އިމާދުއްދީން ސްކޫލުގެ އާލާ ބިންތް އިބްރާޙިމް އިބްނު ނަޞީރު، އެ ސްކޫލުގެ ކެޕްޓަންގެ މަޤާމަށް އުއްމީދުކުރީ ގުރޭޑް 7ން ފެށިގެންނެވެ. ފުރަތަމަ ހެދި އިމްތިޙާނުން ގުރޭޑުން އެއްވަނަ ލިބުނު ދުވަހަކީ އޭނާއަށް އެ މަޤާމަށް ދެވިދާނެ ކަމުގެ ހިތްވަރު އެންމެ ފުރަތަމަ ލިބުނު ދުވަހެވެ. އެ ދުވަހަށްފަހު އޭނާ ބެލީ ކިޔެވުމުގެ ބައިން އެއް ވާނެއްގައި ނަތީޖާ ހިފަހައްޓާށެވެ.
"ގުރޭޑް ހަތެއްގައި ނެގި ފުރަތަމަ ޓެސްޓުން އެއްމެމަތިން ލިބުނީމާ އަޒުމަކަށްވީ އެ ނަތީޖާ ދަމަހައްޓަން. އިރާދަކުރެއްވީތީ ގުރޭޑް 10އާ ހަމައަށް އައިއިރު ވެސް ކުލާހުން އެއްވަނަ ލިބުނު" ކެޕްޓަނަކަށް ވާން ފުރަތަމަ ކުރި މަސައްކަތް އާލާ ކިޔައިދިނެވެ.
ކެޕްޓަންކަމަށް އާލާއާ ވާދަކުރީ އެންމެ ދަރިވަރެކެވެ. ވާދަވެރި އިމްތިޙާބުގައި އާލާއަށް ލިބުނީ ދަރިވަރުންގެ 49 އިންސައްތަ ވޯޓެވެ. ކެޕްޓަންކަމުގެ ހުވާ އޭނާ ކުރީ ތައުލީމީ ގޮތުންނާއި އިތުރުހަރަކާތްތަކުން ގިނަ ޕޮއިންޓް ލިބިގެންނެވެ.
އާލާ ބުނީ، ކެޕްޓަނެއްގެ ޒިންމާއާއި މަސައްކަތް، ކުރިން ހީކުރި ވަރަށްވުރެ ބުރަކަމަށާއި އޭގެ ސަބަބުން ކިޔެވުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވެސް އައި ކަމަށެވެ.
"ކެޕްޓަނެއްގެ ޒިންމާ އާއި ކުރަން ޖެހޭ މަސައްކަތް ކުރިން ހީކުރިވަރަށްވުރެ ބޮޑު. ސްކޫލުގައި ހޭދަކުރަން ޖެހޭ ވަގުތު ވެސް ގިނަވީމާ ކިޔެވުމަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރުމަތިވި. ކިޔެވުމުގެ ފޯކަސް ގެއްލޭގޮތްވި" އާލާ ބުންޏެވެ.
ކިޔެވުމާއި އިތުރު ހަރަކާތާއި ކެޕްޓަނެއްގެ ޒިންމާއާއި ޓިއުޝަނަށް ދާން ޖެހުމުން ވަގުތުގެ މުހިންމުކަން އާލާއަށް އިހުސާސްވިއެވެ. ކިޔެވުމަށް ގެއްލެމުން ދިޔަ ފޯކަސް އޭނާ ހޯދީ ކޮންމެ ދުވަހަކު ކިޔަވަން ހޭދަކުރަން ޖެހޭ ވަގުތު އެ ދުވަހަކު ކަނޑައަޅައިގެންނެވެ.
"ކިޔެވުމާ ދުރުވެ ފޯކަސް ގެއްލެން ފެށީމާ އެކަމުން އަރައިގަންނަން ކޮންމެ ކަމަކަށް ވަގުތެއް ކަނޑައެޅީ. ކިޔަވަން ބޭނުންވަނީ ކިހާ ވަގުތެއްތޯ އަމިއްލައަށް ކަނޑައަޅައި، ކަންތައްތައް ތަރުތީބުކޮށް ރާވާލައިގެން ކުރިއަށް ގެންދިޔައީ. އާންމުކޮށް ކިޔެވުމަށް ބޮޑަށް ފޯކަސްކުރެވެނީ އިމްތިޙާނާ ކައިރިކޮށްފައި. އެންމެ ރަނގަޅު ގޮތަކީ އަބަދުވެސް ދުރާލާ ގަޑިކަޑައަޅައިގެން ކިޔަވަމުން ދިއުން" އާލާ ބުންޏެވެ.
އާލާއަކީ ބާސްކެޓް ކޯޓްގައި އިމާދުއްދީނުގެ މުހިންމު ކުޅުންތެރިއެކެވެ. ޝޫޓިންއަކީ ވެސް އޭނާ ގަޔާވެގެން ބައިވެރިވާ ކުޅިވަރެކެވެ. އެ ދެ ކުޅިވަރުން އިންޓަރ ސްކޫލުގެ މުބާރާތްތަކުގައި ވެސް އަންނަނީ ވާދަކުރަމުންނެވެ. އަދަބީ ހަރަކާތްތަކުގެ ތެރެއިން މަޒުމޫނާއި ވާހަކަ ލިޔުމުގެ މުބާރާތްތަކުގައި އޭނާ އަންނަނީ ސްކޫލް ތަމްސީލުކޮށްދެމުންނެވެ.
އޯލެވެލް އިމްތިހާނުން އެއްވަނަ ހޯދުމަކީ އެއީ އާލާގެ އެންމެ ބޮޑު އުއްމީދެކެވެ. ފިލާވަޅުތައް ދަސްކުރުމުގައި އާލާ ގެންގުޅެނީ އެކި މާއްދާތަކަށް އެކި އުކުޅުތަކެވެ. ހިސާބާއި ކެމިސްޓްރީ ފަދަ މާއްދާތައް ދަސްކުރަން ފަސޭހައީ ޕާސްޓް ޕޭޕަރާއި ސުވާލުއް ހަދައިގެންނެވެ. ބައޮލޮޖީ ދަސްކުރަން، އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ޔޫޓިއުބް ވީޑިއޯގެ ބޭނުން ހިފައެވެ. އިސްލާމް މާއްދާ އެންމެ ފަސާހައީ ފޮތް ކިޔައިގެން ދަސްކުރާށެވެ. ދިވެހި މާއްދާ އުނދަގޫވާތީ އެ މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން ޕާސްޓް ޕޭޕަރުތައް ހަދައި ޓީޗަރުންގެ ކައިރިން އަހައި އޮޅުންފިލުވައިގެންނާއި އަމިއްލައަށް ވެސް އިތުރު އެހީ އަންނަނީ ހޯދަމުންނެވެ.
އާލާ ބުނީ، އިމާދުއްދީން ކުރިއަށް ގެންދަން ޕްރިންސިޕަލް ގެންގުޅޭ ތަޞައްވުރު ތަންފީޒުކުރަން ހުރިހާ މުވައްޒަފުންނެކޭ އެއްގޮތަށް އިސްދަރިވަރުން ވެސް މަސައްކަތް ކުރާނެ މާހައުލެއް އެ ސްކޫލުގައި ޤާޢިމްކޮށްފައި އޮންނަ ކަމަށެވެ.
"ޕްރިންސިޕަލާއި މެނޭޖްމަންޓުން އަބަދުވެސް ބޭނުންވާނެ ސްކޫލަށް ދަރިވަރުންނަށް ކަމެއް ކޮށްދެވޭތޯ. އެ މޮޓޯގައި ހިފައިގެން އިސް ދަރިވަރުންގެ ގޮތުގައި މަސައްކަތް ކުރާ ދަރިވަރުން ވެސް ބޭނުންވާނެ ސްކޫލަށް ކަމެއް ކޮށްދެވޭތޯ. އަދި ކަންތައްތައް ކުރުމުގައި ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ ވެސް ބަލާނެ. އެހެން އެކަން ކުރާތީ މެނޭޖްމަންޓާއި ޓީޗަރުންނާއެކު ވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް"
ސިއްޙީ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ އާލާ މިހާރު ތައްޔާރުވަނީ މޮކް އިމްތިޙާނަށެވެ. އެ އިމްތިޙާނުން ލިބޭ ނަތީޖާއަކީ އޯލެވެލްއަށް ފުރަތަމަ ކުރަހާލެވޭ ޗާޓެވެ.
އާލާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާއަށް ދިމާވާ ކޮންމެ ކަމެއްގައި މަންމައާއި ބައްޕަ އަދި އާއިލާގެ މީހުން ތިބުމެވެ. އެ ފަރާތްތަކުގެ އެހީތެރިކަން އޭނާއަށް އަބަދުމެ ލިބެއެވެ.
އާލާއަށް އެދެނީ ކާމިޔާބަށެވެ.
ހިޔާލު