އަލްމަނާރުގެ އިޤްރައުލް ޤުރުއާން ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ހަނދާނީ ލިއުންދީފި

ސްކޫލް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރު އެޅުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގްސަދުގައި ފޭދޫ އަވަށު އޮފީހާއި  އަލް-މަނާރް ޖަމްޢިއްޔާ ގުޅިގެން "އިޤްރައުލް ޤުރުއާން" މިނަމުގައި ހިންގި ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ހަނދާނީލިއުން ދީފިއެވެ. މި ކުދިންނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރޭ ފޭދޫ އޮފީހުގައި ބޭއްވި ހަފުލާގައި އައްޑޫގެ މޭޔަރ ޢަލީނިޒާރެވެ.

އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ބަލައިގެން ޚަތިމުން ކިޔަން އެނގޭ ދެޖިންސްގެ ކުދިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 8 ޖަނަވަރީ ން 23 ޖަނަވަރީގެ ނިޔަލަށް ފޭދޫ މަސްޖިދުއްނަޞްރު ގައެވެ. މިއީ އަލް-މަނާރް ޖަމްޢިއްޔާ ވުޖޫދުވީ ފަހުން އެޖަމްޢިއްޔާގެ މަގްސަދު ހާސިލްކުރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމެވެ.

"އަޅުގަނޑުމެން މިކުރަނީ މުޖުތަމަޢު އިސްލާޙުކުރުމުގެ މަސައްކަތް." އަލްމަނާރް އިން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން އެޖަމްޢިއްޔާގެ އެއް މުއައްސިސް އައްޝައިޚް އަޙުމަދު ނާޒިޙު ވިދާޅުވިއެވެ. "އަލްމަނާރް ޖަމްއިއްޔާ ވުޖޫދު ވެފައިވަނީ ދީނުގެ އަސާސްތަކާއި ރިވެތި އަޚްލާޤާއި އަދި އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް ޚިދުމަތް ކުރުމަށް."

އަލްމާނާރް އިން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ނަމާދަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި، ދުރޫސުލް އަޤްލާގު ކިޔަވައި ދިނުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

"މައިގަނޑު މަސައްކަތަކީ، އަދަބު، ސުލޫކު، އަދި އަޚްލާޤް ރަނގަޅު ޖީލެއް ބިނާކުރުން." މި ޖަމްއިއްޔާގެ އެއް މުއައްސިސް އަލްއުސްތާޛް ޙަސަން ޒަރީރު ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އަޚްލާގީގޮތުން މުޖުތަމަޢު ކުރިއެރުވުމަށް މަސައްކަތް ކުރުމާއެކު، އެކިއެކި ތަމްރީންތަކާއި ހުނަރު ކުދިންނަށް ދަސްކޮށްދިނުމަށް ރާއްޖެއިން ބޭރުން ލިބެން ހުންނަ ފުރުސަތުތަކަށް ކުދިން ފޮނުވަން ހަމަޖެހިފައިވާ ކަމުގައެވެ.

ކުދިންގެ ހިތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމާއި ނަމާދުގެ އަހައްމިއްޔަތު ކުދިންނަށް ކިޔައިދިނުމާއި، ޒުވާން ހިތްތައް މިސްކިތާ ގާތްކޮށްދިނުމަށް ފޭދޫ އަވަށު އޮފީހުން އިސްނަންގަވައިގެން މީގެ ކުރިން ވަނީ ޒުވާން އިމާމުންނާއި ޒުވާން ޚަޠީބުން އުފެއްދުމުގެ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *