18އަހަރުން ދަށުގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ބައިވެރިވެ ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން 18 އަހަރުން މަތީގެ ފަރާތްތަކަށް ވެސް ކުރިމަތިލެވެއެވެ.
އާރުޑީސީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ބިނާވެހި ޕްރޮގްރާމުގެ ދަށުން މި ފަހަރު ފުރުޞަތު ހުޅުވާނީ އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރު ޓްރެއިނީއަށެވެ. މި މަޤާމަށް ހަތަރު ފުރުޞަތަށް ހުޅުވާލާފައިވެއެވެ. ހަ މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރަންޖެހޭއިރު މަހަކު 5،000 ރުފިޔާ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން ވަޒީފާ އަދާކުރާއިރު އާރުޑީސީގެ ހެޑްއޮފީހުގައި މަސައްކަތް ކުރަން ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި ވަޒީފާއަށް ކުރިމަތި ލުމުގެ ޝަރުޠަކީ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާން ނިންމާފައި ވުމެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުގެ 31އަށް 25 އަހަރު ފުރިފައި ނުވުމެވެ.
މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ހުށައަޅަން ޖެހެނީ 14 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން، އާރުޑީސީގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށެވެ.
އާރުޑީސީން ބުނިގޮތުގައި، ވަޒީފާގެ އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ މަހުގެ ތާރީޚެއްގައެވެ.
advertisment
ހިޔާލު