ކިހާދޫ ސްކޫލު މުދައްރިސުންނަށް ވޯކިންގ ސްޓޭޝަން ހަދަން އެރަށު ކައުންސިލުން 1ލައްކަ ރުފިޔާ ދީފި

ބ. ކިހާދޫ ސްކޫލުގެ މުދައްރިސުންނަށް ވޯކިންގ ސްޓޭޝަން ހަދަން އެރަށު ކައުންސިލުން 1ލައްކަ ރުފިޔާގެ އެހީއެއް ވެދީފިއެވެ.

މިއީ އެ ސްކޫލުގެ މުދައްރިސުންނަށް ފަސޭހަ މާހައުލެއްގައި މާހައުލެއްގައި މަސައްކަތް ކުރުމަށް ފަހުފަހިކޮށްދޭން ކިހާދޫ ކައުންސިލުން ވެދިން އެހީއެކެވެ.

ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއު ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެ ކައުންސިލުން އެކަށީގެންވާ ބަޖެޓެއް އެރަށު ސްކޫލަށް ހަމަޖައްސާ ކަމަށާއި ބޭނުންވަނީ ރަށުގެ ތައުލީމީ ފެންވަރު އެއް އަހަރުން އަނެއް އަހަރަށް ކުރިއަށް ގެންދަން ކަމަށެވެ.

"ގުރޭޑް 10ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށާއި ހިންގާ އިތުރު ހަރަކާތްތަކަށް ވެސް އަޅުގަނޑުމެން މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިވަމުން ދާނީ" ޝާފިއު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލުން ބުނީ، ރަށު ކައުންސިލުން ދިން ފައިސާގެ އެހީތެރިކަމާއެކު އެ ސްކޫލުގެ މުދައްރިސުންނަށް ބޭނުންވާ 35 ވޯކިންގ ސްޓޭޝަން ހަދަން ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ އެ ސްކޫލުން ދޭ ނަމުނާ އާ އެއްގޮތަށް ބީލަމަށް ހުޅުވާލައިގެން ކަމަށެވެ.

އެ ސްކޫލުން ބޭނުންވަނީ އަންނަ ދިރާސީ އާ އަހަރާއެކު މުދައްރިސުންނަށް އެ ވޯކިން ސްޓޭޝަންތަކުގައި މަސައްކަތް ކުރެވޭ ވަރަށް އެ މަސައްކަތް ކުރިއަށް ގެންދާށެވެ.

150 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިހާދޫ ސްކޫލުގައި ކިޔަވަމުން ގެންދެއެވެ. އެ ސްކޫލުގެ ދަރިވަރުން މި ފަހަކަށް އައިސް އަންނަނީ އޯލެވެލްގެ ގަދަ ދިހައެއްގައި ވެސް ހިމެނެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *