ސްކޫލްތަކުގައި އޭސީ ހަރުކުރަން ފަށައި، މާލޭގެ 75 އިންސައްތަ ސްކޫލުތަކުގައި އޭސީ ހަރުކޮށްފި

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން މާލޭގެ 75 އިންސައްތަ ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ސްކޫލްތައް ފިނިކުރުމަށް އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް މާލޭގެ ސްކޫލްތަކުގެ 75 އިންސައްތަ ސްކޫލްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި  ދި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ، އަތޮޅުތެރޭގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ބައެއް ސްކޫލްތަކަށް ބޭނުންވާ އޭސީތައް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

"ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ދަށުން ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދައި އެ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހުއެވެ.

އޭސީ ހަރުކުރުމުގެ މަސައްކަތް ދިރާސީ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ނިންމުމަކީ އެއީ އެޑިޔުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ. މި މަޝްރޫއަށް 55 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓް އެޑިޔުކޭޝަން މިނިސްޓްރީން ފެށީ ކ.މާފުށީ ސްކޫލުގައި 2024 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *