ގުރޭޑް 10ން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، ކިޔަވައިދޭ ގަޑީގައި އޭލެވެލް ކުދިންނަށް ފޯނު މަނާކުރަނީ

ދިރާސީ އާ އަހަރުން ފެށިގެން ގުރޭޑް 10ން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، ކިޔަވައިދޭ ގަޑީގައި އޭލެވެލް ކުދިންނަށް ފޯނު މަނާކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ބަދަލު ގެންނަވަނީ ބެލެނިވެރިންގެ ޝަކުވާތައް އެކަމުގައި އޮތުމުން ކަމަށެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކާ ބައްދައްލުކުރެއްވުމުގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ، ގުރޭޑް 10ން ދަށުގެ ދަރިވަރުން ސްކޫލަށް ފޯން ގެންދިއުމަކީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް އެކަން މަނާކުރެވިފައިވާއިރު، އެކަން އިމްޕްލިމެންޓެއް ނުކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެކަން އިމްޕްލިމެންޓް ނުކުރެވެމުން މިހާރު ކުދިން ސްކޫލަށް ފޮނު ގެންދާ މައްސަލަ ދަނީ ބޮޑުވަމުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ގުރޭޑް 10ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިއުން މަނާކުރި ނަމަވެސް އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އުމުރަށް ބަލާއިރު، ގަބޫލު ކުރައްވަނީ އެކުދިންނަށް ހުސް ވަގުތުތަކުގައި ފޯނު ބޭނުން ކުރެވެން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކިޔަވާގަޑީގައި ބޭނުން ނުކުރެވޭނެ ކަމަށާއި ކިޔަވާގަޑީގައި އެ ދަރިވަރުންގެ ފޯނު އޮންނާނީ ލޮކަރުގައި ކަމަށެވެ. އޭ ލެވެލް ދަރިވަރުންނަށް ލޮކަރ ސިސްޓަމެއް ސްކޫލްތަކުގައި ބެހެއްޓުމުގެ މަސައްކަތް އެޑިޔުކޭޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނު ނަމަވެސް ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުން ނުކުރެވޭނެ. ލޮކަރަށް ލާފައި ބަންދުކޮށްފަ ބާއްވަން ޖެހޭނީ" ރައީސް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *