އަންނަ އަހަރު ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރު، ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށައަޅައިފިއެވެ. މިއީ މި އަހަރު ހުށައެޅި 5.1 ބިލިއަން ރުފިޔާއަށްވުރެ 500 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތައުލީމީ ދާއިރާއަށް ހުށައެޅި ބަޖެޓްގެ ތެރެއިން ތަޢުލީމާ ބެހޭ ވުޒާރާގެ ބަޖެޓަކީ 4.6 ބިލިއަން ރުފިޔާއެވެ. މަތީ ތައުލީމާ ބެހޭ ވުޒާރާގެ ބަޖެޓަކީ 1.3 ބިލިއަން ރުފިޔާއެވެ.

ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ޕީއެސްއައިޕީގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރަށް 779 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 625 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޕީއެސްއައިޕީގެ ގޮތުގައި މަތީ ތަޢުލީމަށް ކަނޑައަޅާފައި ވަނީ 124 މިލިއަން ރުފިޔާއެވެ. އެއީ، ރިސަރޗް އިންސްޓިޓިއުޝަންތަކާއި ލައިބްރަރީތަކަށް ކަނޑައަޅާފައިވާ 7.2 މިލިއަން ރުފިޔާއާއި ޔުނިވަރސިޓީއާއި ކޮލެޖްތަކުގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ 116 މިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީގެ ގޮތުގައި ޕްރައިމަރީ އަދި ސެކަންޑްރީ އެޑިޔުކޭޝަންއަށް 655 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައު ސްކޫލްތައް އިމާރާތް ކުރުމާއި މިހާރު ހުރި ސްކޫލްތައް މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ 598 މިލިއަން ރުފިޔާއާއި ސްކޫލް ސްޕޯޓްސް ފެސިލިޓީސް ޤާއިމް ކުރަން ކަނޑައަޅާފައިވާ 57 މިލިއަން ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *