ފުވައްމުލަކުގައި ޓިވެޓް ސެންޓަރެއް، ށ. ފުނަދޫގައި ޖޫނިއަރ ކޮލެޖެއް

ފުވައްމުލައް ސިޓީގައި ޓިވެޓް ސެންޓަރެއް، ށ. ފުނަދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މި ދެ މަސައްކަތް ހަވާލުކުރީ ސެންޓްރަލް ލައިނާއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކުމާއެވެ. އަދި ސެންޓްރަލް ލައިންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ އާސިމެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، މި ދެތަނުގެ މަސައްކަތް އަންނަ އަހަރު ނިންމައި 2027 ވަނަ އަހަރުގެ ތެރޭގައި ކިޔައިވައިދޭން ފަށާނެ ކަމަށެވެ. މި ތަންތަނުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި، އައިސީޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން ސްޓާފް ރޫމް ހިމެނޭނެ ކަމަށާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދުގެ އިތުރުން ސެމިނަރތަކާއި މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމާއި ލައިބްރަރީއެއް ވެސް ހުންނާނެ ކަމަށެވެ.

މި ތަންތަން އިމާރާތް ކުރަނީ އެހެން ރަށްރަށުގެ ދަރިވަރުން އައިސް ފަސޭހައިން ތިބެވޭނެ ގޮތަށް ދަލާނެއް ވެސް ހިމަނައިގެންނެވެ. ޖޫނިއަރ ކޮލެޖާއި ޓިވެޓް ސެންޓަރުތައް މިހާރުވެސް އަތޮޅުތަކުގައި ޤާއިމް ކުރަމުގެ ސަރުކާރުން ކުރިއަށް އެބަގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *