އެމްއެންޔޫގެ އެޑިއުޓެކް ސިމްޕޯޒިއަމް ފަށައިފި

ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެޑިއުޓެކް ސިމްޕޯޒިއަމް 2025″ މިއަދު ފަށައިފިއެވެ.

އެބަދެއެވެ. މިސިމްޕޯޒިއަމްގެ މައިގަނޑު ތީމަކީ " ލެވަރޭޖިންގ އެޑިއުކޭޝަން ތްރޫ ދަ އެޑްވާންސްމެންޓް އޮފް ޓެކްނޮލިޖީ" އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި މިމަހުގެ 17 އިން 18 އަށް ކުރިޔަށްދާ މިސިމްޕޯޒިއަމްގެ މަޤްޞަދަކީ ޓެކްނޮލޮޖީގެ އެހީގައި އުނގެނުމާއި އުނގަންނައިދިނުމުގެ އެކި ހަރަކާތްތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ދެނެގަނެ އެކަންކަމާމެދު މަޝްވަރާކޮށް އެއްބަޔަކު އަނެއްބަޔަކަށް އީޖާދީ ވިސްނުންތައް ހިއްސާކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި މުދައްރިސުން ހިމެނޭގޮތުން ޖުމްލަ 85 އަށްވުރެ ގިނަ ފަރާތުން މިސިމްޕޯޒިއަމްގައި ބައިވެރިވެއެވެ. މީގެ އިތުރުން ރާއްޖޭގެ 6 ރަށެއްގެ ސްކޫލުތަކުން އެސްކޫލުތަކުގެ

ދަރިވަރުންގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދޭ ޖުމްލަ 7 ޕްރޮޖެކްޓެއް ވެސް މިސިމްޕޯޒިއަމް ތެރޭގައި ދައްކައިލުން އޮންނާނެ އެވެ.

މިސިންޕޯޒިއަމްގައި ހިނގާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ކީނޯޓް ތަގުރީރު ދިނުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމުގެ ފެންވަރު މަތިކުރެވިދާނެ އުކުޅުތައް ދައްކާލުމާއ،ި އުނގެނުމާއި އުނގަންނައިދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކްސް ބޭނުންކުރުން ފަދަ ކަންކަމާބެހޭ ވަރކްޝޮޕް ހިންގުމާއި ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަން ބޭއްވުންފަދަ ޝައުގުވެރި އެތައް ކަމެއް ހިމެނެއެވެ. ދިވެހިރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހުގެ ބައިވެރިވުން ހިމެނޭހެން ބާއްވާ މި ސިމްޕޯޒިއަމްގައި ބައިވެރިން ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ދެ ކެޓަގަރީއަކުން އެންމެ ރަނގަޅު ތިން ހުށައެޅުމެއް ހޮވައި "އެޑިއުޓެކް އެކްސަލަންސް އެވޯޑް" ގެ ނަމުގައި އެވޯޑް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އެވޯޑު ދޭނީ އަމިއްލަ ގޮތުންނާއި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒު ތަމްސީލުކުރާ ގޮތަށް ހުށައަޅާ ހުށައެޅުންތަކަށް ވަކިވަކީންނެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އަމާޒަކީ މި އަހަރުގެ ސިންޕޯޒިއަމްގެ ތަޖުރިބާއަށް ބަލައި، މިސިލްސިލާގެ ދެވަނަ ސިމްޕޯޒިއަމް މިއަހަރަށްވުރެ ފެންވަރުމަތިކޮށް އިތުރު އައު ކަންތައްތައް ހިމަނައިގެން ބޭއްވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *