ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ކޯސްތަކެއް ހިންގުމަށްފަހު ސެޓްފިކެޓްދިން މައްސަލަތަކެއް

ރާއްޖެއިން ބޭރުގައި ކޯސްތަކެއް ހިންގުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ، ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕުރޮގްރާމުތައް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ރާއްޖެއިން ބޭރުގެ ދަރިވަރުން ތަކަކަށް ދީފައިވާ ސަނަދުތަކަކީ ޞައްޙަ ސަނަދުތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން މި އޮތޯރިޓީގައި އެކިފަހަރުމަތިން އެދިފައިވާ ކަމަށެވެ. އަދި " މިގޮތަށް، ޕުރޮގްރާމުތައް ހިންގާ ސަނަދު ދިނުމަށް އެއްވެސް މަތީ ތަޢުލީމީ މަރުކަޒަކަށް ހުއްދަ ދެވިފައި ނުވާނެކަން ވާނީ އެ އިދާރާތަކަށް އަންގާފައި" ކަމަށެވެ.

އެމްކިޔުއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ަވާއިދު ނަންބަރު: 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) އަށް ޢަމަލުކުރަން ފެށި ތާރީޚުކަމުގައިވާ 10 ސެޕްޓެމްބަރ 2025 ގެ ކުރިން އެއްވެސް މަރުކަޒަކަށް މި އޮތޯރިޓީން ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕުރޮގްރާމުތައް ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައި ޕްރޮގްރާމް ހިންގުމަށްޓަކައި ޕުރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދޫކޮށްފައި ނުވާނެކަން 18 ފެބުރުއަރީ 2025 ގައި މި އޮތޯރިޓީން ނެރުނު ޢާއްމު އިޢުލާނެއްގައި ވާނީ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކޮށްފައިވާ މި ޢަމަލުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށްވާ ގެއްލުމަށް ޒިންމާވާންޖެހޭނީ އެކަން ކުރި މަރުކަޒުން" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާތަކާ މެދު ބިނާވެފައިވާ އިތުބާރާއި ޔަޤީންކަމަށް ބުރޫއެރުން އެކަށީގެންވާކަމަށާއި އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖެއިން ބޭރުގެ މަރުކަޒެއްގައި ހިންގަން ބޭނުންވާނަމަ، ގަވާއިދު ނަންބަރު: 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ހުއްދަ ހޯދުމަށްފަހު އެފަދަ ޕުރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވެސް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *