ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ޙާއްޞަ ޕެނަލް ޑިސްކަޝަން ފޯރަމެއް އެމްއެންޔޫގައި

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ޙާއްޞަ ޕެނަލް ޑިސްކަޝަން ފޯރަމެއް އެމްއެންޔޫގައި ބާއްވައިފިއެވެ. ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައެވެ.

މި ޕެނަލް ޑިސްކަޝަން ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމީ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާ، އެކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް އެކަންތައްތައް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.

ފޯރަމުގެ ޕެނަލިސްޓުންގެ ގޮތުގައި ހަ ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދިލާ ރުޝްދީ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓަލް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ ޢަލީ އާއި ޔުނިސެފް މޯލްޑިވްސްގެ އިންކުލޫސިވް އެޑިޔުކޭޝަން އޮފިސަރު ފާތިމަތު ލަމްޙާ އިމްތިޔާޒާއި، ޞަލާހުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އަދި ނުކުޅެދޭ ކުދިންގެ ފަރާތުން އާއިޝަތު ނަޒާހަތާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ސިނިޔަރ ލެކްޗަރަރ މަރިޔަމް އަޒުރާ އަބްދުއް ރަހީމް ވެސް ޕެނަލިސްޓުންގެ ގޮތުގައި މި ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕެނަލް ޑިސްކަޝަންގައި އާދިލާ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމަށްޓަކައި 2021 ވަނަ އަހަރު އެކުލަވާލެވުނު 9 އަސާސްގެ ދަށުން އުނގަންނައިދިނުމުގައި މުޅި މުޖުތަމަޢު ޝާމިލްވުން ބޭނުންވާ ކަމަށާއި އިންކުލޫސިވް ޑިޕާޓްމަންޓްގެ މަސައްކަތް ކުރިއަށް ގެންދަނީ އެގޮތަށް ބައްޓަން ކުރައްވައިގެން ކަމަށެވެ.

ޞަލާހުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ތައުލީމީ މަންހަޖުގެ ތަސައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމާއި، ހުރިހާ ކުދިން ޝާމިލުކުރުން ކަމަށެވެ.

މިފޯރަމަކީ ދާއިރާގެ އެކި މާހިރުންނާ، ސަރުކާރުގެ އިސްވެރިންނާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ފޯރަމްގެ މަޤްސަދަކީ ހަމަހަމަ ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ބޭނުންވާ މުހިންމު މަޝްވަރާތައް ކުރުމާއި، މި ދުވަހުގެ މުނާސަބަތުގައި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *