ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ އާމިނަތު ޒާހިރަށް ލިބިވަޑައިގެންފިއެވެ. ޕީއެޗްޑީގެ ސަނަދު ހަވާކުކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބަހާއި ޘަޤާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ. އޭނާ ޕީއެޗްޑީ ހެއްދެވީ އެޕްލައިޑް ލިންގުއިސްޓިކްސްއިންނެވެ.

ޑރ. އާމިނަތު ޒާހިރު ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ ވެސް ދިވެހި ބަހުންނެވެ.

އޭނާގެ ތީސީސް "ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ" ބިނާކުރެއްވީ ދިވެހިބަހަށް އޮތް ގަދަރު ހީނަރުވަމުންދާ މި ދަނޑިވަޅުގައި ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުންތެރިކަން އިތުރު ކުރުމުގެ މައްޗަށެވެ.

މިއީ، ދިވެހި ބަހުގެ ހައިސިއްޔަތު މަތިކޮށް ދިވެހި ބަހުގެ ޤަދަރު އިތުރުކޮށް ކުރިމަގުގެ ޖީލަށް ދިވެހި ބަސް ހެޔޮގޮތުގައި ވާޞިލްކޮށްދިނުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކާއި ރޭވުންތައް އެކުލަވާލާ ތަންފީޒު ކުރާނެ ގޮތްތައް ދެނެގަނެވޭނެ އަދި ބަހުގެ ސިޔާސަތުގެ އިލްމީ ނަޒަރިއްޔާއަށް އައު ހޯދުން އިތުރުކޮށްދޭ މުހިންމު ދިރާސާއެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ، ޑރ. އާމިނަތު ޒާހިރު ޙާޞިލް ކުރެއްވުމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މިދަކީ ދިވެހި ބަހަށާއި އެ ޔުނިވަރސިޓީއަށާއި ދިވެހިޤައުމަށް އުފާވެރި ދުވަހެއް ކަމަށެވެ.

"މި ކާމިޔާބީއަކީ ހަމައެކަނި އެކަޑަމިކް ކާމިޔާބެއް ނޫން. މިއީ އަޅުގަނޑުމެންގެ ބަހަށް ސަޤާފަތަށް އަދި އާދަކާދައަށް ކުރެވޭ އިޙްތިރާމެއް. މިއި ދިވެހި ބަހަށް ޔުނިވަރސިޓީއަށް މުޅި ޤައުމަށް ފަޚުރުވެރި ދުވަހެއް. މިއީ ކުރިމަގުގެ އިލްމްވެރިންނަށް ފާހަގަކޮށްލެވޭ މިސާލެއް" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރުގެ ތީސީސްގައި ހިމެނޭ ދިރާސާއަކީ ބަހުގެ ސިޔާސަތު ބައްޓަންކުރާ ތާރީޚީ އިޖްތިމާއީ އަދި ސިޔާސީ ޚިޔާލުތައް ތަހުލީލުކޮށްގެން ދިވެހިބަހާމެދު ނިންމާފައިވާ ނިންމުންތަކަށް ދިވެހިރާއްޖޭގައި ތައުލީމަށް އަމިއްލަވަންތަކަމަށް ޤައުމިއްޔަތުގެ ވިސްނުންތަކަށް އަދި ޤައުމީ ރޫހަށް އަސަރުކުރާ ގޮތުގެ ފުން ވިސްނުމެއް ލިބިދޭ ދިރާސާއެއް ކަމަށެވެ.

ޑރ. އާމިނަތު ޒާހިރު ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވީ 2009 ވަނަ އަހަރުއެވެ. ބަހާއި ސަޤާފަތުގެ ދާއިރާއިން މާސްޓަރސް ފުރިހަމަކުރެއްވީ 2023 ވަނަ  އަހަރުއެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރާއެއްގެ ގޮތުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *