އަންނަ އަހަރު އޭއައިގެ ދާއިރާއިން މުދައްރިސުން ތަމްރީނު ކުރަން ޤައުމީ ކެމްޕެއިނެއް

އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ފަށްޓަވާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު އިއުލާން ކުރައްވައިފިއެވެ.

ޕްރިންސިޕަލުންގެ ކޮންފަރެންސް ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާޔުގައި އެމަނިކުފާނު ވިދާޅުވީ، ދިރިއުޅުމާއި ދޭތެރޭ ވިސްނާ ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުން ކަމަށެވެ. އެހެންވެ މުދައްރިސުންނަށް ބޭނުންވާ ފަންނީ ޤާބިލުކަން މަތިކުރަން ކުރަންޖެހޭ ތަމްރީންތައް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ރޯދަމަހު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށާއި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިންތައް މިމުއްދަތުތެރޭގައި ދެވޭނެ ކަމަށެވެ.

ސްކޫލުތަކުގައި ތައުލީމު ފޯރުކޮށްދެމުން އަންނަނީ އިސްލާމްދީން ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ ކުއްޖަކު ދިރިއުޅުމަށް ތައްޔާރު ކުރުމަށް ކަމަށާއި މުޅި މަންހަޖުގެ ފަލްސަފާ އަކީ ވެސް އެއީ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރޮސް ރޯޑްގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު މިއަދު ވިދާޅުވީ، ތައުލީމީ ނިޒާމުގައި ކުއްޖަކު ދިރިއުޅުމަށް ތައްޔާރުކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ވިސްނާ، ފިކުރު ކުރާ ކުއްޖެއް ބިނާ ކުރުމަށެވެ. އެހެން ނޫނީ އަޅުގަނޑުމެންނަށް ތައުލީމީ ނިޒާމު ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ބަދަލު ނުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *