މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދުގެ ސައިކަލުން ޕެޓްރޯލް ލީކުވެ ދުންއަރަމުން ދަނިކޮށް ސަލާމަތްކޮށް ދިނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑްގެ ފަޔަރފައިޓަރު ހައްމާދުއެވެ.
ދަރިވަރު ނޫހަށް ފިޒާނާ މިއަދު ވިދާޅުވީ، ހުޅުމާލޭގައި ހުންނަ އޮފީހަށް ވަޑައިގެންނެވުމަށް ހެނދުނު ގެއިން ނުކުންނަވަނީ ވެސް ރައްކާތެރިކަމުގެ ދުއާ ކިޔުއްވައިގެން ކަމަށެވެ.
ނަމަވެސް (އިއްޔެ) ހެނދުނު މާލެއަށް ދާން ނުކުންނެވިއިރު އޭނާގެ ސައިކަލުގެ ފެޓްރޯލްހޮޅި ހުރީ މީހަކު މަތާލާފައިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މާލެކޮޅު ބުރިޖުކައިރިން ކަނާއަތަށް ސިގްނަލް ދެއްވިއިރު ފަހަތުން ބަރުގޮނު އަޅަންފެށީމާ ވެސް އަޅާނުލާ ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު އޭނާއާ އަރާ ހަމަކޮށްފައި އެއްޗެއް ބުނާތީ މަޑުކޮށްލީމާ ތި އޮތް އެއްޗެއްފައިބާ ދުންއަރަނީއޭ ބުނި ކަމަށެވެ.
"ފަހަތް ބަލާލިއިރުސައިކަލުގެ ފަހަތު ސީޓަށްވެސް ޕެޓްރޯލު ބުރާ އޭރުދިޔައީ ގަދަޔަށް ދުން އަރަމުންނެވެ. ޕެޓްރޯލް ލީކުވަމުންގޮސް މުޅިސައިކަލުގެ ފަހަތާ އެއްކޮށް ސައިލަންސަރަށްވެސް ހުރީ ވަރަށް ބޮޑަށް ޕެޓްރޯލު އެޅިފައެވެ. ދުންއަރަމުން ދިޔަގޮތުން ހީވީ ދެންމެ ދެންމެ ސައިކަލުގައި ރޯވެދާނެހެންނެވެ. ސައިކަލު މަޑުކުރެވުނީ ލައިޓާ ކައިރިއަށް ކަމުން އެހެން ސައިކަލުތަކާ ކާރުތައް ޖަމާވަމުން ދިޔައެވެ" ފިޒާނާ އޭނާއަށް ދިމާވި ނުރައްކާތެރި އެ ހާދިސާ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެއެވެ.
"އަހަރެން ހާސްވެ ހަދާނެ ގޮތްހުސްވެ ދެން ހަދާނީ ކިހިނެތްތޯ އެކުއްޖާގާތު އެހުމުން ވަރަށްމަޑުމަޑުން ސައިކަލު ދުއްވާފައި ގޮސް ވީއެންމެ އަވަހަކަށް ޕާކު ކުރަން ބުނެފިއެވެ. ހާސްވެފައި ހުރިވަރުން ދެންގޮސް ވަދެވުނީ ކާރު ޕާކު ކުރާތަނަކަށެވެ. ދެންވެސް ގޮސް އިނދެވުނީ ސައިކަލު ނިއްވާނުލާ ބޮޑަށް ޝޮކެއްގައެވެ."

ފިޒާނާ ލިޔުއްވާފައިވާ ގޮތުގައި، " ސައިކަލު ނިއްވާލާށޭ ބުނުމުން ފަހަތް ބަލާލިއިރު އޭނާގެ ފަހަތުން އަހަރެންގެ ރައްކާތެރިކަން ކަށަވަރުން ކުރަން އަހަރެން ހުއްޓުވި ދަރި އައިސް" އޭނާގެ ކައިރީގައި ހުއްޓި ހުއްޓެވެ.
ފިޒާނާ ވިދާޅުވެފައިވާ ގޮތުގައި، ސައިކަލު ކައިރިޔަށް ދާން އެހާ ރައްކާތެރި ނޫނޭ ބުނުމުން ވެސް މަސައްކަތް ކޮށްދިނީ ސައިކަލު ރަނގަޅުކުރެވޭ ތޯއެވެ.
ފިޒާނާ ވިދާޅުވީ، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށް ސަލާމަތް ކޮށްދީފައި އޭނާ ދިޔައީ "އަހަރެންގެ ދަރިފުޅު އަންނާނެޔޭ ބުނުމުން" ކަމަށާއި އޭނާ ދިއުމުގެ ކުރިން ނަމްބަރު ހޯއްދެވި ކަމަށެވެ.
ސައިކަލަށް އެރުމުގެ ކުރިން ޗެކުކޮށްފައި ނޫނީ ނޭރުމަށާއި އޭނާގެ ސައިކަލުގައި ރޯވެ ދެރަ ހާދިސާއެއް ހިނގިނަމަ އޭނާގެ ކައިރީގައި ތިބި އެތައްބައިވަރު މީހުން ޒަހަމުވީސް ކަމަށް ފިޒާނާ ލިޔުއްވާފައިވެއެވެ.
" މިއީ އަހަރެންނަށް މީހަކު ދިން މަރުގެ އިންޒާރެއްކަމެއް ނުވަތަ މީހަކު އޭނާގެ ބޭނުމަކަށް އަހަރެންގެ ސައިކަލުން ތެޔޮނަގަންވެގެން ކުރިކަމެއް ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގެއެވެ. ބުނަން އެނގޭހާވެސް ކަމަކީ އަހަރެންގެ ފުރާނަ މިއަދު ސަލާމަތްވީ އަހަރެންގެވެރި ރައްބުގެ ރަހުމަތުންކަމެވެ"
"ދެން ސައިކަލަކަށް އަރަން އަހަރެންނަށް ވަގުތުނަގާނެއެވެ. ހިނގާފާއި އޮފީހަށް ދާންޖެހުމުން ކަސްރަތަކަށްވާނެތާއެވެ."
ފިޒާނާ މިއަދު ލިޔުއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ހާދިސާގައި އެކަމަނާއާއި ، ވަށައިގެންތިބި އެހެން މީހުން ސަލާމަތް ކޮށްދިނީތީ ހައްމާދަށް ތައުރީފުކުރަައްވާފައެވެ.
"އޭނާ އަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަދިވެސް އޯގާތެރިކަން އޮތް ކަމުގެ ހެއްކެކެވެ. މާތް الله އޭނާގެ މައިންބަފައިންގެ މައްޗަށް އަބަދުވެސް މާތް الله ގެ ނިޢުމަތް ލައްވާށިއެވެ. އާމީން" ސައިކަލް ހަދަން ހައްމާދު މަސައްކަތް ކުރަމުން ދިޔަ ފޮޓޯއެއް ހިއްސާކޮށް، ފިޒާނާ ލިޔުއްވާފައިވެއެވެ.
advertisment
ހިޔާލު