ވިލާ ކޮލެޖްގައި އިންޖިނިއަރިންގ ދާއިރާއިން ކިޔަވާ ތިން ދަރިވަރުން އެޓްމޮސްފިއަރ ފައުންޑޭޝަނުން ސްޕޮންސަރ ކޮށްދެނީ

ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއިން ފަންނީ ހުނަރުވެރިން ބިނާކުރުމަށްޓަކައި، ވިލާ ކޮލެޖާއި އެޓްމޮސްފިއަރ ފައުންޑޭޝަނާ ދެމެދު މިއަދު  އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

ވިލާ ކޮލެޖުގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ. އަދި އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޕްރެޒިޑެންޓް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ވިލާ ކޮލެޖުގައި އިންޖިނިއަރިންގ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދީ އަދި މި ސްކޮލަރޝިޕް ޕްރޮގްރާމް ހިންގައި ބެލެހެއްޓުމުގެ ހަރުދަނާ އޮނިގަނޑެއް ޤާއިމުކުރުމެވެ.

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން ޖުމުލަ ތިން ދަރިވަރަކަށް އަންނަ ޖެނުއަރީ އިންޓޭކް ގައި ވިލާ ކޮލެޖުގައި ކިޔެވުމަށް 3 ސްކޮލްރޝިޕް ދޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަން އިން އިންޖިނިއަރިންގ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދެވޭ ދެ ސްކޮލަރޝިޕް އާއި އަދި ބެޗެލަރ އޮފް ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދެވޭ އެއް ސްކޮލަރޝިޕެވެ. މި ސްކޮލަރޝިޕްތަކުގައި ދަރިވަރުންގެ ކޯސް ފީ އާއި ކޯހުގައި ދައްކަން ޖެހޭ އެހެނިހެން ފީ އެއް ވާ ނަމަ އެ ފީތައް ހިމެނޭގޮތަށް، މާލީގޮތުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިއީ މާލީ ދަތިކަމާ ހުރެ ކިޔެވަން ނުފެށިފައިވާ  ކުދިންނަށް ޚާއްސަކޮށްގެން ހުޅުވާލެވޭ ފުރުޞަތުތަކެއްއް ކަމަށާއި، މިކަމުގެ ސަބަބުން ތަޢުލީމީ ގޮތުން މޮޅު އަދި ފަންނީ ޤާބިލުކަން ހުރި ޒުވާނުންތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ފާހަގަކުރެއެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ވިލާ ކޮލެޖާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިންނެވެ. މާލީ އެހީތެރިކަމުގެ އިތުރުން މި ދަރިވަރުންނަށް ކިޔެވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މެންޓަރޝިޕާއި ކެރިއަރ ޕްލޭނިންގ އަދި އިންޑަސްޓްރީ އެކްސްޕޯޝަރ ފަދަ ފުރުޞަތުތައް އެޓްމޮސްފިއަރ ފައުންޑޭޝަނުން ފަހިކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދަރިވަރުން ކިޔަވައި ނިމިގެން ނުކުންނައިރު މަސައްކަތުގެ މާޙައުލަށް އަހުލުވެރިވެފައިވާ، އަދި ޤައުމީ ތަރައްޤީގައި ޙިއްޞާވެވޭނެ ފަދަ ޤާބިލު އިންޖިނިއަރުންތަކެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުގެ އަމާޒަކީ އަބަދުވެސް ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ސްކޮލަރޝިޕް ޕްރޮގްރާމް ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންނާއި ގުޅުންހުރި ކަންތައްތަކުގެ އިދާރީ ޒިންމާ އަދާ ކުރާނީ ވިލާ ކޮލެޖުންނެވެ.

މިސްކޮލަރޝިޕް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލެވިގެންދާނޭ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއްވައެވެ. އަދި މި ސްކޮލަރޝިޕްތަކާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ތަނުގައި ވިލާ ކޮލެޖުގެ ވެބްސައިޓާއި ސޯޝިއަލް މީޑިއާގެ މަންސް ތަކުން ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށާއި ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ވިލާ ކޮލެޖާއި އެޓްމޮސްފިއަރ ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *