އެލައިޑަށް 41 އަހަރު، މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްޙަތަށް

އެލައިޑަށް 41 އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް އަންޑާރައިޓިން އޮފިސަރު، އިއުލިއާނާ މައުލޫމާތު ދެއްވަނީ: ފޮޓޯ: އެލައިޑް

އެލައިޑް އިންޝުއަރެންސްގެ ޚިދުމަތަށް 40 އަހަރު ފުރުނުއިރު މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު އެކުންފުނިން ހިންގާފައިވެއެވެ.

އެލައިޑް އިންޝުއަރެންސުން ހިންގާފައިވާ ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40″ އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ރައްކާ" މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެއެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025″ ގެ ސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް  ހިމެނެއެވެ.

ފާއިތުވި އަހަރު ތާރީޚީ ކާމިޔާބީއެއް ވެސް އެލައިޑުން ހާސިލުކުރިއެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު، 2025 ވަނަ އަހަރު އާމްދަނީގެ ގޮތުން ވެސް ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އެއާއެކު މާކެޓްގެ ރަނގަޅު އިންސައްތަ އެއްވެސް ހާސިލްކޮށްފައިވެއެވެ.

އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުމާ ގުޅުވައި "އަޔާދީ ތަކާފުލް" ގެ ނަން "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކުރިއެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރު އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) މިދިޔަ އަހރު ވެސް ލިބުނެވެ.

އެލައިޑުން މަސައްކަތް ކުރަމުންދާނީ މާލީގޮތުން ފުއްދުންތެރިކަން ލިބިފައިވާ 'އޭ-ރޭޓެޑް' ރީ-އިންޝުއަރަރަންސް ކުންފުނިތަކާއިއެކުގައެވެ. ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދޭން އެކުންފުނިން ވަނީ ނިންމާފައެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރާނެއެވެ.

އެލައިޑުން ބުނީ، 2026 ވަނަ އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ ކަމަށެވެ. އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްޙަތާ ގުޅުންހުރި ކަންތައްތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *