އިތުރު ފަސް ރަށެއްގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އަޚްމަދު އަމީން މުޙައްމަދު ވިދާޅުވީ، އދ. މާމިގިލީގައި ކެމްޕަހެއް ހެދުމުގެ މަސައްކަތުގެ އެމްއޯޔޫއެއްގައި ސިއުކޮށްފައިވާއިރު، ލ. ފޮނަދޫ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުރު ފަސް ރަށެއްގައި ކެމްޕަސްތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ޕީއެސްއައިޕީ ޕްރޮގްރާމުގެ ތެރެއިން ކަމަށް އަމީން ވިދާޅުވިއެވެ.
އައިޔޫއެމްގެ ކެމްޕަސްތައް ހަދަން ނިންމާފައިވަނީ ށ. ފުނަދޫ އާއި ގއ. ވިލިނގިއްޔާއި ތ. ވޭމަންޑޫ އާއި ނ. މަނަދޫ އާއި ޅ. ހިންނަވަރުގައެވެ.
އަމީން ވިދާޅުވީ، އަލަށް ހަދާ ކެމްޕަސްތަކުގެ ކޮންސެޕްޓް ފަރުމާކުރުުމުގެ މަސައްކަތް ނިމި ތަފުޞީލީ ކުރެހުންތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި ރައީސް އޮފީހުގެ މަޝްވަރާވެސް ލިބިގެން ކަމަށެވެ.
އޭނާ ވިދާޅުވީ، ކެމްޕަސްތައް ހަދަނީ ކުރިން ގެންގުޅުނު ކޮންސެޕްޓާ ތަފާތުކޮށް ކޮންމެ ކެމްޕަހެއްގައި ވެސް ދަރިވަރުން ތިބޭނެ ދަނާލަކާއި ލައިބްރަރީއާއި ކޮމްޕިއުޓަރ ލެބާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހެނިހެން ފެސިލިޓީތއް ވެސް ހިމަނައިގެންނެވެ.
"ކެމްޕަހެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތްތަކެއް ހިމަނައިގެން އާ ކެމްޕަސްތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ" އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ޔުނިވަރސިޓީގެ ގިނަ ކެމްޕަސްތަކެއް އަތޮޅުތެރޭގައި ޤާއިމް ކުރެވޭނެ ކަމަށާއި އެކަމުގެ ފަސޭހަކަން އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.


advertisment
ހިޔާލު