އިޓަލީގައި ބާއްވާ ގްލޯބަލް އެޑިއުކޭޝަން ކޮންފަރެންސްގައި ބިލަބޮންގެ ހައި އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލާއި ދެ ދަރިވަރުން ބައިވެރިވެއްޖެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިޓަލީގެ ރޯމްގައި ކުރިއަށްދާ "އެޑިއުކޭޝަން ފޯ ދަ ވޯލްޑް" ކޮންފަރެންސްގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި ފިންލެންޑާއި ޗިލީ އާއި ސައުތު އެފްރިކާ އާއި ގާނާ އާއި ޖަޕާނާއި ސްޕެއިންގެ އިތުރުން އިޓަލީ ފަދަ 30 އަށް ވުރެ ގިނަ ޤައުމުގެ ޓީޗަރުންނާއި، ދަރިވަރުންނާއި ލީޑަރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ސަގާފީ އަދި ބައިނަލްއަގުވާމީ ނަޒަރަކުން ތައުލީމުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. މި ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ދުނިޔޭގެ ސުލްހައާއި، ޖެންޑަރ އީކުއަލިޓީއާއި، ތަޢުލީމީ ދާއިރާއިން އޭއައިއާއި، އާންމުކޮށް އެންމެންނަށް ތަޢުލީމު ދިނުން ފަދަ ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މި ކޮންފަރެންސްގެ ތެރެއިން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ޒިޔާރަތް ކުރި ޔޫރަޕްގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓާއި އޮލިމްޕިކް އެތުލީޓުންނާއި، މަޝްހޫރު އާޓިސްޓުންނާއި، އާކިޓެކްޓުންނާއި، ގްލޯބަލް އެވޯޑް ލިބުނު ފަރާތްތަކާއި، އެޑިއުކޭޝަން މިނިސްޓަރު ފަދަ ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރުންގެ ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ކޮންފަރެންސްގައި އެކި ޤައުމުތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި ޕްރިންސިޕަލުން ހިޔާލު ބަދަލުކޮށް ތައުލީމުގެ މުސްތަގުބަލު ބައްޓަން ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެއެވެ. މި މަޝްވަރާތައް ނިންމާލާނީ، ދުނިޔޭގެ އުނގެނުމުގެ މުޖުތަމައު އިތުރަށް ގުޅުވާލައި، ހަމަހަމަ ގޮތެއްގައި އުނގެނުމުގެ މުޖުތަމައެއް ބިނާކުރުމުގެ ތަޞައްވުރެއް އެކުލަވާލަމުންނެވެ.

މި ކޮންފަރެންސްގެ ސަބަބުން، ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބައިނަލްއަޤްވާމީ މުޢާމަލާތްތަކާއި، ޚިޔާލުތައް ޙިއްޞާކޮށް، ބައިނަލްއަޤްވާމީ ތަޢުލީމީ މައިދާނުގައި ރާއްޖެއަށް ލިބޭ ފުރުޞަތު ފަހިވެގެންދާނެއެވެ.
"މިއީ އަޅުގަނޑުމެންގެ ސްކޫލު ކޮމިއުނިޓީއަށް، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ތަޢުލީމުގެ މުސްތަޤުބަލު ބައްޓަން ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ޕްރިންސިޕަލް އިބްރާހިމް ޝަހީމް ވިދާޅުވި އެވެ.

advertisment
ހިޔާލު