ޕީއެޗްޑީގެ 5 ޕްރޮގްރާމެއްގައި ބައިވެރިވުމުގެ މުއްދަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އިތުރުކޮށްފިއެވެ.
އެމްއެންޔޫއިން ކުރި އިއުލާނެއްގައިވާ ގޮތުން މުއްދަތު އިތުރުކުރީ، ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސްޓަޑީޒާއި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޝަރީޢާއި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޕްލައިޑް ސައިންސް އާއި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގއެވެ. މި ހަތަރު ޕްރޮގްރާމަށް އެޕްލިކޭޝަން ހުށައަޅަން މުއްދަތު އިތުރުކުރީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.
އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަން ފަސް ދާއިރާއެއް ކަނޑައަޅައި އޭގެ ތެރެއިން ބޭނުން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެ ކަމަށް އެމްއެންޔޫއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. އިންޖިނިއަރިންގ ޕީއެޗްޑީއަށް ކިޔަވަން ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހިމެނެނީ، އިލެކްޓްރިކް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އެންވަޔަރަމަންޓަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ އިންޖިނިއަރިންގެ އިތުރުން ކެމިކަލް އިންޖިނިއަރިންގއެވެ.
އެޕްލައިޑް ސައިންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުމަށް އަށް ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ، އެންވަޔަރަމަންޓަލް ސައިންސް، މެޓީރިއަލް ސައިންސް، އެޕްލައިޑް މެތެމެޓިކްސް، ޑާޓާ ސައިންސް، ކެމިސްޓްރީ، ކޮމްޕިއުޓަރ ސައިންސް، ފިޒިކްސްގެ އިތުރުން ބައޮލޮޖީއެވެ.
އެމްއެންޔޫއިން ބުނީ، ޕީއެޗްޑީގެ ފުލްޓައިލް ޕްރޮގްރާމުގެ މުއްދަތަކީ 3-4 އަހަރާ ދެމެދެވެ. ޕާރޓްޓައިމް ޕްރޮގްރާމުގެ މުއްދަތަކީ 6-8 އަހަރާ ދެމެދެވެ.
ކޯހަށް ވަނުމުގެ ޝަރުޠަކީ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ރިސަރޗް ޕްރޮޖެކްޓެއް ނުވަތަ އެއާއެއްފަދަ ރިސަރޗް މަސައްކަތް ހިމެނޭ އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ.
IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީއޭއީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުމެވެ.
ކޯސްތަކަށް އެޕްލައިކުރަންޖެހެނީ އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު މެއިލް އަށް ކުރެއްވުމުން އަދި 1445 ފޯނުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ސައިންސާއި އިންޖިނިއަރިންގ ދާއިރާ ހިމެނޭގޮތަށް ޕީއެޗްޑީގެ 16 ޕްރޮގްރާމެއް މި އަހަރު އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
މިއީ މިހާ ގިނަ އަދަދެއްގެ ޕީއެޗްޑީ ކޯސްތަކެއް އެ ޔުނިވަރސިޓީން އިއުލާން ކުރި ފުރަތަމަ ފަހަރެވެ. މިހާރު އެ ޔުނިވަރސިޓީން ހިންގަމުން އަންނަނީ ޕީއެޗްޑީގެ ދެ ޕްރޮގްރާމެކެވެ. އެ ދެ ޕްރޮގްރާމުގައި 10 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު