ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދޭން ނިންމައި އެކަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އިޢުލާނުކޮށްފައި ވާނެ ކަމަށާއި އެއީ އެ މަނިކުފާނު ޤަބޫލު ކުރައްވާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔަވަން ކަމަށެވެ. މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދޭން ނިންމާފައިވާކަން އިއުލާން ކުރެއްވިއެވެ.
އަދި " މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ. މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެ" ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު