މުދައްރިސްކަން ހިޔާރުކުރަންވީ ކީއްވެހެއްޔެވެ؟

ޢާއިޝަތު ޢަލީ

މުދައްރިސުކަމާ ބެހޭ ވާހަކައެއް ދައްކާނަމަ ނުވަތަ އަޑުއަހާނަމަ އެންމެ ގިނައިން އަޑުއިވޭ ވާހަކަތަކަކީ އެކަމުގެ ބުރަ ބޮޑުކަމުގެ ވާހަކައެވެ. އެކަމުގައި ހޭދަވާ ވަގުތުގެ ގިނަ ވާހަކައެވެ. ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކުން ފިކުރު ބޮޑުވާ ވާހަކައެވެ. އަދާކުރާ ޒިންމާއާ ލިބޭ އާމްދަނީ ނުބައްދަލު ވާހަކައެވެ. މިކަމާ ފިކުރުކޮށްލުމުން ހިތަށް އަރާ ސުވާލެއް އޮވެއެވެ. މިފަދަ ބުރަބޮޑު، ޒިންމާބޮޑު މަސައްކަތެއްގައި ގިނަ ބައެއް އުމުރުގެ ބޮޑު ބައި ހޭދަކުރަނީ ކީއްވެބާއެވެ؟ އަދާ ކުރާ ޒިންމާއާ ލިބޭ އާމްދަނީއާ ނުބައްދަލު އިރު ދުވަހުގެ ބޮޑުބައެއް، އެހެންބައެއްގެ ދަރިންތަކަކަށް އުނގަންނާދިނުމާއި އެކުދިން ތަރުބިއްޔަތު ކުރުމުގައި ދެމި ތިބެނީ ކީއްވެ ބާއެވެ؟

މި ސުވާލުތަކާ މެދު ވިސްނޭވަރުން އަޅުގަނޑާ ދުވަހީގޮތެއްގައި ދިމާވާ އެކިއެކި މުދައްރިސުންނާ މި ސުވާލުކޮށްލީމެވެ. އެމީހުން ދިން ޖަވާބުތަކަކީ ހުދު އަޅުގަނޑު މި ދާއިރާގައި 25 އަހަރު ދެމިހުރި ސަބަބުތަކަށް ވުމާއި މި ވާހަކަތަކަކީ މާގިނައިން މީހުން ދައްކާ އަޑު ނީވޭ ވާހަކަތަކަކަށްވުމުން މިތާގައި އެސަބަބުތައް ހިއްސާކޮއްލަން ގަސްތުކުރަމެވެ.

އަޅުގަނޑު ވާހަކަދެއްކި ގިނަ މުދައްރިސުން އަޅުގަނޑަށް ކިޔައިދިނީ އެމީހުން މުދައްރިސުކަމުގެ ދާއިރާގައި އެހާ ގިނަދުވަހު ދެމި ތިބުމަށް މެދުވެރިވި ސަބަބުކަމުގައިވާ، އެމީހުންގެ ބަހުންނަމަ ކުދިކުދި އާދައިގެ "މުއުޖިޒާތް"ތަކެއްގެ ވާހަކަތަކެކެވެ. ކިޔަވައިދެމުން ގެންދާ މަޢުލޫޢު ދަރިވަރުންނަށް ވިސްނުމުން އެކުދިންގެ ލޮލުން އެފެންނަ ވިދުވަރުން މުޅި ދުވަހަށް ލިބޭ އުޖާލާ ކަމުގެ ވާހަކައެވެ. ކުއްލި ކުއްލިއަށް ކިލާސްރޫމް ތެރެއިން އަޑުއިވޭ އުފާވެރި އަޑުތަކުގެ ސަބަބުން ފޫހި ދުވަހަކަށް އެ އަންނަ އުފާވެރިކަމުގެ ވާހަކައެވެ. ކިލާހުގައި ދުވަހަކުވެސް އަނގައިން ނުބުނެ އިން ދަރިވަރު، އެއް ދުވަހަކު މުދައްރިސު ކުރި ސުވާލަކަށް އިސްވެ ޖަވާބު ދިނުމުން ހިތަށް އެލިބުނު ބަޔާންކުރަން ދަތި ތަސައްލީގެ ވާހަކައެވެ. ހަމަ ގައިމެވެ! މި ހިނދުކޮޅުތަކަކީ އެއްވެސް އިމްތިޙާނަކުން ވަޒަންކުރެވޭނެ ހިނދުކޮޅުތަކެއް ނޫނެވެ.

މުދައްރިސުކަމަކީ އެ ވަޒީފާއެއްގައި ދެމިހުންނަ ކޮންމެ ދުވަހަކު އައު އެއްޗެއް ދަސްވާ ވަޒީފާއެކެވެ. ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ކިބައިން ހަމަ ކޮންމެ ދުވަހަކު އާ ޚިޔާލުތަކާއި އާ ސުވާލުތަކާއި އާ ވިސްނުންތަކާ ކުރިމަތިކުރުވައެވެ. އެއްދުވަހު ތިބާ ޅެމެއް ޝަރަޙަކުރަން އުޅެންޖެހިދާނެއެވެ. އަނެއް ދުވަހު ސައިންސުގެ ހޯދުމެއް މާނަކުރުމުގައި އުޅެންޖެހިދާނެއެވެ. އަދި ޖެހިގެން އަންނަދުވަހު ކޮންމެވެސް ބަހުސެއްގައި ޝާމިލުވެ އުޅެންޖެހިދާނެއެވެ. ދަރިވަރުންނަށް ދަސްވާ ކޮންމެ ހުނަރަކާ އެ ކުދިން ހޯދާ ކޮންމެ އައު ހޯދުމަކާ ކުރާ ކޮންމެ އައު ތަޖްރިބާއަކީ މުދައްރިސަށްވެސް ކުރިއެރުންތަކެއް ގެނުވާ ކަންކަމެވެ.

މުދައްރިސު ކިޔަވައިދޭ ކޮންމެ ފިލާވަޅަކުން، ދަރިވަރުންގެ މަޢުލޫމާތު މުއްސަނދިވުމުގެ އިތުރުން ދަރިވަރުގެ ވިސްނުން އަދި އުޅުން ބައްޓަންވެގެންދެއެވެ. ދަރިވަރުންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމަށާއި، އަނެކާއަށް އަޅާލުމަށާއި އައު ކަންކަމަށް އުއްމީދުކުރަން މުދައްރިސުގެ ގާތުން ދަސްވެއެވެ. މުދައްރިސުގެ ދުލުން ބޭރުވާ އެންމެ ހިއްވަރުގެ ބަހަކުން ދަރިވަރުގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. ދަރިވަރާ ކުރެވޭ މުޢާމަލާތެއްގެ ސަބަބުން އައު ދުނިޔައަކަށް ދަރިވަރުގެ ލޯހުޅުވިގެން ހިނގައިދާނެއެވެ. ކިލާހުގައި ނަގާ ދެވުނު ފިލާވަޅު ހަނދާން ނެތިގެންދާހާ ދުވަސް ފާއިތުވިޔަސް، މުދައްރިސުގެ ހާޒިރުގައި ދަރިވަރަށް ކުރެވުނު އިހުސާސްތައް އެކުދިންގެ ހިތުން ފިލައިގެން ނުދެއެވެ. އަދި މި އިހުސާސުތައް އާއިލާތަކާއި މުޖުތަމަޢުތަކާއި ޖީލުތައް ބައްޓަންކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ.

މަދަރުސީ ތަޢުލީމު ނިންމާލުމަށްފަހު ދެން އަޅާނެ ފިޔަވަޅަކާމެދު ވިސްނާ ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މަޢުނަވީ، އުފެއްދުންތެރި، އީޖާދީ ވަޒީފާއެއް އަދާކުރަން ގަސްތުކުރާނަމަ މުދައްރިސުކަން ހިޔާރުކުރުމަށެވެ. މި ވަޒީފާ އަދާ ކުރުމަށްޓަކައި ކޮންމެހެން ތިބާއީ އެންމެ އަޑުގަދަ އެންމެ އަވަހަށް މައްސަލަ ހައްލުކުރާ މީހާއަށް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ ޝައުގުހުރި، ކެތްތެރި، ކޮންމެ ދަރިވަރަކީ ވެސް ޤާބިލު ކުއްޖެއްކަން ހިތާއި ސިނކުޑިން ޤަބޫލުކުރުމެވެ. ކިޔަވައިދިނުމުގެ ގޮތްތަކާއި ކިލާހުގައި ބޭނުންކުރާ ހުނަރުތައް ދަސްކުރެވޭނެއެވެ. މުދައްރިސުކަމުން ލިބޭ އެންމެ ބޮޑު އުފަލަކީ ރަނގަޅު އިންސާނުންތަކެއް އުފެއްދުމުގައާއި އަމިއްލައަށް އުނގެނުމުގައި ތާއަބަދު ދެމިހުރުމެވެ.

އަދު މިވަނީ އަޅުގަނޑުމެންގެ ޤައުމަށް ހުނަރުވެރި ކޮމިޓެޑް މުދައްރިސުން ބޭނުންވެފައެވެ. ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުވެ ތަޢުލީމީ ސިޔާސަތުތައް ކިލާސްރޫމަށް ތަރުޖަމާކުރާ ބަޔަކީ މުދައްރިސުންނެވެ. އެހެން ހުރިހާ ވަޒީފާތަކެއްގެ ޝައުޤުގެ އޮށް ދަރިވަރުންގެ ހިތުގައި އިންދާ ބަޔަކީ މުދައްރިސުންނެވެ. އިންސާނެއްގެ ހަޔާތަށް ކޮންމެ ދުވަހަކު ހެޔޮބަދަލެއް ގެނައުމުގެ ފުރުސަތު އެދޭނަމަ މުދައްރިސުކަމަކީ ހިޔާރުކުރަން ރަނގަޅު ވަޒީފާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *