ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކޮންމެ ސެމިސްޓަރަކު ފާހަގަކުރަމުން އަންނަ ދިވެހި ދުވަސް އިއްޔެ މާލޭ ސިޓީ ކެންޕަހުގައި ފާހަގަކޮށްފިއެވެ.
ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި "ދިވެހި ފޮރ ޕްރޮފެޝަނަލް" މާއްދާ ކިޔަވަމުން އަންނަ ދަރިވަރުންގެ މެދުގައި ބޭއްވި ދިވެހި ދުވަހު، 160ށް ގިނަ ދަރިވަރުން ބައިވެރިވި އިރު ތަފާތު 8 މުބާރާތެއް ވަނީ ބާއްވާފައެވެ. އެއީ ބޮޑުއަކުރު ލިޔުމާއި، އަތުލިޔުމާއި ބަސްތޫރަ މުބާރާތާއި ފާރުނޫސް މުބާރާތާއި ރެސިޕީ ހުށަހެޅުމާއި ހުނަރު ހުށަހެޅުމުގެ އިތުރުން ލުއިކާވާދަ މުބާރާތެވެ.
އިއްޔެ ހެނދުނު 8 ޖެހި އިރު ޔުނިވަރސިޓީ މައި ކެންޕަހުގައި ފެށު ނު ހަރަކާތްތައް ނިމުނީ އިއްޔެ ހަވީރު 4 ޖެހިއިރުއެވެ. އޭގެ ފަހުން ދުވަހުގެ ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ވެސް ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އިސްވާރު މަރްޔަމް ތައުފީޤާއެވެ. ދިވެހި ދުވަހު ބޭއްވި އެކި މުބާރާތްތަކުން 1ވަނައަށް ހޮވުނު ދަރިވަރުންނަށް ޓްރޮފީއާއި އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނެވެ.
އިއްޔެ ބޭއްވި ދިވެހި ދުވަހުގެ ބޮޑު އަކުރު ލިޔުމުގެ މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް ޕިޒިއޮތެރެޕީގެ ދަރިވަރު ޢާއިޝަތު މުޒްނާ މުޙައްމަދެވެ. އަތުލިޔުމުގެ މުބާރާތުން ބެޗެލަރ އޮފް ނާސިންގެ ދަރިވަރު އާމިނަތު އިބާ ރަމީޒް 1ވަނަ ހޯދި އިރު ބަސްތޫރަ މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް ނާސިންގެ ދަރިވަރު ޢާއިޝަތު ނަދާއެވެ.
ތާނަ ޓައިޕިން މުބާރާތުން ބެޗްލަރ އޮފް ސިވިލް އިންޖީނިއަރިންގެ ދަރިވަރު މުޙައްމަދު ވިޝާހް ޝާމިން 1ވަނަ ހޯދި އިރު ރެސިޕީ ހުށަހެޅުމުގެ މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް ފިޒިއޮތެރެޕީގެ ދަރިވަރު ފާޠިމަތު ޝާޒްލީންއެވެ. ދިވެހި ދުވަހުގެ ބޭއްވި ފާރު ނޫސް ހެދުމުގެ މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް ޕިޒިއޮތެރެޕީ ދަރިވަރުންނެވެ. ހުނަރު ހުށަހެޅުމުގެ މުބާރާތުން 1ވަނަ ހޯދީ ބެޗެލަރ އޮފް ނާސިންގ ( (K07D ދަރިވަރުންނެވެ. ލުއިކާ ވާދަ މުބާރާތުން 1ވަނަ ހޯދީ ބެލެލަރ އޮފް އިސްލާމިކް ސްޓަޑީޒް، ޑިޕްލޮމާ އިން ވިޒުއަލް އާޓްސް، ބެލެލަރ އޮފް އާކިޓެކްޗަރ ޑިޒައިން (KO2D, KO1D,K12D ) ގެ ދަރިވަރުންނެވެ.
މިއަހަރުގެ ދިވެހި ދުވަހުގެ ހަރަކާތްތައް ހިތަދޫ ކެންޕަހެއްގައި އިއްޔެ ކުރިއަށް ދިޔަ އިރު އަންނަ ހަފުތާގައި ތިނަދޫ ކެންޕަހުގައި ވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ވަނީ މިދިޔަ ސެމިސްޓަރުގައި ވެސް ދިވެހި ދުވަސް ފާހަގަކޮށްފައެވެ.
ހިޔާލު