އަންނަ ރޯދަމަހު، މާލޭގައި 37 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމީ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާ ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުން ކަމަށެވެ.
މި އަހަރުގެ ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެ ކަމަށާއި އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުން ކަމަށެވެ.
އަދި މިނިސްޓަރު ވިދާޅުވީ، ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ، އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެ ކަމަށާއި އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީ ކަމަށެވެ.
ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) މިފަހަރު އެ މިސްކިތުގައި ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށާއި ބަރުބަރީ މިސްކިތުގައި ކުރާނީ ކުރުކޮށް ކަމަށް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އެ ބަދަލުގެނައީ" ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް" ކަމަށެވެ.
އަމާޒަކީ 2027 ގައި މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށާއި ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


advertisment
ހިޔާލު