ޕީއެޗްޑީއަށް ކިޔަވަން އެމްއެންޔޫގެ 3 މުވައްޒަފަކަށް ފުލް ސްކޮލަރޝިޕް، މަލީ އެހީތެރިކަން ހަ މުވައްޒަފުންނަށް ދީފިއެވެ.
މާލީ އެހީތެރިކަމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށް ދެއްވީ މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސްލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
އެމްއެންޔޫއިން ދިން ސްކޮލަރޝިޕްގެ ތެރެއިން ރާއްޖެއިން ބޭރުގައި ޕީއެޗްޑީއަށް ކިޔަވަން ތިން މުވައްޒަފަކަށް ފުލް ސްކޮލަރޝިޕް ދީފައިވެއެވެ. މިއީ ހުރިހާ ޚަރަދެއް އެ ޔުނިވަރސިޓީން ކުރާ ގޮތަށް ދޭ ސްކޮލަރޝިޕްތަކެކެވެ.
ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލު މުވައްޒަފުން ބިނާކުރުމަކީ ޤައުމީ ޔުނިވަރސިޓީގެ އެންމެ މުހިންމު އަމާޒު ކަމަށާއި މި އަމާޒަށް ވާޞިލްވުމަށް ސްޓާފު ޑިވެލޮޕްމަންޓް ޕޮލިސީއެއް މިދިޔަ އަހަރު އެކުލަވާލެވި، ދިގުމުއްދަތުގެ ފުލް ސްކޮލަރޝިޕްތަކާއި ޕީއެޗްޑީ ހަދަން ދޭ މާލީ އެހީތެރިކަމާއި އަދި ޓިއުޝަން ފީ ސްކޮލަރޝިޕް ތަކެއް ހިމެނޭ ކަމަށް ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވިއެވެ. މިއަދު ހަވާލުކުރި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް މުވައްޒަފުން ހިމެނިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މުވައްޒަފުން ތަޢުލީމް ޙާޞިލް ކުރުމަށް ދިމާވާ މާލީ ދަތިތަކުގެ ސަބަބުން އެއްވެސް ފަރާތެއް ފުރުޞަތަކުން މަހުރޫމްވެގެން ނުދިއމަކީ މި ސްކޮލަރޝިޕްތަކުގެ އެންމެ ބޮޑު މަޤްޞަދު" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީންދޭ ސްކޮލަރޝިޕްގެ ދަށުން ގިނަ މުވައްޒަފުން މާސްޓަރސް ފުރިހަމަކޮށް ޕީއެޗްޑީވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ޕީއެޗްޑީ މިހާރުވެސް ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށެވެ. 2011 ވަނަ އަހަރު ޔުނިވަރސިޓީއަކަށް ބަދަލުވުމުން 25 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ޙާޞިލްކުރައްވައިގެން ތިއްބެވި މުވައްޒަފުންނަށް ހެދުމުގެ އަޒުމް ކަނޑައެޅި ކަމަށާއި ސްކޮލަރޝިޕްތައް އިތުރުކުރެވުނީ އެ މަޤްޞަދުގައިކަން އެމްއެންޔޫއިން ފާހަގަކުރެއެވެ.


advertisment
ހިޔާލު