ބަދަލަކީ އެއްފަހަރާ ކުރެވޭ އިސްލާހެއްގެ ގޮތުގައި ނުދެކި، އެއީ އުނގެނުމާއި ކުރިއެރުމުގެ މެދުކެނޑުމެއްނެތި ކުރާ ދަތުރެއް
އަބްދުﷲ ނަސީޙް
ސްކޫލްތަކަށް ބަދަލުތައް ގެންނަން އިސްކޮށް މަސައްކަތް ކުރުމަކީ ޒަމާނީ ތަޢުލީމީ ލީޑަރޝިޕުގެ އެންމެ މުހިންމު އަދި އެންމެ ޑިމާންޑް ބޮޑު އެއް ޒިންމާއެވެ. ޓެކްނޮލޮޖީއާއި ގްލޯބަލައިޒޭޝަނާއި އައު އުނގެނުމުގެ އުންމީދުތަކުގެ ސަބަބުން ސްކޫލު ނިޒާމަށް ހަލުވިކަމާއެކު އަވަސް ބަދަލު ތަކެއް ގެންނަން ޖެހެއެވެ. އެއީ ދަރިވަރުންނަށް ކްރިޓިކަލް ތިންކިންގ އާއި ކްރިއޭޓިވިޓީ އާއި ކޯލަބަރޭޝަނުގެ އިތުރުން ޑިޖިޓަލް ލިޓްރެސީ ފަދަ ހުނަރުތައް ފޯރުކޮށްދިނުމަށް މެދުނުކެނޑި ގެނެސްދޭ ތަރައްޤީ ބަދަލުތަކަށް ވެސް ވާން ޖެހެއެވެ. ނަމަވެސް ތަޢުލީމަށް އަންނަ ބަދަލަކީ ހަމައެކަނި އައު ސިޔާސަތުތައް ނުވަތަ ޓެކްނޮލޮޖީތައް ތަޢާރަފް ކުރުމެއް ނޫނެވެ. އެއީ ވިސްނުމާއި ސަޤާފަތާއި ޕްރޮފެޝަނަލް ޕްރެކްޓިސްތައް ބަދަލުކުރުމެވެ. އެހެންކަމުން، މި ޕްރޮސެސް ކުރިއަށް ގެންދިއުމުގައި، ތަޞައްވުރާއި އެންޕެތީ އާއި ކެތްތެރިކަމާއެކު ފައިދާހުރި ގޮތުގައި މަސައްކަތް ކުރާ ލީޑަރޝިޕަކުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
ސްކޫލްތަކަށް ބަދަލު ގެންނަން ކުރާ މަސައްކަތުގައި ލީޑްކުރާ މީހަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެތެރެއިން އަންނަ ދެކޮޅުވުންތަކެވެ. ގިނަ ފަހަރަށް ޓީޗަރުންނާއި މުވައްޒަފުންނަށް ބަދަލެއް ބަލައިގަންނަން ދަތިވަނީ ތަކުރާރުކޮށް ކުރެވޭ އިސްލާހުތަކުގެ ސަބަބުން ފެންނަން ހުރި ކުރިއެރުންތައް މަދުވުމުންނެވެ. މި ދެކޮޅުވެރިކަމަކީ ކޮންމެހެން ކޮމިޓްމަންޓް ނެތުމެއް ނޫނެވެ. އެއީ ޔަގީންކަމެއް ނެތް ކަމުގެ ބިރާއި، އިތުރު މަސައްކަތުގެ ބުރައާއި، ދަރިވަރުންގެ ނަތީޖާއާ މެދު ކަންބޮޑުވުމުން އުފެދޭ ކަމެކެވެ.
މައިކަލް ފުލަން ގެ ދިރާސާއިން ފާހަގަކޮށްފައިވާ ގޮތުގައި ކާމިޔާބު ބަދަލެއް ފެށެނީ އަޚްލާޤީ މަޤްޞަދަކުންނެވެ. އެ އިސްލާހެއްގެ ބޭނުމަކީ ކޮންމެ ކުއްޖެއްގެ އުނގެނުމަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުންކަން ބުނެދޭންޖެހެއެވެ. ސާފު މަޤްޞަދެއް އޮވެގެން މުޢާމަލާތުކޮށް، އެ ބަދަލުގެ މާނަ ހުރި މަޝްވަރާތަކުގައި މުދައްރިސުން ބައިވެރިކޮށް، ބަދަލުތައް، ސީދާ ކިޔަވައިދިނުމާއި އުނގެނުމާ ގުޅުވައިލުމުން، ދެކޮޅުވެރިކަން މިލްކުވެރިކަމަށް ބަދަލުކުރެއެވެ.
އަނެއް ބޮޑު ގޮންޖެހުމަކީ އިނޮވޭޝަން ދެމެހެއްޓުމަށް ކެޕޭސިޓީއާއި ވަސީލަތްތައް ނެތުމެވެ. ގިނަ ސްކޫލްތަކަށް އުނދަގޫވަނީ އެއްބާރުލުން ދިނުމަށް ވަގުތު މަދުވުމާއި، އެކަށީގެންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތް ނުކުރެވުމާއި އިންސްޓްރަކްޝަނަލް ސަޕޯޓް ނެތުމެވެ. ޑރ. ޑާލިންގ-ހެމަންޑް އެޓް އަލް ގެ ދިރާސާތަކުން ދައްކާ ގޮތުގައި އެއްފަހަރާ ކުރާ ތަމްރީނު ސެޝަންތަކުގެ ސަބަބުން ކްލާސްރޫމް ޕްރެކްޓިސްއަށް ދެމިއޮންނަ ބަދަލެއް އަންނަނީ މަދުންނެވެ. އޭގެ ބަދަލުގައި، ސްކޫލް ބިނާކުރުމަށާއި މުދައްރިސުން އެޑެޕްޓްވެ ކުރިއަރައި ދިއުމަށް އެހީތެރިވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ހިނގަމުންދާ، ޕްރޮފެޝަނަލް ލާރނިންގ- ޕީއާރ ކޯޗިންގ، މެންޓަރިންގ، އަދި ޕްރޮފެޝަނަލް ލާރނިންގ ކޮމިއުނިޓީސް (ޕީއެލްސީ) ޕްރޮގްރާމްތަކުގެ ފައިދާ މާބޮޑެވެ. ޕްރޮފެޝަނަލް ކޮލަބަރޭޝަނަކީ ސްކޫލު ލީޑަރުންގެ ސަގާފަތުގެ ބަޔަކަށް ހަދައި، ސްކޫލްތަކަކީ އިސްލާހުތައް ތަންފީޒުކުރުމާއި ދަރިވަރުންގެ ކާމިޔާބީ ރަނގަޅު ކުރުމަށް ރަނގަޅަށް ތައްޔާރުވެފައިވާ ތަނަކަށް ހަދަން ޖެހެއެވެ.
ބަދަލު ގެނައުމުގެ ތެރޭގައި ގެންގުޅޭ ލީޑަރޝިޕް ސްޓައިލަކީ ވެސް އޭގެ ކާމިޔާބީ ކަނޑައަޅާ އެއްޗެކެވެ. އޯއީސީޑީއިން ހޯދާފައިވާ ޑޭޓާތަކުން ދައްކާ ގޮތުގައި އިންސްޓްރަކްޝަނަލް އަދި ޑިސްޓްރިބިއުޓެޑް ލީޑަރޝިޕް މޮޑެލްތަކަކީ ވަކިން ޚާއްޞަކޮށް ދެމެހެއްޓެނިވި ކުރިއެރުމެއް ކުރިއެރުވުމުގައި ފައިދާހުރި މޮޑެލްތަކެކެވެ. އިންސްޓްރަކްޝަނަލް ލީޑަރުން ސީދާ ފޯކަސް ކުރަނީ ފީޑްބެކާއި، ޑޭޓާ ބޭނުންކުރުމާއި، ޝެއަރޑް ވިޝަން މެދުވެރިކޮށް ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު މަތިކުރުމަށެވެ. އަނެއްކޮޅުން ޑިސްޓްރިބިއުޓެޑް ލީޑަރޝިޕަކީ ޓީޗަރުންނާއި މެދު ލީޑަރުންނަށް އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ބާރު ލިބި، ސްކޫލްގެ މިސްރާބަށް ހިއްސާކުރެވޭ ޒިންމާއެއްގެ އިހުސާސް އުފެދޭކަމެކެވެ. ލީޑަރޝިޕް ހިއްސާކުރާއިރު، މުދައްރިސުންނަށް އަގުހުރިކަން އިހުސާސްވެ، މޯޓިވޭޓްވެ، އުނގެނުމުގެ ނަތީޖާ ބަދަލުކުރެވޭނެ އާ ސްޓްރެޓެޖީތައް ތަޖުރިބާ ކުރަން ޝައުގުވެރިކަން އިތުރުވެއެވެ.
ކާމިޔާބު ބަދަލަކަށް ބޭނުންވަނީ ރަނގަޅަށް ކަނޑައެޅިފައިވާ ސާފު އޮނިގަނޑުތަކާއި އިންތިޒާމުކުރެވިފައިވާ ޕްރޮސެސްތަކެކެވެ. ދުނިޔޭގެ ގިނަ ތައުލީމީ ނިޒާމުތަކުގައި ބޭނުންކުރަނީ އަށް ފިޔަވައްސެއްގެ މައްޗަށް ޖޯން ކޮޓާ އެކުލަވާލާފައިވާ ބަދަލުގެ މޮޑެލެވެ. މިއީ ބަދަލުތައް އަވަސްކުރުމާއި، ވަރުގަދަ ލީޑަޝިޕް ޓީމެއް ބިނާކުރުމާއި، ހިއްސާކުރެވޭ ތަސައްވުރެއް ތަރައްގީކުރުމާއި، އޯގަނައިޒޭޝަނަލް ސަގާފަތުގެ ތެރޭގައި ބަދަލު ގެނައުމަށް ބާރުއަޅާ މޮޑެލްއެކެވެ. ތަޢުލީމަށް އަމަލުކުރާއިރު، މި ފިޔަވަޅުތައް ލީޑަރުންނަށް މަގުދައްކައިދެނީ، ކުރިއެރުން ދެމެހެއްޓުމާއެކު، ރޭވުންތެރިކަމުގެ ތެރެއިން ތަންފީޒުކުރުމަށް ފައިދާހުރި ގޮތެއްގައި ކުރިއަށް ދިއުމަށެވެ. ހަމައެފަދައިން ފުލާންގެ ނަޒަރިއްޔާތުގައި، ވަރުގަދަ ގުޅުންތަކާއި އިތުބާރާއި އަޚްލާޤީ މަޤްޞަދެއްގެ އިޙްސާސް ކުރުމަށް ޓެކްނިކަލް ޕްލޭނިންގ އާއި އެއްވަރަށް މުހިންމު ކަންދީފައިވެއެވެ. އެހެންވެ ސްޓްރެޓެޖިކް މިސްރާބާއި ޖަޒުބާތީ ވިސްނުން އެއްކޮށްލާ ލީޑަރުންނަށް ދިގުދެމިގެންދާ އަދި މާނަހުރި ތައުލީމީ ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު ބޮޑެވެ.
މުޅި ދުނިޔޭގައި ވެސް ތައުލީމީ ނިޒާމުތައް ކާމިޔާބުކަމާއެކު އިސްލާހުކޮށްފައިވާ ގައުމުތަކުގައި ވަކި ސިފަތަކެއް އެކުލެވިގެންވެ އެވެ. ސިންގަޕޫރުން ލީޑަޝިޕް ޓްރެއިނިންގ އާއި ޓީޗަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ބޮޑު އިންވެސްޓްމަންޓެއް ކުރަނީ ކޮންމެ އިސްލާހަކަށް ވެސް ހުނަރުވެރި ޕްރެކްޓިޝަނަރުންގެ އެހީތެރިކަން ލިބޭތޯއެވެ. ފިންލޭންޑްގެ ނިޒާމުގައި މުދައްރިސުންގެ އޮޓޮނޮމީ އާއި އިތުބާރަށް ބާރުއަޅައެވެ. ގުދުރަތީ ގޮތުން އިނޮވޭޝަން ތަރައްގީވެ އާ އުފެއްދުންތައް ކުރިއަރާ ސަގާފަތެއް އުފެދިގެންދެއެވެ.
މި މިސާލުތަކުން ދައްކާ ގޮތުގައި ބަދަލު އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ތައުލީމީ ނިޒާމުގެ ހުރިހާ ފެންވަރެއްގައި – ސިޔާސަތުން ފެށިގެން ކްލާސްރޫމް ޕްރެކްޓިސްއާ ހަމައަށް – އަދި މުދައްރިސުންނަކީ ތަންފީޒުކުރާ ބައިވެރިންގެ ގޮތުގައި ބަލާ ވަގުތުތަކުގައެވެ.
ހަމައެއާއެކު، ތަޢުލީމީ ބަދަލަކީ އަބަދުވެސް ހަމަހަމަކަމާއިއެކު ހުރިހާ ފަރާތްތަކެއް ހިމެނޭ އުސޫލުތަކުން މަގުދައްކައިދޭން ޖެހޭ ބަދަލެކެވެ. ދަރިވަރުންނަށް ލާބައެއްނެއް އިސްލާހުތަކެއް ސްކޫލު ސިސްޓަމްސްގައި ހުރިނަމަ އެކަމުގެ ސަބަބުން މިހާރު ހުރި ނުތަނަވަސްކަން ފުންވުމުގެ ނުރައްކާ އެބައޮތެވެ. މިސާލަކަށް ޑިވައިސްތަކާއި ކަނެކްޓިވިޓީ ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ކަށަވަރު ނުކޮށް ޑިޖިޓަލް ލާނިން ތައާރަފް ކުރުމަކީ ބައެއް ދަރިވަރުން ފަހަތަށް ޖެހިދާނެ ކަމެކެވެ. އިންކްލޫސިވް ޗޭންޖް ލީޑަރޝިޕްގެ މާނައަކީ އިސްލާހުތަކުން ފައިދާ ކުރާ ފަރާތްތައް ތަހުލީލުކޮށް، ބޭނުންވާ ތަންތަނުގައި އަމާޒުކޮށްގެން ސަޕޯޓް ދިނުމެވެ. އަދި ސްކޫލް ރަނގަޅުކުރުމުގައި ހީވާގި ބައިވެރިންގެ ގޮތުގައި ބެލެނިވެރިންނާއި، މުޖުތަމަޢުތަކާއި، ލޯކަލް ޖަމިއްޔާތައް ބައިވެރިކުރުން ހިމެނެއެވެ. ސްކޫލްތަކުން އެމީހުންގެ މުޖުތަމަޢުތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ގުޅުންހުރި ގޮތަކަށް ގެނެވޭ ދެމެހެއްޓެނިވި ބަދަލުތަކަށް އެ ބަދަލު ވާންޖެހެއެވެ.
އަމަލީ ތަޖުރިބާއާއި ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލް ލީޑަރުންނަށް ކާމިޔާބު ބަދަލަކަށް މަގުދައްކައިދިނުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް އެބަހުއްޓެވެ. އެމީހުން ފަށަންވާނީ ޑޭޓާ މެދުވެރިކޮށް ދެނެގަނެވޭ ހަގީގީ އުނގެނުމުގެ ބޭނުންތަކަށް ޙައްލު ހޯދައިދޭ ސާފު، ދަރިވަރުން މަރުކަޒުކޮށްފައިވާ ތަޞައްވުރެއް ތަރައްޤީކޮށްގެންނެވެ. ކޮމިޓެޑް ޓީޗަރުންނާއި ސްޓޭކްހޯލްޑަރުންގެ ގައިޑިންގ ކޯލިޝަނެއް ބިނާކުރުމަކީ ޖަމާޢަތުގެ ޒިންމާ ކަށަވަރުކޮށްދޭ ކަމެކެވެ. ލީޑަރުން މެދުނުކެނޑި ޕްރޮފެޝަނަލް ލާރނިންގ އަށް އިސްކަންދީ، އެއްބާރުލުމާއި ރިފްލެކްޝަން އަށް ވަގުތު ކަނޑައަޅަން ޖެހެއެވެ. އަދި ކުރިއެރުންތައް މޮނިޓަރކޮށް، ކުދިކުދި ކާމިޔާބީތައް ފާހަގަކޮށް، ބޭނުންވާ ވަގުތުތަކުގައި ސްޓްރެޓެޖީތައް އެޑެޕްޓް ކުރުމަށް ހެކި ބޭނުން ކުރަން ޖެހެ އެވެ. ލީޑަރުން މުއާމަލާތް ކުރަން ޖެހެނީ ތެދުވެރިކަމާއެކު މުޅި ޕްރޮސެސްގައި އިތުބާރާއި މޮމެންޓަމް ދެމެހެއްޓުމަށެވެ.
ސްކޫލްތަކަށް ބަދަލު ގެނައުމަކީ ކޮމްޕްލެކްސް، އިމޯޝަނަލް، އަދި ފުން އިންސާނީ މަސައްކަތެކެވެ. އެކަމަށް ބޭނުންވަނީ ތަޞައްވުރާއި އަމަލީ ގޮތުން ފަރުވާތެރިކަމާއެކު ބެލެންސް ކުރުމާއި، ބާރާއި އެންޕެތީއާއި، އިނޮވޭޝަންއާއި ސްޓެބިލިޓީއެވެ. އެންމެ ފައިދާހުރި ލީޑަރުންނަކީ ބަދަލަކީ އެއްފަހަރާ ކުރެވޭ އިސްލާހެއްގެ ގޮތުގައި ނުދެކި، އެއީ އުނގެނުމާއި ކުރިއެރުމުގެ މެދުކެނޑުމެއްނެތި ކުރާ ދަތުރެއްގެ ގޮތުގައި ދެކޭ މީހުންނެވެ. ގްލޯބަލް ރިސާޗްތަކުން ތަކުރާރުކޮށް ކަށަވަރުކޮށްދެނީ ލީޑަރޝިޕް އިންސްޓްރަކްޝަނަލް އިމްޕްރޫވްމަންޓާއި، ޓީޗަރ ޑިވެލޮޕްމަންޓާއި، އިކުއިޓީއަށް ފޯކަސް ކުރާއިރު، ސްކޫލްތައް ވެގެންދަނީ ކޮންމެ ގޮންޖެހުމަކަށް ވެސް އެޑެޕްޓްވުމުގެ ގާބިލްކަން ހުރި އުނގެނުމުގެ ޖަމާޢަތް ތަކަކަށެވެ. ބަދަލު، ސާފުކަމާއި އޯގާތެރިކަމާއެކު ކުރިއަށް ގެންދާއިރު، މުޅި ސްކޫލު ވެގެންދާނީ، ކުރިއަށް އޮތް ޖީލުތަކަށް މުޅި ތައުލީމީ ތަޖުރިބާ ބަދަލުކުރުމުގެ ބާރު ލިބިގެންވާ ތަނަކަށެވެ.
ހިޔާލު