ ހެއްޔެވެ؟
  • އޮންލައިންކޮށް އެކުދިން ވާހަކަދައްކަނީ ކޮން ބަޔަކާކަން އެނގޭ ހެއްޔެވެ؟
  • އޮންލައިންކޮށް އެކުދިން ވާހަކަ ދައްކަނީ ކޮނ ބަޔަކާކަން އެކުދިންނަށް އެނގޭ ހެއްޔެވެ؟
  • އަދި އެކުދިން ނިދީއޭ ހީކޮށްފައި ތިބޭއިރު، ފޯނުން ބަލަނީ ކޮން އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގޭ ހެއްޔެވެ؟
  • އަދި "އެކުދިން ގޭމެއް ކުޅެނީ" ބެނެލުމުން އެއްވެސް ވަރަކަށް ބަލައިނުލާ ދޫކޮށްލެވެނީ ކިތައްފަހަރު ހެއްޔެވެ؟

މިއަދުގެ ދުނިޔޭގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މަރުހަލާ ތަކުގައި، ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވެ އެކަމަށް ސަމާލުވުމަކީ އެއްވެސް ބެލެނި ވެރިޔަކަށް އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ މަޖުބޫރު ކަމެކެވެ. ބޮޑުވަމުންދާ ޖީލުތަކުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ހޭލުންތެރިކަން އާދަޔާޚިލާފަށް އިތުރުކުރަންޖެހެއެވެ. އެއީ ފާރަލުން ކަމުގައި އެކުދިންނަށް ހީވިޔަސް ބުނެދޭންވީ އެއީ ފާރަލުން ނޫންކަމެވެ. އަދި ބެލެނިވެރިން ދަސް ކުރަންޖެހެނީ އެއްޗިހި ކިޔައި ހަޅޭއްނުލަވައި މިކަން ކުރާނެ ހުނަރުތަކެވެ. މިކަން މިގޮތަށް ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެއެވެ.

  • ކުދިން ކުރާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރި ވުމެވެ.
  • ކުދިން ގޭމް ކުޅޭއިރު އެކުދިން ކައިރީ އިށީނދެ އަކަމާ ވާހަކަ ދައްކާ ބައިވެރިވުމެވެ.
  • އޮންލައިން ކޮށް ދިމާވާ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުން އާންމުކުރުމެވެ.
  • އެއްވެސް މީހަކު ބުނާކަމެއްކުރުން އެކުދިންގެ އަމިއްލަ ނަފުސުގެ ރައްކާތެރިމަށް ވުރެ މުހިއްމު ނޫންކަން ބުނެދިނުމެވެ.
  • އަސްލު ނަން ނުބުނެ ނުވަތަ އަސްލު ސިފަ ނުފެންނަ އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެ ކަމެވެ.
  • ހެޔޮ އެދޭމީހަކު އެކުއްޖަކު ކުރަން ބޭނުންނުވާ ކަމެއް ކުރުވުން ނުވަތަ  އެކުއަޖަކަށް އެއްވެސް ގޮތަކަށް ގެލުންވާނެ ކަމެއް ކުރަން ނުބުނާނެކަން ތަކުރާރުކޮށް ވިސްނަދިނުމެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބެލެނިވަރިޔަކުވެސް ހަނދާކުރަންވީ މިހާރު އިންޓަރނެޓަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫންކަމެވެ. މިއީ ނުވެސްދަންނަ އެތައް ބަޔަކަށް ގޭގެ ދޮރުން އެތެރެނުވެ، ކުޑަކުދިންގެ ސިކުނޑިތަކާ ކުޅެލެވޭ ފަދަ ނަފްސާނީ މާހައްލެކެވެ. ނުހަނު ހިތްދަތި މިހާދިސާއިން އެނގުގެންދަނީ ހަމަ އެކަނި ދަރިންދެކެ ލޯބިވުމުން ނުފުދޭކަމާއި، ވަށައިގެންވާ މާއަހްލަށް ހޭލުންތެރި ކުރުވުން ނިހާޔަތަށް މުހިއްމު ކަމެވެ.

މިފަދަ ކޮންމެ ހާދިސާ އަކީ އަޅުގަނޑުމެން ބެލެނި ވެރިން އިބުރަތެއް ކަމުގައި ނަގައި އިތުރަށް ސަމާލުވެ، ކުދިން އެޅުމުންދާ ޑިޖިޓަލް ދުނިޔެދަސްކޮށް، ކުދިންނަށް ވަށައިގެންވާ މާހައްލަށް ސާމާލުވާން ލިބިގެންދާ ފުރުސަތެކެވެ. މިފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ކުރެވޭ މަސައްކަތަކުން އެންމެ ކުއްޖެއް ނުވަތަ އެންމެ އާއިލާއެއް ސަލާމަތް ކުރެވުނަސް ކުރެވޭ މަސައްކަތަކީ ބޭކާރުކަމަކަށް ނުވާނެއެވެ. ތިޔައިން ކޮންމެ ބެލެނިވެރިޔެއްގެވެސް ލޮލުގެ ނޫރުކަމުގައިވާ ދަރިންނާ ވާހަކަ ދައްކާށެވެ. އަބަދު ކިޔެވުމެ މާރކުސް ނުވަތަ ހޯމްވާރކާ ބެހޭ ގޮތުންނޫނެވެ. އެކުދިންގެ ހަގީގީ ދުނިޔެއާއި ވާރތުއަލް ދުނިޔޭގައި ހިނގާ ކަންކަމާ ބެހޭގޮތުންނެވެ. އިންޝާﷲ ރަނގަޅުގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ އަންނަން އޮތްޖީލުތަކަށް މިކަން މިއަދަށް ވުރެ ރަނގަޅަށް ކޮށް ޒިންމާރުވުމަށް ދަސްކޮށް ދެވޭނެއެވެ. ހަނދާކުރަންވީ މިއީ އަޅުގަނޑުމެގެ ތެރެއިން ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *