"ކޮމިއުނިޓީ ހެލްޕާސް ޑޭ" ގެ ނަމުގައި މެންދުރު ދަންފަޅީގެ ދަރިވަރުންނަށް އިސްކަންދަރު ސްކޫލުން ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ މެންދުރު ކުރިއަށް ގެންދިޔަ މި ހަރަކާތުން "ކޮމިއުނިޓީ ހެލްޕާސް"ގެ ފަރާތުން ލިބޭ ޚިދުމަތްތައް ދެނެގަތުމާއި އެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރަން ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ މެންދުރު ދަންފަޅީގައި ކިޔަވާ ގުރޭޑް 1ން5ގެ ދަރިވަރުންނަށެވެ.

މިހާރު އަމަލުކުރަމުންދާ ޤައުމީ މަންހަޖުގެ މައިގަނޑު އަސާސަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދިނުން ކަމަށާއި އޭގެ މާނައަކީ ކުލާސްރޫމުގެ ތެރޭގައި އުނގަންނައިދޭ ކޮންމެ އެއްޗަކީ ވެސް އެކުދިންނަށް އިހުސާސްކުރެވޭ، އެކުދިންނަށް ވިސްނޭ، ޢަމަލީ ގޮތުން އެކަމެއް ބޭނުންކުރެވޭ މިންވަރަށް އުނގަންނައިދިނުން ކަމަށް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވި ގޮތުގައި، ކޮމިއުނިޓީ ހެލްޕާސް އަކީ ކޮންބައެއްކަން ކުދިންނަށް އެނގެން ޖެހޭ ކަމަށާއި ބޭނުންވީ އެއްތަނަކުން ދަރިވަރުންނަށް އިހުސާސްކުރުމާއި ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

"ކޮމިއުނީޓީ ހެލްޕާސް ޑޭ" ގެ ހަރަކާތްތަކުގައި ސާދަ މުއައްސަސާއަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނެއެވެ.

އިސްކަންދަރުގެ މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި، އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމާއި ވެމްކޯއާއި އެމްޓީސީސީއާއި އެމްއޭސީއެލް އާއި އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީ ހިމެނެއެވެ. އަދި އެމްއެންޔޫގެ އެފްއެޗްޓީއެސްއާއި އައިޔޫއެމް އާއި ވައިޓަލް ކެއަރ އާއި ފިޒިއޯ ސޮލިޔުޝަން އާއި މީޑިއާ ނެޓާއި މޯލްޑިވްސް މިއުޒިކް އާޓް ސެންޓަރު ހިމެނުން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.
އިސްކަންދަރު ސްކޫލުން ބުނީ، ވަރަށް މަދުން ނޫނީ ސްކޫލްތަކުން ދަރިވަރުންނަށް ހޯދައިދޭ ފުރުޞަތެއް ކަމަށެވެ.


advertisment
ހިޔާލު