މަތީ ތައުލީމުގެ ދާއިރާއިން ބަންގްލަދޭޝް ޔުނިވަރސިޓީއަކާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރަނީ

މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ޑރ.މުޙައްމަދު ނަޒްމުލް ވަނީ ބަންގްލަދޭޝްގެ މަޝްހޫރު ޔުނިވަރސިޓީތަކާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީ އޮފް ޑާކާ، ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސް އަދި ބަންގްލަދޭޝް މެރިޓައިމް ޔުނިވަރސިޓީ ހިމެނެއެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިރާސާކުރުމާއި، ތަމްރީނު ދިނުމާއި، ދަރިވަރުންނާއި މުދައްރިސުން ބަދަލުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ހައި ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، ބަންގްލަދޭޝްގެ ތަޖުރިބާކާރު މުދައްރިސުން ކުރު މުއްދަތަކަށް ގެނައުމަށާއި، ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެމްއެންޔޫއިން ޝައުގުވެރިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއެންޔޫގެ 21 މަރުކަޒެއް ހުރިއިރު، ގުޅިގެން ސެމިނާރުތަކާއި ކޮންފަރެންސްތައް ބޭއްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ބެންގާލީ ބަސް އުނގަންނައިދޭ ކޯހެއް ތައާރަފުކުރުމަށް އެމްއެންޔޫއިން ގަސްދުކުރާކަން ވައިސް ޗާންސެލަރު ހާމަކުރެއްވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ހެދި ދިރާސާތަކަށް އަލިއަޅުއްވާލައްވައި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

ޝެހެނާޒް ވިދާޅުވީ، ދެ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި، ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތަކުގެ އިތުރުން ފީލްޑް ސްޓަޑީޒްތަކުގެ ސަބަބުން ދެ މުއައްސަސާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިއީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވައިސް ޗާންސެލަރ ސިފަކުރެއްވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށްގެން ތަފާތު އެކި ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިންގ ސައިންސާއި އާކިޓެކްޗަރާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމު ނުވަތަ ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތުތައް ފަހިވެގެންދިއުމުގެ އިތުރުން، ޔުނިވަރސިޓީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ފަހުމްނާމާގެ ދަށުން ޔުނިވަރސިޓީތަކުގެ ދެމެދުގައި ތަޢުލީމީ ގޮތުންނާއި އިސްތިރާޖީ ގޮތުން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި، އިންޖިނިއަރިންގ ޓެކްނޮލޮޖީ، ވިޔަފާރި އަދި ތިމާވެށީގެ ދާއިރާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *