"ޓީޗަރު ވާންޖެހޭ ކައުންސިލިން ދޭ މީހަކަށް! ކުއްޖާގެ މަންމައަކަށް! ނޫނީ ބެލެނިވެރިއަކަށް!

އަޙްމަދު ހާމީ

މިއީ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ސެކަންޑަރީ ގްރޭޑުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ހދ.ކުޅުއްފުށީ ރަންނާޅި ވަދޫދާ އަޙްމަދުގެ އިންޓަރވިއު އިން ފާހަގަކޮށްލެވުނު ގިނަ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ.

2011 ވަނަ އަހަރުން ފެށިގެން ޓީޗިންގެ ދާއިރާގައި ހަރަކާތްތެރިވާ ވަދޫދާ މިސްއަކީ އެ ސްކޫލުގެ ގްރޭޑް 10 ގެ އިސްލާމް ޓީޗަރެވެ. ސެކަންޑަރީ ސްކޫލް އިމްތިހާނުގެ އިސްލާމް މާއްދާއަށް ކުދިން ތަރުބިއްޔަތުކޮށް، ކުދިންނާ ބެލެނިވެރިން އަދި ސްކޫލުން ބޭނުންވާ ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބުރަ ޒިންމާ އަދާކުރައްވަމުން ގެންދަވާ އެއް ޓީޗަރެވެ.

ޓީޗަރަކަށް ވުމަކީ ވަދޫދާ މިސް އެއްވެސް އިރެއްގައި ބޭނުންވި ކަމެއް ނޫނެވެ. ރަށު ތަޢުލީމު ނިންމާ މާލެއަށް ކިޔަވަން ދިޔައިރުވެސް ޓީޗަރަކަށްވުމަށް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް، ބޭނުންވި ދާއިރާއިން ކުރިޔަށް ދިޔުމަށް އޭރު ފުރުސަތެއް ނުލިބުނެވެ. ފުރުސަތު ތަނަވަސްވީ ޓީޗިންގެ ދާއިރާއިންނެވެ.

"އަޅުގަނޑު ދާހިތްވި ދާއިރާއެއް ނޫން މިއީ. ސްކޫލް ކިޔަވައި ނިންމާފަވެސް ހިތަށް އެރި ސްކޫލެއްގައި ދުވަހަކުވެސް ވަޒީފާއެއް އަދާ ނުކުރާނަމޭ. ސްކޫލަކަށް ވަންނާކަށް ބޭނުމެއްނުވި އޭރު. ކުރިޔަށް ދާން ބޭނުންވީ ނާރސިންގ ދާއިރާއިން! އެ ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތު ނުލިބުމުން ދެރަވެ ރުއިން!" ވަދޫދާ މިސް ފާހަގަކުރެއްވި އެވެ.

ކުއްލިޔާއިން ލިބުނު ފުރުސަތުގައި ފައުންޑޭޝަން ފުރިހަމަކޮށް ލީގަލްގެ ދާއިރާއިން ލޯ ކިޔަވަންވެސް ފުރުސަތު އޮތެވެ. ނަމަވެސް ވަދޫދާ މިސް އިޚްތިޔާރު ކުރީ ޓީޗިންގ ދާއިރާއެވެ. 2009 ވަނަ އަހަރު ބެޗްލަރސް އިން ދިރާސާތުލް އިސްލާމިއްޔާ ފުރިހަމަކޮށް، އޭގެ އަހަރެއް ފަހުން 2010 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ހާސިލްކުރީ މުޅި ކޯހުގެ 1 ވަނަ ދަރިވަރުގެ ގޮތުގައެވެ. ވަޒީފާގައި އުޅެމުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ކިޔެވުމަކީ ފަސޭހަކަމެއް ނޫނެވެ. މިހުރިހާ ގޮންޖެހުމަކާ އެކުވެސް ވަގުތު ހޯދައިގެން ވިލާ ކޮލެޖުން އިސްލާމް ޓީޗިންގ އިން މާސްޓަރސް ހާސިލް ކުރިއެވެ.

ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާތާ 14 އަހަރު ވެފައިވާ ވަދޫދާ މިސް ފުރަތަމަ ވެސް ޚިދުމަތް ކުރައްވަން ފެއްޓެވީ މިހާރު ވެސް ވަޒީފާ އަދާކުރައްވާ ޢަފީފުއްދީން ސްކޫލުގައެވެ. އެ ސްކޫލުގައި ފުރަތަމަ ފަހަރަށް ގްރޭޑް 8 އުފެއްދި އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ވަދޫދާ މިސް އަންނަނީ ޢަފީދުއްދީން ސްކޫލުގެ ސެކަންޑަރީ އިސްލާމް މާއްދާ ކިޔަވައި ދިނުމުގައި މެދުނުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުންނެވެ.

ޓީޗިންގެ ދާއިރާވީ ވަދޫދާ މިސް ހީކުރިގޮތާ މުޅިން ތަފާތު އިހުސާސްތަކެއް ގެނެސްދިން ދާއިރާއަކަށެވެ. ދިރިއުޅުމުގެ މާހައުލަށް ތައްޔާރުވުމަށް ދަރިވަރުންތަކަކަށް އެންމެ މާތް ދީނުގެ ވާހަކައިން ފިލާވަޅުތައް ނަގައިދީ، އުނގަންނައި ދިނުންވީ ރޫޙާނީގޮތުން ވެސް ފައިދާތަކެއް ގެނެސްދޭ ކަމެއްގެ ގޮތުގައެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ވެސް ދީނުގެ މުހިންމު އުސޫލުތަކުގައި ހިފެހެއްޓުމަށް ލިބޭ ހިތްވަރަކަށެވެ. އެއްޗެއް އޮޅުން ފިލުވައިދީ، އުނގަންނައިދެވޭ ކޮންމެ ފަހަރަކު އެ ދަރިވަރަކަށް އެކަން އެނގި ސާފުވުމުން އެ ލިބޭ އުފަލާއި ހިތްހަމަޖެހުން ބަޔާންކުރަން ވެސް ދަތިކަމުގައި ވަދޫދާ މިސް ފާހަގަކުރެއްވި އެވެ. މި ހުރިހާ ކަމަކާއެކު ކުރިން ނާރސިންގ ނުކިޔެވުމުން ދެރަވިޔަސް މިހާރު ދެރައެއް ވެސް ނުވެއެވެ.

ބުރަ މަސްއޫލިއްޔަތެއް؛

"އަމިއްލަ ކަމެއް ކުރުމަށް ވެސް ވަގުތެއް ނުލިބޭ. ވަރަށް ބުރަ މަސައްކަތެއް"

ހެނދުނު 6:40 ގައި ސޮއިކުރުމަށްފަހު މަސައްކަތް ފެށޭގޮތަށް ގިނަ ދުވަސްދުވަހު މަސައްކަތް ނިންމާ ގެއަށް ދެވެނީ މެންދުރުން އަނބުރާ 13:00 ޖަހާއިރު އެވެ. އިތުރު ހަރަކާތްތައް އޮންނަ ދުވަސްވަހު، ހަވީރު ނޫނީ ރޭގަނޑު މަދުވެގެން 1-2 ގަޑިއިރު އިތުރަށް ސްކޫލުގައި ހޭދަވެއެވެ. އެންމެ އުނދަގޫ ވަނީ ޓެސްޓު ދުވަސްވަރު، ސުކޫލުގައި ލިބޭ ވަގުތުކޮޅުގައި ޕޭޕަރުތައް ނުބެލޭތީ! އަބަދުވެސް ނިންމަން އޮންނަ ދުވަހަށް ޕޭޕަރުތައް ބަލައި  ނިންމާލެވެނީ ގޭގައި އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށްގެނެވެ. އެހެންކަމުން މިއީ ގެއަށް އާދެވުނުކަމަށް ވީ ނަމަވެސް ނުނިމޭ މަސައްކަތެކެވެ. ވަގުތުގެ ބުރަކަން މިހެން އޮތްއިރު ކިޔަވައި ދިނުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ވަކި ކުޑައެއް ނޫނެވެ.

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. މިޒާޖުގެ ގޮތުންނެވެ. ފެންވަރުގެ ގޮތުންނެވެ. ދިރިއުޅުމުގެ ޙާލަތުގެ ގޮތުންނެވެ. ވުމާއެކު އެއިން ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އެ ހުރިހާ ކަމަކާ ގުޅުވައި ބަލައިގެން ނޫނީ ރަނގަޅު ގޮތުގައި އެއްޗެއް އުނގަންނައި ދިނުމަކީ އުނދަގޫ ކަމެކެވެ.

ކަމެއްގެ ހުރި އުނދަގުލަކާ ފަސޭހަކަން ތަޖުރިބާ ކޮށްގެން ނޫނީ ނޭނގޭނެއެވެ. އެގޮތުން ކިޔަވައި ދިނުމުގައި ކުދިން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ހަމައެކަނި ޓީޗަރަކަށް ނޫނީ އިހުސާސް ނުކުރެވޭނެ އެވެ. ބައެއް ކްލާސް ނިމޭއިރު ވަރުބަލިވެގެން ގޮސް އަވަދިވާވަރު ފަހަރު އާދެއެވެ. ކުރިޔާ މިހާރު ވަރަށް ތަފާތެވެ.

ޓީޗަރުންގެ އޮނިގަނޑާއި 2 ސެޝަނަށް ކިޔަވައިދޭންޖެހޭ ސްކޫލަކަށްވާތީ ހުރި ދަތިތައް؛

މި ދާއިރާގައި ވަދޫދާ މިސް އެންމެ ހިތާމަކުރާކަމަކީ، މުސާރައިގެ އޮނިގަނޑު ބަދަލުވެގެން އައިއިރު، 2009 އަހަރު ބެޗްލާސް ޑިގްރީ ނިންމައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 14 އަހަރުގެ ތަޖުރިބާ ހުރި އިރުގައި ވެސް، އަދި މިހާރު މާސްޓަރސް ލެވެލްއަށް ކިޔަވާފައި ހުރި ނަމަވެސް، މުސާރައިގެ އޮނިގަނޑުގައި މި ސެޓްފިކެޓް ބަލައި ނުގަނެވޭތީއެވެ. އޮނިގަނޑު އޮތްގޮތުން މާސްޓަރސް ލެވެލްގެ ޓީޗަރެއްގެ ގޮތުގައި ބަލައި ގަންނަނީ މީގެ 4 އަހަރު ފަހުން ކަމަށް ވުމީ އެންމެ ބޮޑު ހިތްހަމަ ނުޖެހުމެވެ.

ޓީޗަރުންގެ އޮނިގަނޑު އޮތްގޮތުން މާދަމާ ބެޗްލަރސް އޮފް ޓީޗިންގ ނިންމާ ކުއްޖަކާ، ކުރިން ބެޗްލަރސް ނިންމާ ދާއިރާގައި ގިނަދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކާއި މުސާރައިގެ އޮނިގަނޑުގައި ތަފާތު ފެންނަން ނެތުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާކަމެވެ.

"އިންސާނުން ކުރާކަންކަމުގައި މިކަހަލަ ކުށް ހުންނާނެކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގޭ ހިސާބުން އެ ރަނގަޅު ކޮށްލުންވެސް އެއީ ކުރުން ހަމަ އެންމެ ރަނގަޅު ކަމެއްކަމަށް ދެކެމެވެ."

ސުކޫލާއި ދޭތެރޭގައި ކުރެވޭ އެންމެ ބޮޑު އުންމީދަކީ ހަދަން ފަށާފައިވާ އައު އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމެވެ. ދެ ސެޝަނަށް ސުކޫލުގެ ކިޔެވުން ކުރިއަށް ދާތީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. މިކަމުގައި ގިނަ ތަކުލީފުތަކެއް ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންވެސް އަންނަނީ އުފުލަމުންނެވެ. މިކަން ހައްލުވާން އޮތީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމި އެތަނުގެ ބޭނުން އަޅުގަނޑުމެންނަށް ކުރަން ފެށިގެންނެވެ. މިއީ ކުދިންގެ ތަރުބިއްޔަތާއި ކުދިންގެ ނަތީޖާއާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ.

ބެލެނިވެރިންނަށް

ނިންމާލުމުގެ ކުރިން ވަދޫދާ މިސް ބެލެނިވެރިންނަށް ޚާއްސަކޮށް މެސެޖެއް ދޭން ބޭނުންވިއެވެ.

"ހުރިހާ ކުދިންނާވެސް ގުޅިގެން އުޅެން ކުދިންނަށް ދަސްކޮށްދޭށޭ!  އެހެންކުދިން ދެރަވާ ޒާތު އެއްޗެހި ނުބުނަން ދަސްކޮށްދޭށޭ! ގޯސްކަންކަން ނުކުރަން ބުނެދޭށޭ! ކުދިންނާ އެކުގައި އުޅެން ފުރުސަތުދޭށެވެ! އަބަދުހެން އެކަން ހަނދާން ކޮށްދީ ކިޔައިދޭށޭ! އެކުދިންނަށް ރަނގަޅު ނުކުރެވުނަސް މާޔޫސްނުވާށޭ! ހިއްވަރުދޭށެވެ! އުންމީދު  ކަނޑާނުލާށެވެ! އެކުދިންނާއި ދޭތެރޭގައި އަބަދުވެސް ހެޔޮގޮތް އެދޭށޭ! ހެޔޮގޮތަށް އުންމީދު ކުރާށޭ! ސްކޫލް މާހައުލާ ގޭތެރޭގެ މާހައުލުން ބުނެދޭ ކަންކަން، ދިމާވެގެން ނޫނީ ކުދިންނަށް އެންމެ ރަނގަޅު ގޮތެއް ނުވިސްނޭނެ!"

ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޓީޗިންގެ ދާއިރާއިން ދުރަށްދާކަށް ވަދޫދާ މިސް ނުވިސްނައެވެ. ދަރިވަރުންނަށް ކިޔަވައިދީ އުނގަންނައިދިނުމުގައި ކުރިމަގުގައިވެސް އިރާދަކުރެއްވިއްޔާ ހުންނާނެ ކަމުގައި އިންޓަރވިއު ނިންމާލަމުން ވަދޫދާ މިސް ބުނުއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *