ކަރިކިޔުލަމް ޑިވެލޮޕްމެންޓަށް އިސްކަންދޭ މިންވަރަށް, މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު، ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ހުށައެޅި ބަޔާނުގައި ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ނާޒުކު ޙާލަތްތަކުން އަރައިގަތުމަށްޓަކައި "ސިޑްސް" ގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު ކަމަށެވެ.
މީގެ އިތުރުން ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް ޑރ. އަޙްމަދު ވަނީ މި ބައްދަލުވުމުގައި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަތީ ސާނަވީގެ ފުރުޞަތުތައް އިތުރުކޮށް, ތަފާތު ލަރނިންގ ޕާތްވޭ ތައް ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ދަރިވަރުންނަށް އެކެޑެމިކް, ވޮކޭޝަނަލް އަދި ސްކިލް-ބޭސްޑް ދާއިރާތަކުގެ ތެރެއިން އެ ދަރިވަރަކު ޚިޔާރުކުރާ ކޮންމެ ދާއިރާއަކުން ކުރިއަށްދިއުމުގެ މަގުފަހިވެގެން ދާނެ ކަމަށް ޑރ. އަޙްމަދު ވިދާޅިވިއެވެ.

މިއާއެކު މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާ, އެކަމަށްޓަކައި ކުރެވެމުންވާ މުހިންމު މަސައްކަތްތައް އޭނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން, މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި, ފަންނީ ކުރިއެރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު ރަނގަޅުކުރުމަށް ޤައުމީ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގައި ކަރިކިޔުލަމް ޑިވެލޮޕްމެންޓަށް އިސްކަންދޭ މިންވަރަށް, މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވެސް އިސްކަންދޭ" ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަރައްޤީކުރެވިފައިވާ އެޑެޕްޓިވް ލަރނިންގ ވަސީލަތްތަކާއެކު އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން ޑރ. އަޙްމަދު ފާހަގަކުރައްވާފައިވެއެވެ. އަދި ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ އަދި ޝާމިލުވެއްޓެއްގައި ޓެކްނޮލޮޖީގެ ފައިދާ ލިއްބައިދިނުމަށް ޔުނެސްކޯއިން މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ގޮވާލެއްވިއެވެ.
ނިންމާލުމުގެ ގޮތުން ޑރ. އަޙްމަދު ވަނީ، ދެމެހެއްޓެނިވި ތަރައްޤީއާއި ސަގާފަތް ރައްކާތެރިކުރުމާއި މޫސޫމީ ބަދަލުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖޭގެ ޒުވާނުން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި އެ މަސައްކަތުގައި ޒުވާނުންނަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން ޔުނެސްކޯއާ އެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސް ކުރިއަށް ދަނީ އުޒްބެކިސްތާނުގެ ސަމަރކަންޑުގައެވެ. ކޮންމެ 2 އަހަރަކުން ބާއްވާ މި ބައްދަލުވުމުގައި ޔުނެސްކޯގެ 194 މެންބަރު ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.
advertisment
ހިޔާލު