ޑޭޓާ ސައިންސާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އިންޓެލިޖެންޓް ހެލްތްކެއަރގެ ދިރާސާތަކާއި، އައު އީޖާދުތަކާއި އެކަޑެމިކް ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާގެ ޔުނާން ޔުނިވަރސިޓީ (ވައިއެންޔޫ) އާ ދެމެދު، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ޒަމާނީ ޑިޖިޓަލް ސިއްޙީ ޓެކްނޮލޮޖީގެ ދާއިރާގައި ޤައުމީ ޤާބިލިއްޔަތު ހަރުދަނާކޮށް، ސަރަޙައްދުގައި ސްމާޓް ހެލްތްކެއަރ ދިރާސާތަކުގެ ކުރީ ސަފުގައި ދިވެހިރާއްޖެ ބެހެއްޓުމަށް އެމްއެންޔޫއިން ކުރާ މަސައްކަތުގެ ހެއްކެކެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީން ގުޅިގެން އެމްއެންޔޫގައި "އިންޓަރނޭޝަނަލް ޖޮއިންޓް ކީ ލެބޯޓަރީ އޮފް ޑޭޓާ ސައިންސް އެންޑް އިންޓެލިޖެންޓް ކޮމްޕިއުޓިންގ (އައިޖޭކޭއެލް-ޑީއެސްއައިސީ)" އާއި "ޖޮއިންޓް ރިސާރޗް ސެންޓަރ ފޮރ އިންޓެލިޖެންޓް ހެލްތްކެއަރ (ޖޭއާރްސީއައިއެޗް)" ޤާއިމްކުރާނެ ކަމަށެއެވެ. މި މަރުކަޒުން، އޭއައިގެ އެހީގައި ބަލީ ދެނެގަތުމާއި، މެޑިކަލް ޑޭޓާ ތަޙުލީލުކުރުމާއި، ޑިޖިޓަލް ސިއްޙީ ޙައްލުތަކަށް އަމާޒުކޮށްގެން ކުރެވޭ އީޖާދީ ދިރާސާތަކުގެ މަރުކަޒުތަކެއްގެ ގޮތުގައި ޚިދުމަތް ދޭނެއެވެ. މި ބައިވެރިވުމުގެ ތެރެއިން، އެމްއެންޔޫއިން އިންޖިނިއަރިންގ، ބަޔޯމެޑިކަލް ސައިންސަސް އަދި ހެލްތްކެއަރ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި، މުދައްރިސުންނާއި ދަރިވަރުންނަށް ފުންނާބުއުސް ދިރާސާތަކާއި ސައިންޓިފިކް ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކުރާނެއެވެ.
ދިރާސާތަކުގެ އިތުރުން، މި އެއްބަސްވުމުގައި ހިމެނެނީ ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދާރިސުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމުގެ ދިރާސާތައް އެކުގައި ކުރިއަށް ގެންދިއުމެވެ. އަދި އެމްއެންޔޫ އާއި ވައިއެންޔޫއިން އެކުގައި ކުރާ ދިރާސާ މަސައްކަތްތައް ޝާއިޢުކޮށް، ކޮންފަރެންސްތައް ބާއްވައި، އަދި ބައިނަލްއަޤްވާމީ ދިރާސާތަކަށް ފަންޑު ހޯދުމަށްވެސް ހިމެނެއެވެ. ޔުނާން ޔުނިވަރސިޓީއިން ޓެކްނިކަލް ތަޖުރިބާ، މަޢުލޫމާތު ޙިއްޞާކުރުމުގެ އެހީތެރިކަން، އަދި ދިރާސާތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ސިއްޙީ އައު ޓެކްނޮލޮޖީގެ ދާއިރާތަކުގައި އެމްއެންޔޫގެ ޤާބިލިއްޔަތު އިތުރުކޮށް ހަރުދަނާކުރުމަށް އެހީތެރިވެދޭން މި އެއްބަސްވުމުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ޑިޖިޓަލް ހެލްތްކެއަރ ވިއުގަ ތަރައްޤީކުރުމަށް މަގުފަހިވެ، ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިއްޙީ ދާއިރާގެ ދިރާސާތަކާއި އީޖާދުތަކަށް އާ ހަކަތައެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި މި ގުޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޑޭޓާ ސައިންސްއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު