އަލަށް ހުޅުވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަ ހުޅުވާލިތާ ދެ ދުވަސްތެރޭ 25 އިންސައްތަ ޖާގަ ފުރިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް) )އަށް ވަންނަން ހުޅުވާލީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި، ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފެށުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް އެ ސްކޫލުން ދެނީ ކިތައް ޖާގަކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވީ، ޔުނީފޯމްގައި ސްކޫލަށް އައިސް މަތީ ސާނަވީގެ މަޖްބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް އެ ސްކޫލުގެ ދަރިވަރުން ކިޔަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ސްކޫލުން ކުރިއަށް ގެންދާނީ ދެ އަހަރު ދުވަހުގެ ކޯސްތަކެއް ކަމަށާއި އެ ސްކޫލުން ދޭނީ ޔުނިވަރސިޓީއަކުން ޑިގްރީއެއް ނޫނީ ޑިޕްލޮމާއެއް ފުރިހަމަ ކުރަން އެމްކިޔުއޭއިން ޤަބޫލުކުރާ ލެވެލް 4ގެ ސެޓްފިކެޓެއް ކަމަށެވެ.
ދިހަ ކޯހެއް އެ ސްކޫލުގައި ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
" އަޅުގަނޑުމެންނަށް ގެންދެވޭ ޕްރޮގްރާމަކީ ޔުނިވަރސިޓީ އެންޓްރީ ލިބޭ ވަރުގެ ޕްރޮގްރާމެއް. ޑިޕްލޮމާއެއް ނޫނީ ޑިގްރީއަކާ ހަމައަށް ދެވޭވަރުގެ ޕްރޮގްރާމެއް. ކޯސް ނިންމާފައި އިތުރަށް ކިޔަވަން ނުވިސްނާނަމަ ވަގުތު ވަޒީފާއަށް ދެވެނޭ ފަދަ ޕްރޮގްރާމެއް" ޑރ. އިސްމާއިލް މިރޭ ވިދާޅުވިއެވެ.
ވޮކޭޝަނަލް ހައި ސްކޫލުން ޖާގަ ދެނީ އަށާރަ އަހަރު ނުފުރޭ ކުދިންނަށެވެ.

ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ދަރިވަރުންނަށް ލިބޭ ފުރުޞަތު މަދެއް ނުވާނެ ކަމަށާއި ފާއިތުވި ދެ އަހަރު އޯލެވެލް ނިންމި ކޮންމެ ކުއްޖަކަށް ފުރުޞަތު ލިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އެ ސްކޫލުގެ މަސައްކަތް މިހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ވޮކޭޝަނަލް ޕާތްވޭގެ އިތުރުން "ވޯކް ބޭސްޑް ޓިވެޓް ޕާތްވޭ" ގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.
"އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލެއްގައި ކުދިން ރަޖިސްޓްރީ ވެފައި ތިއްބާ އެކުދިން މަސައްކަތު މާހައުލަކަށް ފުރުޞަތު ދީގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް، ވޯކް ބޭސްޑް ޓިވެޓް ޕްރޮގްރާމަކަށް ހުޅުވާލާނަން. މި ޕްރޮގްރާމް ފުރަތަމަ ހުޅުވާލާއިރު ސްކިލްސް ޑިވެލޮޕްމަންޓް އޮޓޯރިޓީއާއި މަސްލަހަތު ވެރިންނާ މަޝްވަރާ ކޮށްފައި، ނިޒާމުގެ ތެރެއިން ސޭފްގާޑިން އެންޝުއަރ ކުރުމާއެކު މި ޕްރޮގްރާމް ފައްޓައިގަންނަން ދެ މަސްދުވަސް ނަގާނެ. އަޅުގަނޑުމެން ހުޅުވާލާނަން އެމްޕްލެޔަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީވާން. ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރޭގައި އަޅުގަނޑުމެން ހިތްހަމަޖެހޭ ފަދަ ރައްކާތެރި އަމާން މާހައުލެއް ޤާއިމް ވެފައި ހުރި ތަންތަނަށް ދަރިވަރުން ފޮނުވާނީ" މިނިސްޓަރު ވިދާޅުވިއެވެ.
18 އަހަރު ފުރެންދެން ރަސްމީ ތައުލީމުގެ ތެރޭގައި ކުއްޖާ ގެންގުޅުމުގެ މުހިންމުކަން އެޑިޔުކޭޝަން މިނިސްޓަރު ރޭ ފާހަގަކުރެއްވިއެވެ.
"ގުރޭޑް 10 ނިންމާފައި ހުރި ކުއްޖެއް ކިޔެވުމުގައި ޝާމިލު ނުވުމަށްވުރެ އެތައްހާސް ގުނައެއް އެކުއްޖާއަށާއި އާއިލާއަށް ޤައުމަށް ފައިދާކުރާނެއޭ މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަނީމާ" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު