ސްކޫލް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރު އެޅުމުގެ ގޮތުން ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގްސަދުގައި ފޭދޫ އަވަށު އޮފީހާއި އަލް-މަނާރް ގުޅިގެން އިޤްރައުލް ޤުރުއާން މިނަމުގައި ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ.
މިއީ އަލް-މަނާރް ޖަމްޢިއްޔާ އިން ފެށި ފުރަތަމަ ޕްރޮގްރާމެވެ. އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ބަލައިގެން ޚަތިމުން ކިޔަން އެނގޭ ދެޖިންސްގެ ކުދިން ބައިވެރިވާ މި ޕްރޮގްރާމް ކުރިއަށް ގެންދެވެނީ 8 ޖަނަވަރީ ން 23 ޖަނަވަރީގެ ނިޔަލަށް ފޭދޫ މަސްޖިދުއްނަޞްރު ގައެވެ.
"އަޅުގަނޑުމެން މިކުރަނީ މުޖުތަމަޢު އިސްލާހުކުރުމުގެމަސައްކަތް." އަލްމަނާރް އިން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން ނާޒިޙު ވިދާޅުވިއެވެ. "އަޚްލާގީގޮތުން މުޖުތަމަޢު ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ." އަލްމާނާރް އިން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ދަރިން ނަމާދަށް އަހުލުވެރިކުރުމަށް ނަމާދު ޕްރޮގްރާމް ހިންގުމާއި، ދުރޫސުލް އަޤްލާގު ކިޔަވައި ދިނުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުން ލިބެން ހުންނަ ފުރުސަތުތަކަށް ކުދިން ފޮނުވަން ހަމަޖެހިފައިވެއެވެ.
"އަލްމަނާރް ޖަމްއިއްޔާ ވުޖޫދު ވެފައިވަނީ ދީނުގެ އަސާސްތަކާއި ރިވެތި އަޚްލާޤާއި އަދި އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް ޚިދުމަތް ކުރުމަށް." އަލްމަނާރްގެ އެއް މުއައްސިސް އައްޝައިޚް އަޙުމަދު ނާޒިހު ވިދާޅުވިއެވެ." މައިގަނޑު މަސައްކަތަކީ، އަދަބު، ސުލޫކު، އަދި އަޚްލާޤް ރަނގަޅު ޖީލެއް ބިނާކުރުން."
"އިޤްރައުލް ޤުރުއާން" ޕްރޮގްރާމް ފެށުމާއި ގުޅޭގޮތުން ޖަމްޢިއްޔާގެ ހިންގާ ކޮމިޓީ އަދި އެގްޒެކެޓިވް އެޑްވައިޒަރުން ބެލެނިވެރިންނާ ބައްދަލުކޮށްފައިވެއެވެ. "އަލްމަނާރް ގެ ހަރަކާތްތައް ކުރިއަށް ރޭވިފައިވާ ގޮތުގެ މައުލޫމާތު، އައްޑޫ ސިޓީ ކައުންސިލާ އަދި އައްޑޫގެ ބައެއް މުހިންމު މުއައްސަސާތަކާ ބައްދަލުކޮށް މި ޖަމްޢިއްޔާގެ ފަރާތުން ވަނީ ހިއްސާކޮށްފައި." މި ޖަމްޢިއްޔާގެ އެގްޒެކެޓިވް އެޑްވައިޒަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް ޙަސަން ޒަރީރު ވިދާޅުވިއެވެ.
ކުދިންގެ ހިތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމާއި ނަމާދުގެ އަހައްމިއްޔަތު ކުދިންނަށް ކިޔައިދިނުމާއި، ޒުވާން ހިތްތައް މިސްކިތާ ގާތްކޮށްދިނުމަށް ފޭދޫ އަވަށު އޮފީހުން އިސްނަންގަވައިގެން މީގެ ކުރިން ވަނީ ޒުވާން އިމާމުންނާއި ޒުވާން ޚަޠީބުން އުފެއްދުމުގެ ކާމިޔާބު ޕްރޮގްރާމްތައް ހިންގާފައެވެ.
advertisment
ހިޔާލު