އަފީފުއްދީނުގެ ކެޕްޓަން ޒަކްވާން: އެންމެ އިސްކަމެއް ދެނީ އަޚްލާޤަށް

ބޭނުންވަނީ އެންމެ އަޚްލާޤު ރަނގަޅު ދަރިވަރުން ކިޔަވާ ސްކޫލަށް އެ ސްކޫލް ހަދަން

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވި، އަލީ ޒަކުވާން އަހުމީމް އެންމެ ބޮޑު އިސްކަމެއް ދެނީ އަޚްލާޤަށެވެ. ކެޕްޓަނަކަށް ވުމަށް އޭނާ ބޭނުންވި ސަބަބަކީ ވެސް އަޚްލާޤީ ގޮތުން އެންމެ ރަނގަޅު ދަރިވަރުންތިބި ސްކޫލަށް އެ ސްކޫލް ހެދަމަށެވެ.

ސްކޫލުގެ ތެރޭގައާއި ސްކޫލުން ބޭރުގައި، ދަރިވަރުން ތަމްސީލުކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޒަކުވާން ބޭނުން ވަނީ އަޚްލާޤަށެވެ.

"ކިޔާވާ ކުއްޖެއްގެ ކިބައިގައި ހުންނާނެ އެންމެ މުހިންމު ސިފައަކީ ރަނގަޅު އަޚާލާޤެއް ހުރުން. އަޚްލާޤު ރަނގަޅުވެއްޖެނަމަ ދެން ހުރި ކަންތައްތައް ރަނގަޅުވާން މަޖުބޫރުވާނެ" ޒަކުވާން ދެކޭގޮތް ދަރިވަރު ނޫހާ ހިއްސާކުރިއެވެ.

ޒަކުވާން ބަލަނީ އަބަދުވެސް ނަމޫނާ ދަރިވަރެއްގެ ގޮތުގައި އެހެން ދަރިވަރުންނަށް މިސާލަކަށްވާށެވެ.

ޒަކުވާން ބުނި ގޮތުގައި، ކެޕްޓަނަކަށްވާން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހުނީ ކިޔެވުމަށެވެ. ގުރޭޑް 9ގެ ފުރަތަމަ ޓާމުގެ ނަތީޖާއަށް ކުޑަ ދަށްވުމެއް އައުމާއެކު ދެވަނަ ޓާމުގެ ކިޔެވުމަށް އިތުރު ހިތްވަރެއްލައިގެން ނަތީޖާ ރަނގަޅު ކުރިއެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އެހެން ދަރިވަރުންނާ އޮންނަ ގުޅުން ވެސް ރަނގަޅު ކުރިއެވެ.

ކެޕްޓަންކަމަށް ޒަކުވާނާއެކު 4 ދަރިވަރުން ވާދަކުރިއެވެ. އެ ދަރިވަރުންގެ ތެރޭގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ވެސް ހިމެނެއެވެ. ވާދަވެރި އިންތިޚާބަކަށްފަހު، ކުރި ލިބުނީ ޒަކުވާނަށެވެ. އެކަމަކު ދަރިވަރުންގެ ވޯޓުން ކުރި ހޯދީ އޭނާގެ އެކުވެރިޔާއެވެ. ކެޕްޓަންކަން ޒަކުވާނަށް ޔަޤީންވީ ތަޢުލީމާއި އިތުރު ހަރަކާތްތަކުން ކުރި ލިބުމުންނެވެ.

ހުރިހާ މާއްދާއަކުން ވެސް ޒަކުވާން އަންނަނީ ޓިއުޝަން ނަގަމުންނެވެ. ދިވެހި މާއްދާއިން ޓިއުޝަން ނަގަނީ ވަކިންނެވެ. ޓިއުޝަން ނަގަނީ އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައި، ވަކިވަކި މާއްދާތައް މުޠާލިއާކޮށްލުމުގެ ބޭނުމުގައެވެ.

"އޯލެވެލްއިން އެއްވަނަ ހޯދުން އެއީ ޓާގެޓެއް. ބޭނުންވަނީ އޯލެވެލްއިން އެއްވަނަ ހޯދާ އަފީފުއްދީނުގެ ފުރަތަމަ ދަރިވަރަށް ވާން. އެހެންވެ ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ވެސް"

ޒަކުވާން ކިޔަވަނީ ރޭގަނޑުގެ ވަގުތުތަކުގައާއި ހެނދުނު ހެނދުނާ ހޭލައިގެންނެވެ. ގުރޫޕް ސްޓަޑީއަށްވުރެ ބޮޑަށް ފަސޭހައީ އެހެން މީހެއްގެ އުނދަގުލެއްގެ ނެތި އެކަނި އިނދެ ކިޔަވާށެވެ. އޭނާއެކު އުޅޭ ހުރިހާ ދަރިވަރުންނަކީ ވެސް ކިޔެވުމަށް އިސްކަންދޭ ދަރިވަރުންނެވެ. އަދި އެކުދިންގެ މެދުގައި އޮންނަ ގުޅުމަކީ ވެސް އެއް ރޫހެއްގައި ކުރިއަށް ދާން ޒަކުވާނަށް ލިބޭ ބާރެކެވެ.

"ވާދަވެރިކަން އޮތަސް ގުޅިގެން އުޅޭނީ. ކިޔެވުމަށް އެންމެން ވެސް އިސްކަންދޭނެ" ޒަކުވާން ދެކޭގޮތުގައި ރަނގަޅު ރައްޓެހިން ލިބުމަކީ ކުރިއަށް ދިއުމަށް ހުޅުވޭ ދޮރެކެވެ. އެކަކު އަނެކަކުގެ އެހީތެރިކަމާ އެކުގައެވެ.

ޒަކުވާނުގެ "ފޭވަރިޓް" ކުޅިވަރަކީ ފުޓްބޯޅައެވެ. އަދަބީ ހަރަކާތްތަކާއި ޤުރުއާން މުބާރާތްތަކުގައި ވެސް އޭނާ އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ޔުނީފޯމް ހަރަކާތްތަކުގެ ތެރެއިން ޒަކުވާނަކީ ކެޑޭޓްގެ މުހިންމު މެމްބަރެކެވެ.

ޒަކުވާން އުފާވަނީ އޭނާގެ ކިޔެވުމަށާއި ކުރިއެރުމަށް މަންމައާއި ބައްޕަ އަދި އާއިލާއާއި މުދައްރިސުންނާއި ސްކޫލުން ފޯރުކޮށްދޭ އެހީތެރިކަމެވެ. އޭނާއަށް ލިބޭ ކޮންމެ ކާމިޔާބެއްގައި އެ ހުރިހާ ފަރާތްތަކެއް ޝާމިލުވެއެވެ. އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަނީ ހިތުގެ އެންމެ ފުންމިނުންނެވެ.

އެދެނީ ޒަކުވާނަށް ކާމިޔާބީއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *