ނޮޅިވަރަންފަރު ސްކޫލުގެ އާޔާގެ ނަތީޖާ، ރަށާއި ސްކޫލަށް ބޮޑު އުފަލެއް

އޭނާ އުއްމީދުކުރީ އޯލެވެލްގެ ގަދަ ހަތަރަކަށް، އެކަމަކު ލިބުނީ އެއްވަނަ

ސާނަވީ ނިންމާ އިމްތިޙާނުން އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދުމަކީ އެއީ ނޮޅިވަރަންފަރު ސްކޫލުގެ އާޔާ އަބްދުލް ރަޝީދަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ. އޯލެވެލް އިމްތިޙާނުގެ ކުރިން އޭނާގެ އުއްމީދު މަތި ނަމަވެސް އިމްތިޙާނަށްފަހު އޭނާ އުއްމީދު ކުރީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

"މިއީ އުއްމީދު ވެސް ކުރި ނަތީޖާއެއް ނޫން. ގަދަ ހަތަރެއްގެ ތެރޭގައި ލައްވާލާނެ ކަމަށް ވިސްނައިގެން ހުރީ ވެސް" ނަތީޖާއާ މެދު ސަޕްރައިޒްވެފައި ހުރި އާޔާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

"އެންމެ ބޮޑު ސަޕްރައިޒެއްވީ ހިސާބުން އޭ ސްޓަރއެއް ލިބުމުން. ހިސާބުން ދަށްވީމާ ޓިއުޝަން ވެސް ނެގިން"

އެކަމަކު އާޔާ ނުކުރާ އުއްމީދު ނޮޅިވަރަންފަރު ސްކޫލުން ކުރިއެވެ.

"އާޔާގެ ނަތީޖާއަކީ ސަޕްރައިޒެއް ނޫން ސްކޫލަކަށް. ކިޔެވުމަށް ބަލާއިރު އެއީ ނަތީޖާ ނެރެވޭނެ އަދި ނެރެމުން އައި ކުއްޖެއް" ޕްރިންސިޕަލް އަލީ އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާޔާގެ ނަތީޖާއަކީ އެ ސްކޫލުގެ ތާރީޚުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށާއި ފާއިތުވި ހަތަރު އަހަރެއްގެ ތެރޭގައި އެ ސްކޫލުގެ ދަރިވަރުން އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނެމުން އައި ނަމަވެސް މިހާތަނަށް އެއްވެސް ކުއްޖަކަށް އެއްވަނަ ލިބިފައިނުވާ ކަމަށެވެ.

"އާޔާ ހޯދީ ސްކޫލާއި ރަށަށް ވެސް ފަޚުރުވެރި ނަތީޖާއެއް" ޕްރިންސިޕަލް ވިދާޅުވިއެވެ.

އޯލެވެލްގެ ގަދަ ދިހައެއްގައި އެ ސްކޫލުގެ އިތުރު ދަރިވަރަކު ވެެސް މި އަހަރު ހިމެނުނެވެ. ގަދަ ދިހައެއްގެ ހަތަރު ވަނަ ލިބުނު މަރިޔަމް އިޝްމާ އަޙްމަދަކީ އާޔާގެ ބެސްޓްފެރެންޑެވެ. އޭނާއަށް ލިބުނީ ފަސް އޭ އާއި ތިން އޭއެވެ.

300 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ނޮޅިވަރަންފަރު ސްކޫލުގައި މި އަހަރު 23 ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާން ހެދިއެވެ. އެ ދަރިވަރުންގެ ތެރެއިން 60.87 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވެއެވެ.

ސައިންސް ސްޓްރީމުގައި ކިޔެވި އާޔާ ބުނީ، ކިޔެވުމަށް އަބަދުވެސް އިސްކަން ދިން ކަމަށާއި ކިޔަވަން އެންމެ ފަސޭހައީ ހަވީރާއި ރޭގަނޑުގެ ވަގުތު ތަކުގައި ކަމަށެވެ. ފިލާވަޅު ދަސްކުރަން އޭނާ ކުރާކަމަކީ ފޮތުންނާއި ނޯޓްސް ކިޔައިގެން ދަސްކުރުމެވެ. އެކަމުގައި އޭނާއާއެކު އިޝްމާ ބައިވެރިވެއެވެ.

އާޔާ ބުނީ، އޭނާގެ ނަތީޖާއަކީ ސްކޫލުން ކޮށްދިން މަސައްކަތުގެ ނަތީޖާ ކަމަށާއި އިތުރު ކުލާސްތަކާއި ސްޓަޑީކޭމްޕްތަކާއި ސުވާލު އުފެދޭ ކަންތައްތަކުގައި ބޭއްވި ވަން ޓު ވަން ސެޝަންތައް ކަމަށެވެ.

"ސްކޫލުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ނަތީޖާ ރަނގަޅު ކުރަން. އޭގެ ނަތީޖާ އެ ފެނުނީ" އާޔާ ބުންޏެވެ.

ރަށުން އޭލެވެލްއަށް ނުކިޔެވޭތީ، އާޔާގެ އޭލެވެލްގެ މަންޒިލަކީ ކައިރީގައި އޮތް ކުޅުދުއްފުއްޓެވެ. އޭނާގެ މިހާރުގެ ޓާގެޓަކީ އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

"އޭލެވެލްގެ ގޮތެއް އަދި ނޭނގެ. ބައެއް ކުދިން އެބަ ބުނޭ އޭލެވެލް ވަރަށް އުނދަގޫ ވާނެއޭ. ކިޔެވުން ފެށީމާ ވަކި ޓާގެޓެއް ކަނޑައަޅަން އެނގޭނީ ވެސް. އިރާދަކުރެއްވިއްޔާ ރަނަގަޅު ނަތީޖާއެއް ހޯދާނަން" އާޔާ ބުންޏެވެ.

އާޔާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. އޭގެ ކުރީ އަހަރުގެ ޑެޕިއުޓީ ކެޕްޓަނެވެ. ސްކޫލުގައި ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި އޭނާ ބައިވެރިވެއެވެ. އަދަބީ މުބާރާތްތަކުގައި ބައިވެރިވެއެވެ. އެއީ ކިޔެވުމުގެ އިތުރުން ލީޑަރޝިޕް ހުނަރު ހޯދަން ލިބުނު ރަނުގެ ފުރުޞަތެއް ކަމަށް އާޔާ ދެކެއެވެ.

އާޔާގެ އެކުވެރި ކިޔަވާ ކުދިންނަށް ދިން ނަސޭހަތަކީ، ޓާގެޓެއް ކަނޑައަޅައިގެން ކިޔެވަށެވެ. އޭރުން ނަތީޖާ ހޯދަން ފަސޭހަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *