ދަރިވަރު ނޫހަށް ހަ އަހަރު ފުރުނީއެވެ. ހަ ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަމެވެ. ދަރިވަރު ނޫހުގެ ކާމިޔާބީ ގުޅިފައި ވަނީ ކިޔުންތެރިންނާއެވެ. އަދި ސްކޫލްތަކާއި ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ މިއަދާ ހަމައަށް މި ނޫސް ދެގޮތެއްނުވެ ކުރިއަށް ދިއުމުގެ އަސްލެވެ.
ދަރިވަރު ނޫހަކީ ތައުލީމީ ދާއިރާގެ ޚަބަރާއި މައުލޫމާތުތަކަށް ޚާއްޞަކޮށްގެން ވަކި ފަރާތަކަށް ނުޖެހި މައުލޫމާތު ގެނެސްދިނުމުގައި ދެމިއޮތް ހަމައެކަނި ނޫހެވެ. ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ކުރާ މުހިންމު ޚަބަރުތައް ގެނެސް ދިނުމަށް އަޅުގަނޑުމެން ވާނީ މަސައްކަތް ކޮށްފައެވެ.
ދަރިވަރު ނޫހުން ބަލަނީ ލިޔާ ކޮންމެ ލިޔުމަކުން، ގެނެސްދޭ ކޮންމެ ޚަބަރަކުން، ސްކޫލަކަށް، ދަރިވަރަކަށް، މުދައްރިސަކަށް، ބެލެނިވެރިއަކަށް އަދި ޖުމްލަކޮށް މުޅި މުޖްތަމައުއަށް މަންފާއެއް ކޮށްދިނުމަށެވެ. ލިޔާ ކޮންމެ ލިޔުމެއް ގެނެސްދީފައިވާނީ "ފައްސި" ވިސްނުމަކުންނެވެ. ޒިންމާދާރުކަމާ އެކުގައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ތައުލީމީ ގޮތުންނާއި މަސައްކަތުގެ ގޮތުން ހުނަރުވެރި ކާމިޔާބު އެތައް ދަރިވަރުންގެ ވާހަކަތައް އަޅުގަނޑުމެން ވާނީ ގެނެސްދީފައެވެ. އެއިން ކޮންމެ ދަރިވަރެއްގެ ވާހަކައިން އެހެން ދަރިވަރުންނަށް ހިތްވަރު ލިބެއެވެ. ކުރިއަށް ދިއުމުގެ ރޫހު އާ ކޮށްދެއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ދަރިވަރު ނޫހުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރަކީ ތަފާތު ކަންތައްކެއް ތައާރަފުކުރާނެ އަހަރެކެވެ. ދަރިވަރުންގެ ބައިވެރިވުން ބޮޑުކޮށް ސީދާ ގޮތެއްގައި އެ ދަރިވަރުންނަށް ފައިދާ ހުރި ކަންތައްތަކަށް އިސްކަންދޭނެ އަހަރެކެވެ.
ދަރިވަރު ނޫހަށް އެއްބާރުލުންދިނުމުގައި ދެމިތިބި އެންމެހައި ފަރާތްކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. ޚާއްޞަ ގޮތެއްގައި ސްކޫލްތަކާއި ތައުލީމީ މުއައްސަސާތަކާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނާއި ސްޕޮންސަރ ދެއްވާ ފަރާތްތައް މި ޝުކުރުގައި ޝާމިލު ކުރަމެވެ.
މާތް ﷲ އަޅަމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން.
advertisment
ހިޔާލު