އައްޑޫ ސިޓީ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ "އައްޑޫ އާޓް އެގްޒިބިޝަން" ގެ ނަމުގައި ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މާދަމާގެ 14:00އަށް މުއްދަތު ހަމަވާނެއެވެ. މާދަމާއަށް މުއްދަތު އިތުރުކުރީ ސްކޫލްތަކަށް އިތުރު ވަގުތު ބޭނުން ވާތީ އާއި ކުރިން ކުރި އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހަށް ބައެއް ބަދަލުގެންނަން ޖެހުމުގެ ސަބަބުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ކުރެހުމުގެ މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި އައްޑޫގެ ޚާއްޞަ ކަންކަން ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދީ އާޓް މެދުވެރިކޮށް މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކުރުމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އައްޑޫ ސިޓީގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށެވެ.
މި މުބާރާތުގެ މައިގަނޑު ތީމަކީ "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" އެވެ. މި ތީމްގެ ދަށުން އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރު، އައްޑޫގެ ގުދުރަތީ ރީތިކަން އަދި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭފަދަ ކުރެހުންތައް ބައިވެރިކުރެވިދާނެއެވެ.
މުބާރާތް ކުރިއަށް ގެންދަނީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ.
އެއީ،
10 އަހަރުން ދަށް
13އަހަރުން ދަށް
16 އަހަރުން ދަށް
20 އަހަރުން ދަށް
މިމުބާރާތަށް ހުށެހެޅޭ ކުރެހުންތައް އައްޑޫހައި ސްކޫލްގައި ބޭއްވޭ ދެ ދުވަހުގެ އާޓް އެގްޒިބިޝަންގައި ދައްކާލެވިގެން ދާނެއެވެ. އަދި ކައުންސިލުން އެކުލަވާލެވޭ ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ބަލައި، ބައިވެރި ކުރެވޭ ކުރެހުންތަކުން ވަނަތައް ހޮވައި ވަނަތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނަތައް ލިބޭ ކުރެހުންތައް އައްޑޫސިޓީ ކައުންސިލުން ހުޅުވުމަށް ތައްޔާރުވަމުންދާ "ބޮނޑޮގޭ އާޓް ގެލެރީ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ދައްކާލާނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ކޮންމެ އުމުރުފުރައަކުން އެއްވަނައަށް އަންނަ ދަރިވަރަކަށް 5000 ރުފިޔާ، ދެވަނައަށް އަންނަ ދަރިވަރަކަށް 3000 ރުފިޔާ އަދި ތިންވަނަ ހޮވޭ ދަރިވަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މުޅި މުބާރާތުން އެއްވަނައަށް 10،000 ރުފިޔާ، ދެވަނައަށް 7،000 ރުފިޔާ އަދި ތިންވަނައަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.
މ މުބާރާތުގެ ޤަވައިދާއި އުޞޫލު މި ލިންކުން ބަލާލެވޭނެއެވެ.
advertisment
ހިޔާލު