ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލް ލ. ހުޅިމެންދޫ ހަދަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.
ހުޅިމެންދޫގައި ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލް ހަދަން އެ ރަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ.
ރިސޯޓާއި ޓްރެއިނިންގ ސްކޫލް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ލ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުﷲ ރަހީމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
އެއްބަސްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ހުޅަމެދޫންގައި ތަރައްޤީކުރާ ހޮޓެލް ސްކޫލަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ހުޅަމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް މުހިއްމު ކުރިއެރުން ގެނެސްދޭނެފަދަ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.
ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލާ ގުޅޭ ގޮތުން މިދިޔަ އަހަރު، އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޝެހެނާޒު ވިދާޅުވެފައި ވަނީ "މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ހޯދަން މަގުފަހިވެ އެކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތައިލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ ހަމަކުރާނެ" ކަމަށެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ވިހާވެސް ކުޑަކުރުމާއެކު ރިސޯޓް ޤާއިމް ކުރާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް އިސްކަންދީގެން ކަމަށެވެ. އަދި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ މަންފާތައް އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ޓްރެއިނިންގ ރިސޯޓްގައި ދިވެހި އާދަކާދައާއި ސަޤާފަތް ދެމެހެއްޓުމާއި ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށާއި ޓްރެއިނިންގ ރިސޯޓްގައި ތައުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާއާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ ޒަމާނީ ހުނަރުތައް އުނގަންނައި ދޭން ފެށުމުން ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަ ކުރުމުގެ ޤާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.
" ފަސްތަރީގެ ޓްރެއިނިންގ ރިސޯޓަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެއިނިންގ މަރުކަޒަކަށް ހެދުމުން ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުންނާއި ދިރާސާވެރިން އެ މަރުކަޒަށް އަންނާނެ ކަމަށް ބެލެވޭ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިލްމީ ހޯދުންތަކާ އާ ޚިޔާލުތައް ތަޢާރަފުވެ ދިވެހި ދަރިވަރުންނަށް ތަޖުރިބާކާރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޚާއްޞަ ދިރާސާތައް ކުރެވި ދާއިރާގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ. " ޑރ. ޝެހެނާޒު އޭރު ވިދާޅުވެފައިވެއެވެ.


advertisment
ހިޔާލު