ތިން ދުވަހަށް ދެމިގެންދާ "ވަރަ އެކްސްޕޯ" ފަށައިފި

ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ "ވަރަ އެކްސްޕޯ" ފެއަރ މިއަދު ފަށައިފިއެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގެ ނަމުގައި ކުރިއަށް ގެންދާ މި ފެއަރ ހުޅުވައިދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ ވަޒީފާ އަދާކުރާ ދިވެހިން އިތުރުކުރުމާއި އެމީހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުންނެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ފެއަރގައި މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު ތިން ޒޯނަކަށް ބަހާލައިގެންނެވެ.

އެއީ ކެރިއަރ ޒޯނާއި އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯނުގެ އިތުރުން ސްކިލްސް އެކްސްޕީރިއަންސް ޒޯނެވެ.

ކެރިއަރ ޒޯނުގައި، ވަޒީފާދޭ ފަރާތްތަކުގެ ސްޓޯލްތަކާއި ވަޒީފާ ބޭނުންވާ މީހުންނާއި އިންޓަވިއު ކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯނުން ފޯރުކޮށްދޭނީ މަތީ ތައުލީމަށް ހުރި ފުރުޞަތުތަކާއި ހިލޭ ޑިގްރީގައި ބައިވެރިވުމާއި އަދި މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުން ހިންގާ ކޯސްތަކުގެ މައުލޫމާތެވެ.
ސްކިލްސް އެކްސްޕީރިއަންސް ޒޯނުން ދޭނީ، މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތެރޭގައި ހިމެނޭ، ކާޕެންޓްރީ އާއި އިލެކްޓްރިކަލް އަދި އައިޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖުރިބާކުރުމުމުގެ ފުރުޞަތެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، "ވަރަ" އެކްސްޕޯގެ ތެރެއިން 1،000އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ލިބި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

"ވަރަ އެކްސްޕޯ"ގެ ތެރެއިން، ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް، މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓްރީކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ މި އެމިނިސްޓްރީން އަލަށް ތަޢާރަފު ކުރި ޕޯޓަލްއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *