ރަޔާން 14 އަހަރުގައި އޭލެވެލްގެ ގަދަ ދިހައެއްގައި، ކެމިސްޓްރީން އޭލެވެލްގައި ވެސް ހޯދީ އޭ ސްޓަރއެއް

ގުރޭޑް ހައެއްގައި ހުރަވީ ސްކޫލުގައި ކިޔެވުމަށްފަހު، އިސްލާމާއި ދިވެހި މާއްދާ ރަޔާން ކިޔެވީ އޭލެވެލްގައި އެކަނި

14 އަހަރުގައި، ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން އޭލެވެލް ނިންމި ރަޔާން ރިޔާޒް އަބްދުލް ވާހިދު އޭލެވެލްގެ ގަދަ ދިހައަކުން ޖާގަ ހޯދައިފިއެވެ. މިއީ މި ޢުމުރުގެ ކުއްޖަކު ރާއްޖޭގައި އޭލެވެލް ނިންމައި ގަދަ ދިހައަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

12 އަހަރުގައި އޭލެވެލްއަށް ކިޔަވަން ފެށި ރަޔާނަށް އޭލެވެލްގައި ކެމިސްޓްރީން އޭ ސްޓަރ އާއި ހިސާބާއި ބައޮއިން ބީއެއް ލިބުނެވެ. އަދި ދިވެހިން ސީއެއް ލިބުނުއިރު އިސްލާމް މާއްދާއިން އޭއެއް ލިބުނެވެ. ގުރޭޑް ހައެއްގައި ހުރަވީ ސްކޫލުގައި ކިޔެވުމަށްފަހު، އިސްލާމާއި ދިވެހި މާއްދާ ރަޔާން ކިޔެވީ އޭލެވެލްގައި އެކަންޏެވެ.

އޯޓިޒަމްގެ އުނދަގޫތަކެއް ހުންނަ ރަޔާން އޯލެވެލްގެ ކެމިސްޓްރީގައި ބައިވެރިވެ އޭ ސްޓަރ ހޯދިއިރު އުމުރަކީ އެންމެ 10 އަހަރެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޯލެވެލްގައި ބައިވެރިވެ ބައޮލޮޖީން އޭ ސްޓާ، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭއެއް ހޯދާފައިވެއެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ރަޔާނަކީ ވަރަށް ގަޔާވެގެން ކިޔަވަމުން އައި ދަރިވަރެއް ކަމަށާއި ލިބުނު ނަތީޖާއަކީ އޭނާގެ ބުރަ މަސައްކަތުން ހޯދި ނަތީޖާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ގިނަ ކުދިން ރަޔާން ދަންނަ ކަމަށާއި ރަޔާނަކީ ޚާއްޞަ ކުއްޖެއްކަން އެކުދިން ބަލައިގަންނަ ކަމަށެވެ.

"އެހާ ފަސޭހައިން ކުރިއަށް ދެވުނީ ވެސް އެ ހުރިހާ ކުދިންވެސް ރަޔާން ބަލައިގަންނާތީ. ސްކޫލުން ވެސް އެ މާހައުލު ފަހިކޮށްދެވިފައި އޮންނާތީ" ޕްރިންސިޕަލް ވިދާޅުވިއެވެ.

ރަޔާންގެ މަންމަ ދަރިވަރު ނޫހަށް ބުނީ، ރަޔާނަށް އެފަދަ ކާމިޔާބެއް ލިބުނީ، އެ އާއިލާއިން ކުރި މަސައްކަތުގެ އިތުރުން ވީއައިއެޗްއެސްއިން ދިން އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށެވެ. އަދި ބުނީ، ކުރީގެ ޕްރިންސިޕަލާއި މިހާރުގެ ޕްރިންސިޕަލުގެ އިތުރުން ވިލާގެ ހުރިހާ ޓީޗަރުންނާއި ކުދިން ރަޔާނާ މެދު ދެކުނީ ޚާއްޞަ ކުއްޖެއްގެ ގޮތުގައި ކަމަށެވެ.

ބައޮޓެކްގެ ދާއިރާއިން މަތީ ތައުލީމަށް ދާން ނިންމައިގެން ހުރި ރަޔާންގެ އާއިލާގެ ކަންބޮޑުވުމަކީ އެ ފުރުޞަތު އޭނައަށް ހޯދައި ނުދެވިދާނެތީއެވެ. މަތީ ތައުލީމަށް ރާއްޖެއިން ބޭރުން ކިޔަވަން ފޮނުވަން އެ އާއިލާއަށް ބޭނުންވަނީ ސްކޮލަރޝިޕެއް ނޫނީ މާލީ އެހީތެރިކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *