ލިބޭ ހިތްހަަޖެހުމަކީ ކިޔަވައިދޭ ކުދިންނަށް ލިބޭ ރަނގަޅު ނަތީޖާ

އަޙްމަދު ޙާމީ

އިންޓަރވިއު ފެށިގެން ގިނަ އިރުތަކެއްނުވެއެވެ. ގިނަ ދަރިވަރުންގެ ހިތުން އަޙްމަދު ޒަކަރިއްޔާ ސަރ އަށް ޚާއްޞަ ކަމެއް ދީފައިވަނީ ކީއްވެގެންކަން ޔަގީންވިއެވެ. ވާހަކަ ދެއްކުމުގައި ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމެވެ. ޖަވާބުތައް ދެއްވަމުން ގެންދެވި ވިސްނުންތެރި، ޝައުގުވެރި ގޮތުންނެވެ. ވަޒީފާއާ މެދު ފާޅުކުރައްވަމުން ގެންދެވި އިޚްލާޞްތެރި ޝުޢޫރުތަކުންނެވެ. އެއީ ހަމަގައިމުވެސް ދަރިވަރުން އެކުދިންގެ ހިތުން ލޯބި ލިބުން ޙައްޤު ޓީޗަރެކެވެ.

ހދ ކުޅުދުއްފުށީ ހިތިގަސްދޮށުގެއަށް ނިސްބަތްވާ އަޙްމަދު ޒަކަރިއްޔާ ސަރ، ވަރަށް ކުޑައިރުއްސުރެ ކިޔަވައި ދިނުމަށް ޝައުގުވެރިކަން ހުއްޓެވެ.

"ގްރޭޑު 7 ގައި ކިޔަވަން އުޅެމުން ޓިއުޝަން ދޭން ފަށައިފިން. ގެ ކައިރި ކުދިން ޓިއުޝަނަށް އަންނާނެ. އެހެންކަމުން ކިޔަވައި ދިނުމުގެ ރޮނގުންނޭ ކުރިޔަށްދާނީ ހިތުގައި އޮތީ. އެހެންވެ އެ ދާއިރާއިން ކުދިޔަށް ދާން ބޭނުންވީ ވެސް."

ކިޔަވައިދިނުމަކީ އަޙްމަދު ސަރ އަށް އެއްވެސް އިރެއްގައި އުނދަގޫވެ ބޮޑު ކަމެއްގެ ގޮތުގައި ނުދެކެއެވެ. ކުލާހެއްގައި މިތިބެނީ ވަރަށް ކިޔަވަން ބޭނުންވާ ކުދިންނާ ކުޑަކޮށް ކިޔަވަން ބޭނުންވާ ކުދިންނެވެ. އެކި ފެންވަރުގެ ކުދިންނެވެ. އެ ހުރިހާ ކުދިން ލައްވައި މަސައްކަތެއް ކޮންމެ ދުވަހަކުވެސް ކުރުވުމަކީ އަޙްމަދު ސަރ ގެންގުޅުއްވި ޓާގެޓެކެވެ. މައިގަނޑު ފިލާވަޅު މުޅި ކުލާހަށް ނަގައި ދިނުމަށްފަހު ވަކިވަކިން ކޮންމެ ކުއްޖެއްގެ ކައިރިޔަށް ގޮސް ވާނުވާ އޮޅުން ފިލުވައެވެ. ފިލާވަޅު ނޭނގޭ އެ ފެންވަރު ނެތް ކުދިން ލައްވައި މަދުވެގެން ޕެރެގުރާފެއް ނޫނީ ޖުމުލައެއް ލިޔުއްވުނަސް އެއީ ލިބޭ ބޮޑު އުފަލަކާ ހިތްހަމަ ޖެހުމެކެވެ. ކޮންމެ ކުލާހަކަށް ވަންނަނީވެސް އެކަމަށް ޓާގެޓްކޮށް އުންމީދުކޮށްގެންނެވެ. ގިނަ ފަހަރު ނިމިގެން ނުކުންނަނީ ކާމިޔާބު ކޮށްގެންނެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށް އަޙްމަދު ޒަކަރިއްޔާ ސަރއަށް ދިމާވަނީ، އޯލެވެލް އިން ދިވެހިން ފާސްނުވެ އަންނަ ކުދިން އޭލެވެލްގައި ދިވެހި ކިޔެވުން މަޖުބޫރު ކޮށްފައި އޮތުމުން އެކުދިންނަށް އެހާ ބޮޑު މުގައްރަރެއް އުނގަންނައިދޭން ޖެހުމެވެ. ގިނަ ކުދިން އެހާ ދިވެހި ކިޔަވަން ބޭނުންނުވާ އިރުވެސް، މަޖުބޫރުވެގެން ކިޔަވާ ކުދިންތަކަކަށް ކިޔަވައިދީ ފާސްވާ މިންވަރަށް ގެނައުމަކީ ގޮންޖެހުމެކެވެ. ކުދިންގެ ޝައުގުވެރިކަމެއް ވެސް ނުހުރެއެވެ. އޭލެވެލްގެ ޤައުމީ ދިހައެއްގައި ހިމެނުމަށްވެސް ދިވެހިން މަދުވެގެން ފާސްވެފައި އޮތުން މަޖުބޫރެވެ. އެގޮތަށް ބަލައިގެންވެސް ކިޔަވަން މަޖުބޫރުވެގެން ކިޔަވާ ކުދިންވެސް އެބަ ތިބެއެވެ.

" އޭލެވެލްގައިވެސް އެބަ އުޅޭ ގްރޭޑް 4 ގެ ފެންވަރު ދިވެހި ނޭނގޭ ކުދިންވެސް. އާދައިގެ ޖުމުލައެއް ކުށެއް ނެތި އިބާރާތްކޮށްނުލެވޭ ކުދިން."

ދަރިވަރުންގެ ދިވެހި ފެންވަރު ދަށްވެގެން މިއުޅޭ ސަބަބެއްކަމަށް އަޙްމަދު ޒަކަރިއްޔާ ސަރ އަށް ގަބޫލުކުރެވެނީ، ދިވެހި މާއްދާއާމެދު ކުދިން ދެކޭގޮތެވެ. ދިވެއްސަކީ މުހިންމު މާއްދާއެއް ނޫންކަމަށާއި މަތީ ތައުލީމަށް ދާއިރު ދިވެހި ކިޔަވަން ނުޖެހޭނޭ ކަމަށް ދެކޭދެކުމެވެ. ވަޒީފާތަކަށް ގޮސް ދިވެހީގެ މާބޮޑު ބޭނުމެއް ނޯންނާނޭކަމަށް ދެކުމެވެ.  އަނެއް ސަބަބެއް ކަމަށް އަޙްމަދު ސަރ އަށް ފާހަގަކުރެވެނީ ދިވެހިންގެ މިހާރުގެ ދަރިވަރުން ތުއްތު އުމުރުއްސުރެ ދިރިއުޅޭ މާހައުލުގައި ދިވެހިބަހުން ކުރެވޭ މުއާމަލާތްތައް މަދުވުމެވެ. ސްކޫލާއި ގޭތެރެއާ މުޖުތަމަޢުގެ ތެރެއިންވެސް މެއެވެ.

" ކިޔެނީ ދިވެހި އެއްޗެއްސެއް ނޫން! އަޑުއެހެނީ ދިވެހި ބަހެއް ނޫން. ވާހަކަ ދެއްކެނީ ދިވެހި ބަހަކުންނެއް ނޫން. އެހެންވީމަ ބަހުގަ މި އޮންނަ ހަތަރު ހުނަރުގެ ތެރެއިން ހުރިހާ ހުނަރެއް އެހެން ބަހަކަށް އަމާޒުވާތީ ދިވެހި ބަހަށް ކޮށިވަނީ. އެހެންވީމަ މިހާރު ކުދިންގެ ބަހުގެ ފެންވަރު ވަރަށް ދަށް! އުނދަގޫ ކިޔަވައިދޭންވެސް."

ޓީޗިންގ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެކެވެ. އެންމެ ބުރަކަމަކަށް ފާހަގަކުރެއްވީ ކުދިން ކުރާ މަސައްކަތްތައް މާކު ކުރުމެވެ. މިސާލެއްގެ ގޮތުން ނެންގެވީ ކިޔަވައިދޭ އެއް ގްރޭޑު އޭލެވެލް އެވެ. އޭލެވެލްގައި ހުންނަނީ ގިނައިން ލިޔުމެވެ. 55 ފޮޅުވަތާ 65 ފޮޅުވަތާ ދެމެދުގެ ލިޔުންތައް ހުރެއެވެ. ބައެއް މަސައްކަތްތައް ކޮންމެ ދުވަހަކުހެން ބަލައި ފީޑުބެކް ދެވެއެވެ. އަދި އޭގެ އިތުރުން ފޮތްތައް ނަގައިގެން ލިޔުންތައް މާކުކޮށް ލިޔުމުން ފީޑްބެކް ދެއްވާކަން ފާހަގަކުރެއްވިއެވެ.

"ފީޑްބެކް ދިނުމަކީ ކުއްޖާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް! ކޮބައިކަން މައްސަލައަކީ، ރަނގަޅު ކުރަންވީ ކޮން ކަމެއްކަން. ކިހިނެއްކަން ރަނގަޅު ކުރެވޭނީ. ހަމައެކަނި ފާހަގައެއް ލައިފަ ކޮމެންޓެއް ލުމުގެ ބަދަލުގައި ކުއްޖާގެ މަސައްކަތް ބަލައި ނުބައިވީ ކީއްވެގެންކަމާއި ރަނގަޅުކުރާނި މިހެން ހަދައިގެންކަން. ކުއްޖާ ކައިރިޔަށް ގޮސް ކިޔައިދެން. ޖެހުނު މައްސަލައަކީ މިއޭ. މިހެން ހެދީމައޭ ރަނގަޅުވާނީ. އެގޮތަށް ބުނެދެވިގެން ބޮޑަށް ނަތީޖާ ފެންނަނީ."

ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށިފަހުން  25 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ އަޙްމަދު ޒަކަރިއްޔާ ސަރ އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ކުޅުދުއްފުށީގެ އެންމެ ދުވަސްވީ އެއް ސްކޫލު ކަމުގައިވާ ހދ އަތޮޅު ތައުލީމީ މަރުކަޒު ގައެވެ. ވަގުތީ ޓީޗަރެއްގެ ގޮތުގައެވެ. 3 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ޢަފީފުއްދީން ސްކޫލުގައި 1 އަހަރާ ކުޑަދުވަސްކޮޅަކު މަސައްކަތް ކުރެއްވިއެވެ. 2006 ވަނަ އަހަރު ދާއިރާއިން އިތުރަށް ކިޔެވުމަށް ވަކިވިއެވެ. އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގެވި ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ – ދިވެހި ކޯސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު 2007 ވަނަ އަހަރު އަލުން ކިޔަވައި ދިނުމުގެ ދާއިރާއަށް ވެންނެވީ ޖަލާލުއްދީން ސްކޫލުންނެވެ. މިއަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖަލާލުއްދީން ސްކޫލުގައެވެ. ޑިގުރީ ހެއްދެވުމަށް 2013 އިން 2016 ވަނަ އަހަރުގެ މެދާ ހަމަޔަށް މާލޭގައި އުޅުއްވި ދުވަސްތައް ފިޔަވައެވެ.

ޓީޗިންގައި ދިވެހި މާއްދާ އިޚްތިޔާރު ކުރެއްވީ އޭރު ޖަލާލުއްދީން ސްކޫލުގައި ހުންނެވި ޕްރިންސިޕަލްގެ އެދިލެއްވުމަކާ ގުޅިގެންނެވެ.

"ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދިން އިރު ހިތަކަށް ނާރާ ދިވެހި ޓީޗިންގ އޭ ހަދާނީ. ދިވެހި ބަހޭ ކުރިމަގުގައި ކިޔަވައިދޭނީ. ޕްރައިމަރީގައި ދިވެހި ކިޔަވައިދޭން ނުވެސް ނުލިބޭ. އީ.އެސް، ހިސާބު، އިންގްލިޝް މިކަހަލަ މާއްދާތައް ގިނައިން ލިބެނީ. އެހެން ހުއްޓާ އޭރު ޖަލާލުއްދީން ސްކޫލުގައި ރަށަށް ނިސްބަތްވާ ދިވެހި ޓީޗަރަކު ނެތުމާ ވެސް އެކު، އަބަދުވެސް ޓީޗަރުން ބަދަލުވާތީއާ ޓީޗަރުން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތީމައާ އެކީ އެ ސްކޫލުން، އެ ހުށަހެޅުން ހުށަހެޅީމަ ދިވެހި ބަސް ކިޔަވައިދިނުމުގެ ޑިޕްލޮމާ ކޯހަށް ދިޔައީ."

އަޙްމަދު ޒަކަރިއްޔާ ސަރ ފާހަގަކުރެއްވީ އޭރުވެސް ދިވެއްސަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އެކިއެކި ޙަފުލާތަކާ މުބާރާތްތަކާ ގުޅިގެން ޅެމާ ލަވަ އަމިއްލައަށް ހަދަމުން ދިޔަ ކަމަށެވެ.

ކާމިޔާބީތައް:

ލިބުނު ކާމިޔާބީ ތަކުގެ ތެރޭގައި  ޑިގުރީއަށް ކިޔެވިއިރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ކޯސް ފުރިހަމަކޮށް ކޯހުން 1ވަނަ ލިބުނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށްދިން ތިލަދެކުނު އެވޯޑު ލިބިފައިވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމުވެސް ލިބުނެވެ. މި ހުރިހާ ކާމިޔާބީތަކަކަށް ވުރެ އަޙްމަދު ޒަކަރިއްޔާ ސަރއަށް ލިބޭ އެންމެ ބޮޑު ކާމިޔާބެއްކަމަށް  ޤަބޫލުކުރައްވަނީ، ކިޔަވައިދޭ ކުދިންނަށް ލިބޭ ރަނގަޅު ނަތީޖާއެވެ. ދަރިވަރުން ފޮނުވާ، އަގުވަޒަންކުރުމުގެ މެސެޖުތަކެވެ. ބެލެނިވެރިންގެ ފަރާތުން ލިބޭ ހިތްހެޔޮކަމުގެ ބަސްތަކެވެ.

ގަޑިއިރަކަށްވުރެ ގިނައިރަށް ދެމިގެންދިޔަ މި އިންޓަރވިއުގައި ފޫހިކަމެއްނެތި އެތައް ބައިވަރު ވާހަކަތައް އަޙްމަދު ޒަކަރިއްޔާ ސަރ ހިއްސާ ކުރެއްވިއެވެ. ކިޔަވައިދިނުމުގެ އިތުރުން ކުރައްވާ އިތުރު ހަރަކާތްތަކުގެ ލިސްޓުވެސް ވަރަށް ދިގެވެ. ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑަށް ފާހަގަވީ އަޙްމަދު ޒަކަރިއްޔާ ސަރ ގެ ހިތުގައި ދާއިރާއަށް އޮތް ޝައުގުވެރިކަމާ، އިޙުތިރާމާ، ލޯތްބެވެ. ގިނަ ކުދިންތަކެއްގެ މަގުބޫލު ޓީޗަރަކަށް ވާންޖެހުނު ސަބަބަކީވެސް އެއީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *