ރާއްޖޭގައި ޕީއެޗްޑީ ހެދޭނީ ފުލްޓައިމްކޮށް ތިން އަހަރުން، ޕާޓް ޓައިމްކޮށް ހަ އަހަރުން

ރާއްޖޭގައި ޕީއެޗްޑީ ހެދޭނީ ފުލްޓައިމްކޮށް ތިން އަހަރުން، ޕާޓް ޓައިމްކޮށް ހަ އަހަރުން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައި އެކަން އާންމުކޮށް އިޢުލާން ކޮށްފިއެވެ.

އެމްކިޔުއޭއިން ނެރުނު އާންމު އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭގޮތުން ޢަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިވަގުތު ލިޔެވިފައި ނެތްކަމުގައި ވީނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރުމާއިގުޅޭ މިންގަނޑެއް މި އޮތޯރިޓީގެ ނަންބަރު: 2022/G-27 (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުސޫލު)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަތުބީގުކުރުމަށް، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ވަނީ ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ އިއުލާނުގައި ބުނެފައި ވަނީ،

  1. ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމް.އެން.ކިއު.އެފް ގައިވާ ގޮތަށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެވެ.
  2. ޕާރޓް ޓައިމްމުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތެވެ. ނުވަތަ އެޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާރޓް ޓާއިމް މުއްދަތަކަށް ވާންވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ހަމައެއާއެކު، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމަކަށްވެފައި، މި ޕްރޮގްރާމަކީ ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް މި އޮތޯރިޓީން އަންގަމެވެ. ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ޤަބޫލުކުރެވެއެވެ.

"ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، ދެންނެވުނު މިންގަނޑާއި އެއްގޮތަށް ޢަމަލުކުރުމަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަންނަވަން" އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *