މުލަކު ސްކޫލުގެ ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ޒަމާނީ ޓާފް ދަނޑެއް

މ. މުލަކު ސްލޫލުގެ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ޓާފް ދަނޑެއް އެ ސްކޫލުގެ ގޯތިތެރޭގައި އަޅައިފިއެވެ. މި ދަނޑު ރަސްމީކޮށް މިހާރު ދަނީ ބޭނުން ވެސް ކުރަމުންނެވެ.

މީގެ ކުރިން އެ ސްކޫލުން މުހިންމު އިތުރު ހަރަކާތެއް ނޫނީ މުބާރާތެއް ކުރިއަށް ގެންދަން ޖެހެނީ އެރަށު ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ފުޓް ބޯޅަ ދަނޑު ނުވަތަ ޓާފް ދަނޑުގައެވެ. އެ ސްކޫލާ މާ ދުރުގައި އޮންނަ އެ ދަނޑުގައި ހަރަކާތްތަކެއް ހިންގުމަކީ އުނދަގޫ ބުރަ ކަމެއްކަން މުލަކު ސްކޫލުން ފާހަގަކުރެއެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު އެ ސްކޫލުގެ ގޯތިތެރޭގައި ޓާފް ދަނޑެއް އެޅީއެވެ.

މުލަކު ސްކޫލުން ބުނީ، ޕްރިންސިޕަލުގެ އިސްނެންގެވުމުގެ މަތިން ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ފަށައިގަތީ ޕީޓީއޭ އިސްވެ އޮވެ ކުރިއަށް ގެންދިޔަ މަސައްކަތުން ދުވަހުގެ ހަރަކާތްތަކުން ލިބުނު 154،000 ރުފިޔާއާއެކު ކަމަށެވެ. އޭގެ ފަހުން އެރަށު ކައުންސިލާއި ކުޅިވަރާ ބެހޭ ވުޒާރާއާއި ތަޢުލީމީ ވުޒާރާގެ އެހީތެރިކަން ލިބުނު ކަމަށެވެ. ޓާފް ދަނޑުގައި އަޅަން ރަބަރު ފޯރުކޮށްދިނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. ލައިޓްތައް ހޯދައި ދިނީ ތައުލީމީ ވުޒާރާއިންނެވެ. ޓާފާއި ރަބަރުގެ އިތުރުން އެހެނިހެން ސާމާނު ފޯރުކޮށް ދިނުމުގައި މުލަކު ކައުންސިލުން ކޮށްދީފައިވަނީ ނަމޫނާ މަސައްކަތެއް ކަމަށް އެ ރަށު ސްކޫލުން ބުނެއެވެ.

ދަނޑުގެ މަސައްކަތުގައި ޓެކްނިކަލް ގޮތުންނާއި މަސައްކަތުގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިންނެވެ.

މުލަކު ސްކޫލުން ބުނީ، ޓާފް ދަނޑުގެ މަސައްކަތަށް ބެލެނިވެރިންނާއި ސްކޫލުގެ ސްޓާފުންނާއި ކައުންސިލާއި އަދި އެރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބުމަކީ އެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމުގެ އަޞްލު ކަމަށެވެ.

މުލަކު ސްކޫލަކީ ގުރޭޑް 12އާ ހަމައަށް މިހާރު ކިޔަވައިދެމުންދާ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *